މާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނަކު އައިސީޔޫގައި

މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނަކަށް އައިސީޔޫގައި ފަރުވާ ދެމުން އެބަ ދެ އެވެ.


އެނގިފައިވާ ގޮތުގައި އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ދެ ސައިކަލު ޖެހި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ އެއް ސައިކަލުގައި ތިބި ދެ ޒުވާނުންނަށެވެ. ށ. މަރޮށި، އެއްބަނޑު އެއްބަފާ އެ ދެ ޒުވާނުންގެ ތެރެއިން ސީރިއަސް ޒަހަމްތަކެއް ލިބުނީ، ކޮއްކޮ އިބްރާހިމް ވަސީމަށެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުގައި އެކްސިޑެންޓްވި އަނެއް ސައިކަލުގައި ތިބީ ސިފައިންގެ ދެ މީހެކެވެ. އެ މީހުންނަށް މާ ބޮޑު އަނިޔާއެއް ނުލިބޭ ކަމަށްވެ އެވެ.

"އެކްސިޑެންޓު ވުމާއެކު އިބްރާހިމް ވަސީމް ހޭނެތިއްޖެ. އޭނާގެ ބޯ ހުރީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި. ދެން އެތަނުން ދިޔަ އެހެން ސައިކަލެއްގެ ފަހަތަށް އޭނާ އަރުވައިގެން، ވަސީމްގެ ބޭބެއާ ތިން މީހުން އެއް ސައިކަލެއްގައި ހޮސްޕިޓަލަށް ގެންދިޔައީ،" ވަސީމްގެ އާއިލާގެ މީހަކު ކިޔައިދިނެވެ.

މިހާރު އޭޑީކޭގައި ފަރުވާ ދެމުން އަންނަ ވަސީމްގެ ހާލު އަދިވެސް ވަރަށް ސީރިއަސް އެވެ. އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް، ސިކުނޑިއަށް ލޭ އެޅިފައިވާއިރު އަދިވެސް ހެޔެއް ނާރަ އެވެ.

އައްޑޫ ފޭދޫގައި ވެސް ދެ ސައިކަލް ޖެހިގެން ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު އެ މީހުންގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް މިއަދު ވަނީ މާލެ ގެނެސްފަ އެވެ.

އެ ދެ މީހުންނަށް ވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ.

މިދިޔަ ރޯދަ މަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރު ވެސް ވި އެވެ. އަދި މި ފަހަކަށް އައިސް ހުޅުމާލޭގައި ވަނީ އެކްސިޑެންޓްތައް އިތުރުވެފަ އެވެ.