އެމްޑީޕީގެ ވެރިކަމުގައި އައްޑޫން ނެގި ގޯތިތައް އަލުން ހަވާލު ކުރަން ފަށައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އައްޑޫގައި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އިމާރާތް ކުރަން ހިތަދޫ މާމެންދޫން ގިނަ ބަޔަކަށް ދޫކޮށްފައި ހުރި ގޯތިތައް ބަދަލު ދޭ ގޮތަށް ދައުލަތަށް ނަގާފައި ވަނިކޮށް، އެ ގޯތިތައް އަލުން ދޫކުރުމުގެ މަސައްކަތް މިއަދު ހައުސިން މިނިސްޓްރީން ފަށައިފި އެވެ.


ހިތަދޫގައި އިމާރާތްކޮށްފައިވާ ފްލެޓް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ގޯތި އަލުން ހަވާލު ކުރި ބައެއް މީހުންނާ ވަނީ ގޯތީގެ ރަމްޒީ ރަޖިސްޓަރީ ހަވާލުކޮށް ދީފަ އެވެ.

ރަމްޒީ ރަޖިސްޓްތައް ހަވާލުކޮށް ދެއްވީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ހަސަން ޒަރީރާއި އަބްދުﷲ ޒިޔާދެވެ.

މިއަދު ހަވީރު ބޭއްވި ހަފުލާގައި ވަނީ 10 މީހަކާ ރަޖިސްޓަރީ ހަވާލުކޮށްފަ އެވެ. އަދި މިއަދު ހަވާލު ކުރަން ކަނޑައެޅި 30 ރަޖިސްޓަރީގެ ތެރެއިން ބާކީ ތިބި މީހުންނާ މިރޭ 8:00 ގެ ފަހުން، ހިތަދޫގައި ހުންނަ ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓް ރަޖިސްޓަރީ ހަވާލު ކުރަމުން ގެންދާނެ އެވެ.

ބިންތައް ހަވާލު ކުރަން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ހައުސިން މިނިސްޓްރީގެ އައްޑޫ އެކްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ ޒުހައިރު (އަބުހަރީ) ވިދާޅުވީ ބަދަލުދޭ ގޮތަށް، ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ދައުލަތަށް 800 އެއްހާ ގޯތި ނަގާފައިވާ ކަމަށެވެ.

އެ ގޯތިތައް އަލުން ހަވާލު ކުރާނެކަން މި ސަރުކާރުން އިއުލާން ކުރީ މިދިތަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ.

އެހެންވެ، އެ ގޯތިތަކުގެ ވެރި ފަރާތްތަކާ ގޯތި ހަވާލު ކުރަން ނިންމައި، ދެ ފަހަރެއްގެ މަތިން އިއުލާން ކުރުމުން ވެސް އެކަމަށް ހުށަހަޅާފައި ވަނީ ގޯތި ލިބުނު މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ކަމަށް ޒުހައިރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ގޯތި ނެގުނު ހުރިހާ ފަރާތްތަކާ އަލުން ގޯތިތައް ހަވާލު ކުރުން. ގަބޫލު ކުރެވެނީ މިކަމާ ބެހޭ މައުލޫމާތު އެކަށީގެންވާ ވަރަށް މީހުންނަށް ލިބިފައި ނެތީމާ، ގޯތީގެ ކަންކަމާ ނޫޅެވުނީ ކަމަށް. އެކަމަކު ނެގުނު ހުރިހާ ގޯއްޗެއް ވެސް އޭގެ ވެރިންނާ ހަވާލު ކުރެވޭނެ،" ޒުހައިރު ވިދާޅުވި އެވެ.

ގޯތީގެ ރަމްޒީ ރަޖިސްޓްރީ މިއަދު ގޯތި ލިބުނު މީހަކާ ހަވާލުކޮށް ދެނީ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްްޒު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމާޒަކީ ހުރިހާ ގޯއްޗެއް ވެސް އޭގެ ހައްގުވެރިންނާ އަންނަ މަހުގެ 26 ގެ ކުރިން ހަވާލު ކުރުން ކަމަށެވެ.

ޒުހައިރު ވިދާޅުވި ގޮތުގައި، އެ މުއްދަތުގެ ތެރޭގައި ހުރިހާ ގޯއްޗެއް ހަވާލު ކުރެވޭތޯ މަސައްކަތް ކުރައްވާނެ އެވެ.

"އެކަމަކު، އޭގެ މާނަ އަކީ އެ މުއްދަތުގެ ފަހުން ގޯއްޗާ ގުޅޭ ކަންކަން ކުރިއަށް ނުދާނެއެކޭ ނޫން. ގޯތި ލިބުނު މީހުންނާ އެކަމާ ގުޅޭ ލިޔުންތަކާ އެއްޗެހި ހުށަހަޅައިގެން ކުރިއަށް ގެންދަން ފުރުސަތު އޮންނާނެ." އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒުގެ ޓްވީޓް.

ޒަރީރު މިއަދު ވިދާޅުވި ގޮތުގައި ދައުލަތަށް ނެގި ގޯތިތައް އަލުން ހަވާލު ކުރުމުގެ މަސައްކަތް މި ފެށުނީ މިކަމާ ގުޅުން ހުރި މަސައްކަތްތައް ވަރަށް ބޮޑަށް ކުރުމަށް ފަހު އެވެ. އަދި މިއީ ރައީސް އަބްދުﷲ ޔާމީން އިސްކަމެއް ދެއްވައިގެން ކުރައްވަން ބޭނުންފުޅުވި ކަމެއް ކަމަށް ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅު ވަނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތްތަކެއް ފަހިކޮށް ދެއްވަން ކަމަށާއި އައްޑޫގެ ރައްޔިތުންތަކެއް އަތުން ދައުލަތަށް ނެގި ގޯތިތައް އަލުން ދޫކުރަން ފެށީ ވެސް އެ ސިޔާސަތުގެ ދަށުން ކަމަށެވެ.

"މިއަދު މި ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތާ ހަމައަށް އާދެވުނީ ވަރަށް ގިނަ ބަޔަކު ވަރަށް ބުރަކޮށް ކުރި މަސައްކަތުގެ ސަބަބުން. އަދި މިއީ ވަރަށް ގިނަ މަރުހަލާތައް ކަޑައްތު ކޮށްފައި ފެށުނު ކަމެއް،" އޭނާ ވިދާޅުވި އެވެ.

އައްޑޫގައި ސާކް ސަމިޓް ބާއްވަން 2011 ގައި އީސީސީ އިމާރާތް ކުރަން ނިންމައި، އޭރު ސަރުކާރުން ވަނީ އީސީސީ ހުރިި ސަރަހައްދަކީ ފަޅުރަށެއް ކަމަށް ކަނޑައަޅައި، އެ ސަރަހައްދު ކުރިއަށް އޮތް ތަނުގައި ތަރައްގީ ކުރަނީ ކޮންވެންޝަން ޓޫރިމަށް ކަމަށް ނިންމައިފަ އެވެ.

ނަމަވެސް، ނަޝީދުގެ ވެރިކަން ބަދަލުވުމުން މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު، އީސީސީ މިހާރު އަންނަނީ 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.