އައްޑޫ ރައްޔިތުންގެ އަތުން ސަރުކާރަށް ނެގި ބިންތައް އަލުން ހަވާލު ކުރަން ނިންމައިފި

އައްޑޫގެ ބައެއް މީހުންނަށް ކުރިން ދޫކޮށްފައިވާ ބިންތަކެއް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަދަލު ދޭ ގޮތަށް ސަރުކާރަށް ނަގާފައިވި ނަމަވެސް، އެ ބިންތައް އޭގެ ވެރިފަރާތާ ހަވާލުކުރާނެ ކަމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.


އައްޑޫން ސަރުކާރަށް އޮތް ތާއީދު އިދިކޮޅު ފަރާތްތަކަށް ދެއްކުމަށް "މަގެ ގައުމާ މަގޭ ދީނާ ނުކުޅެއްޗޭ" ގެ ނަމުގައި ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް އިސްވެ ހުންނަވައިގެން، މިއަދު ހަވީރު ހިތަދޫގައި ބޭއްވި ރެލީގައި މިނިސްޓަރު ސައީދު ވިދާޅުވީ، އައްޑޫގެ ރައްޔިތުންނާއި އައްޑޫގެ ތަރައްގީ އަށް މަސައްކަތް ކުރަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށެވެ.

"އަޅުގަނޑު މިއަދު މިކޮޅަށް [އައްޑު އަށް] އައި ފަހުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގުޅުއްވާފައި ވިދާޅުވި ނަޝީދުގެ ވެރިކަމުގައި ރައްޔިތުންގެ އަތުން ނެގި ބިންތައް ހަވާލުކޮށް ދޭން ނިންމާފައިވާ ވާހަކަ. އެހެންވެ އެ ވާހަކަ ދަންނަވައި ދިނުމަށް،" ސައީދު ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް އިސްވެ ހުންނަވައިގެން އައްޑޫ ހިތަދޫގައި ބޭއްވި ރެލީގައި ބައިވެރިވި ބައެއް މީހުން ގައުމީ ދިދަ ހިފައިގެން ޝުއޫރު ފާޅުކުރަނީ.

މުއިއްޒާ ހަވާލާ ދެއްވައި އޭނާ ވިދާޅުވީ އެ ބިންތައް ދުރު ނޫން މުސްތަގުބަލެއްގައި ރައްޔިތުންނަށް ހަވާލުކޮށް ދޭނެ ކަމަށާއި އެކަމާ ގުޅޭ އުސޫލު ވަރަށް އަވަހަށް ސަރުކާރުން އިއުލާން ކުރާނެ ކަމަށެވެ.

އައްޑޫގެ އިތުރުން އައްޑޫ ނޫން ސަރަހައްދުތަކުގެ ބައެއް މީހުންނަށް ވެސް ހިތަދޫ މާމެންދޫ ސަރަހައްދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލު ދޭ ގޮތަށް ސަރުކާރަށް ނެގީ، ނަޝީދުގެ ވެރިކަމުގައި 2011 ގައި ސާކް ސަމިޓް ބާއްވަން އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އިމާރާތް ކުރުމަށެވެ. އޭރު އެ ބިންތައް ނަގައި، އެ ސަރަހައްދަކީ މީހުން ދިރިނޫޅޭ ފަޅު ރަށެއްގެ ގޮތުގައި ވެސް ސަރުކާރުން ކަނޑައެޅި އެވެ

ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް އިސްވެ ހުންނަވައިގެން އައްޑޫ ހިތަދޫގައި ބޭއްވި ރެލީގައި ބައިވެރިވި ބައެއް މީހުން ގައުމީ ދިދަ ހިފައިގެން ޝުއޫރު ފާޅުކުރަނީ.

ރައީސް ޔާމީންގެ ސަރުކާރުން މިހާރު 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލު ކުރަމުން އަންނަ އީސީސީ އަކީ ރައްޔިތުންގެ އަތުން ނެގި ބިންތައް ހިމެނޭ ގޮތަށް އިމާރާތް ކޮށްފައިވާ ތަނެކެވެ. އެއީ މިހާރު ބައެއް މީހުން ގެތައް އިމާރާތްކޮށް އާބާދުވެ، އަދިވެސް އާބާދުވަމުން އަންނަ ސަރަހައްދެއްކަން ފާހަގަކޮށްލެވެ އެވެ.

މާމެންދޫން ގިނަ ބަޔަކަށް ބިން ދޫކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ.

ނަމަވެސް ނަޝީދުގެ ވެރިކަމުގައި ބައެއް ބިންތައް ނަގައި، ބަދަލު ދޭނެ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް އެކަން އެގޮތަށް ހިނގާފައި ނެތުމުން އެ މައްސަލާގައި ބައެއް މީހުން ކޯޓަށް ވެސް ގޮސްފައިވެ އެވެ. އަދި އެއީ އެތައް ބައެއްގެ ގިނަ ދުވަސްވީ ޝަކުވާއެކެވެ.