ރާޅުތަކުގެ ތެރޭގައި ބޮޑުވަމުން އަންނަ ވާދޫ ކުޑަކުދިން

ރާއްޖޭގެ ކޮންމެ ރަށެއް ވަށައިގެން ރީތި މޫދެއް އޮތް ނަމަވެސް، ދިވެހި ކުޑަކުދިން މޫދާ އެހާ ރައްޓެއްސެއް ނޫނެވެ. ކޮންމެ ހަފުތާ ބަންދެއްގައި މޫދަށް އެރި ސަކަރާތް ޖެހި ނަމަވެސް، މޫދުގައި ދައްކާލެވޭނެ ހުނަރުތަކަށް އެކުދިން ވަރަށް އަލެވެ. އެކަމަކު ގދ. ވާދޫން އަންނަނީ އެ ސަގާފަތް ބަދަލު ކޮށްލުމަށް މަސައްކަތް ކުރަމުންނެވެ.


ކުޑަކުދިންތަކެއް ބައިވެރިކޮށްގެން، ރާއްޖޭގައި މުޅިން އަލަށް ފެށި ރާޅާ އެޅުމުގެ މުބާރާތަކީ އޭގެ ހެއްކެކެވެ.

"އަސްލު ގިނަ ބެލެނިވެރިން ބިރު ގަންނަނީ ކަންނޭނގެ ކުޑަކުދިން މޫދަށް ފޮނުވަން. އެކަމަކު މޫދުގައި އެކުދިން އުޅޭގޮތް ރަނގަޅަށް މޮނީޓާކޮށް، އެކަމަށް ހާނުވައިފިނަމަ މޫދު ކުޅިވަރުތަކަށް މޮޅެތި ކުދިންތަކެއް އުފެއްދިދާނެ." މިނިވަން ދުވަހާ ގުޅުވައިގެން ވާދޫގައި ފެށި ރާޅާ އެޅުމުގެ މުބާރާތުގެ އެއް ޖަޖު، ޝަހުލާމް އަލީ ބުންޏެވެ.

ވާދޫ ރާޅާ އަޅާ ކުޑަކުދިންތަކެއް: ގިނަ ކުދިންތަކެއް ރާޅާ އަޅަން ޝައުގުވެރިވޭ-- ފޮޓޯ: ސާފް ސައުތު މޯލްޑިވްސް

އެ މުބާރާތުގައި އުމުރުން ހަތަރު އަހަރުން ފެށިގެން އަށް އަހަރާ ދެމެދުގެ 24 ކުޑަކުދިން ބައިވެރިވި އެވެ. އޭގެ ތެރޭގައި 11 އަންހެން ކުދިން ވެސް ހިމެނެ އެވެ.

އެއީ މުޅިން އަލަށް ރާޅާ އަޅާ ކުދިން ނަމަވެސް އެ ކުދިން ރާޅުތަކުގެ ތެރޭގައި އުޅޭތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. ކޮންމެ ދުވަހަކުހެން ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު ބެލެނިވެރިން އެތަން ބަލަން ތިބެ އެވެ.

"މިކުދިން މިގޮތަށް ޕްރެކްޓިސްކޮށްގެން ބޮޑެތި ވެއްޖެ ނަމަ ދުނިޔޭގެ ފެންވަރުގައި ވެސް ވާދަކުރެވިދާނެ،" ރާޅާއަޅާތާ ގިނަ ދުވަސްތަކެއް ވެފައިވާ ޝަހުލާމް ބުންޏެވެ.

ވާދޫގައި ރާޅާ އަޅާ ކުޑަކުދިންތަކެއް ބޯޑާއެކު: ގިނަ ކުޑަކުދިންތަކެއް ބައިވެރިވާ މި މުބާރާތް ފަސް ދުވަހަށް ދެމިގެންދާނެ-- ފޮޓޯ: ސާފް ސައުތު މޯލްޑިވްސް

ވާދޫއަކީ ރީތި ރާޅުތަކެއް ނަގާ ރަށެކެވެ. ބޭރުގެ ގިނަ ޓޫރިސްޓުން ވެސް އެ ރަށުގައި އޮންނަ ސާފިން ސްޕޮޓް، "ބްލޫ ބޯލް"އަށް ރާޅާއަޅަން ދެ އެވެ. އެހެންވެ، އެ ރަށަކީ މޮޅެތި ރާޅާ އެޅުންތެރިން އުފެއްދިދާނެ ރަށެއް ކަމަށް ވާދޫ ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ފަސް ދުވަހަށް ކުރިއަށް ގެންދާ މި މުބާރާތުގައި ވަރަށް ކުޑަކުދިން ވެސް، ރާޅުތައް މަތީ ރީތިކޮށް ސާފުބޯޑު ދުއްވާލަ އެވެ. ބައެއް ކުދިން ބޯޑު މައްޗަށް ކޮޅަށް އަރައި، އެކި ހުނަރުތައް ދައްކާލަ އެވެ. ކޮންމެ ކުއްޖެއް ވެސް ބޯޑު މައްޗަށް އަރާއިރު، ބެލެނިވެރިން އަތްޖަހައި، ސާބަސްދީ ހަދަ އެވެ.

"އެހެން ރާޅާ އަޅާތަން ފެނުނީމަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭ. ހާއްސަކޮށް ރާޅު މަތީގައި ބޯޑު މައްޗަށް ކޮޅަށް އަރައި ދުއްވާލުމުން އެހެން ކަހަލަ އިހުސާސެއް ކުރެވެނީ،" މުބާރާތުގައި ބައިވެރިވި އުމުރުން ހަތަރު ފިރިހެން ކުއްޖެއްގެ މަންމަ، ސާރާ މުހައްމަދު ބުންޏެވެ.

"ބޭނުންވޭ ދެން ހަގަށް ހުރި ކުދިން ވެސް މިގޮތަށް ރާޅާ އަޅަން ދަސްކޮށްދޭން،"

ވާދޫގައި ކުޑަކުދިންތަކެއް ރާޅާ އަޅަނީ: އެކުދިންގެ ބެލެނިވެރިންގެ ބޮޑު އެއްބާރުލުމެއް މިކަމަށް ލިބޭ-- ފޮޓޯ: ސާފް ސައުތު މޯލްޑިވްސް

ދަރިންނާއެކު ބައެއް މައިން ވެސް މި މުބާރާތުގައި ބައިވެރިވެ އެވެ. އޭގެ ތެރޭގައި ވަރަށް ޒުވާން އަދި އުމުރުން 50 އަހަރާ ގާތްކުރާ މީހުން ވެސް ހިމެނެ އެވެ.

މި މުބާރާތުގައި ބައިވެރިވާ އެންމެ ހަގު ކުދިންނަށް ފަހު، ފުރާވަރުގެ އަންހެން ކުދިންނަށް ވެސް ވަކި ކެޓަގަރީއެއް އޮންނަނީ ހާއްސަކޮށްފަ އެވެ.

ވާދޫގައި އަންހެން ކުއްޖަކު ރާޅާއަޅަނީ: އެ ރަށުގެ ގިނަ އަންހެން ކުދިން ވެސް ރާޅާ-- ފޮޓޯ: ސާފް ސައުތު މޯލްޑިވްސް

ޝަހުލާމް ބުނީ މިއީ ދިވެހި އަންހެން ކުދިން އާއްމުކޮށް ނުކުރާ ކަމެއް ނަމަވެސް، ވާދޫގައި އެ ހުނަރު ހުރި ޒުވާން އަންހެން ކުދިން ގިނަ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ކުދިން ވެސް ގިނަ ކަން އޭނާ ފާހަގަ ކުރި އެވެ.

"އަޅުގަނޑަށް ޔަގީން މި ކުދިން ބޮޑެތި ވެގެން ގައުމަށް ރީތި ނަން ހޯދައިދެވޭނެކަން،" ޝަހުލާމް ބުންޏެވެ.

ވާދޫގެ ގިނަ ޒުވާނުން މަސައްކަތް ކުރަނީ ރިސޯޓުތަކާއި އެކި ރަށްރަށުގައި ހިންގާ ވޯޓާ ސްޕޯޓްސް ސެންޓަރުތަކުގަ އެވެ. އަދި ރާޅުތަކުގެ ތެރޭގައި ބޮޑުވަމުން އަންނަ އެ ރަށުގެ ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ އުއްމީދަކީ ވެސް ހަމަ އެ ދާއިރާއިން ކުރިއަށް ދިޔުމެވެ.