ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ކުޅިވަރުތައް މިރޭ ހަވާ އެރުވުމާ އެކު ބާއްވައިފި އެވެ.
ޖުމްހޫރީ މައިދާނުގައި ބޭއްވި ކުޅިވަރުގައި ބޮޑުބެރާއި ބޮޑެތި މީހުންގެ ސަގާފީ ނެށުންތަކާއި ސްކޫލު ކުދިންގެ ހުނަރުތައް ދައްކާލާފައި ވާއިރު ސިފައިންގެ ޕެރޭޑް ވެސް އޮތެވެ.
ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް އިހުޒަމާނުގައި ސިފައިން ކުރި މަސައްކަތްތައް މި ކުޅިވަރުތެރޭ ދައްކާލި އެވެ.
ކުޅިވަރު އައިޓަމްތަކަށް ފަހު، އިއްޒުއްދީން ފާލަމާ ދިމާލު ބޭރުން ވަނީ ފަސް މިނެޓެއްހާއިރު ވަންދެން ހަވާ އަރުވައިފަ އެވެ.
މި އަހަރުގެ މިނިވަންދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ ސައޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒުގެ ހާއްސަ މަންދޫބު، ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު އަދި ސައޫދީގެ ކެބިނެޓް މެންބަރު ޕްރިންސް ޑރ. މަންސޫރު ބިން މުތުއިބު ބިން އަބްދުލްއަޒީޒެވެ.
އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން އަދި ރާއްޖޭގައި ތިއްބެވި ބޭރުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިރޭ 8:30 ގައި ފެށި ކުޅިވަރު ހަރަކާތްތައް ބަލަން ޖުމްހޫރީ މައިދާން ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން އެއްވި އެވެ.