ސީ ލައިފްގެ 3،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މާދަމާ ރޭ ފަށަނީ

ސީ ލައިފް ގްލޯބަލް އިން ހުޅުމާލޭގައި އިމާރާތް ކުރުމަށް ނިންމާފައިވާ 3،000 ހައުސިން ޔުނިޓުގެ މަސައްކަތުގެ އެއްބަސްވުމުގައި މާދަމާ ހަވީރު ސޮއިކުރާ ގޮތަށް ނިންމައިފި އެވެ.


ދުބާއީގެ ކުންފުންޏަކާއި ދިވެހި ކުންފުންޏަކާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަ ކުންފުނި ސީ ލައިފް އިން ހުޅުމާލޭގައި އިމާރާތްކުރާ 3،000 ފްލެޓްގެ ބިންގާ އަޅާފައި ވަނީ އޭޕްރީލް 2، 2014ގަ އެވެ. ބިންގާ އަޅުއްވައި ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

ނަމަވެސް ފްލެޓްތަކުގެ އަމަލީ މަސައްކަތް ނުފެށި މިހާ ގިނަ ދުވަސްވީ، ސީ ލައިފްގެ މެނެޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު މިއަދު ވިދާޅުވި ގޮތުގައި، އިމާރާތް ކުރުމަށް ބޭނުންވާ ހުއްދަތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ލިބުން ލަސްވުމުންނެވެ. އެ ހުއްދަތައް ލިބުނީ މިދިޔަ ޖޫން މަހު ކަމަށް އޭނާ ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ ދަރުބާރުގޭގައި މާދަމާ ހަވީރު ބާއްވާ ރަސްމިއްޔާތެއްގައި ސޮއިކުރަނީ ފުރަތަމަ ފިޔަވަހީގެ ފްލެޓްތައް އިމާރާތް ކުރުމަށް ކަމަށެވެ. އެއީ 1،000 ހައުސިން ޔުނިޓެވެ. މި ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ ދަށުން 2،000 ހައުސިން ޔުނިޓް އިމާރާތް ކުރާނެ އެވެ.

ސީ ލައިފް ގްލޯބަލް އިން ހުޅުމާލޭގައި އިމާރާތް ކުރުމަށް ނިންމާފައިވާ ފްލެޓްތަކުގެ ކުރެހުމެއް: ފުރަތަމަ ފިޔަވަހީގެ ފްލެޓްތަކުގެ ކޮންޓްރެކްޓްގައި މާދަމާ ހަވީރު ސޮއިކުރާނެ.

"މާދަމާ ހަވީރު ކުރާ ސޮޔާއެކު ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް މި ފެށުނީ. މިހާތަނަށް ފްލެޓްތައް ބުކޮށް ކޮށްފައިވާ ފަރާތްތަކާއި އިތުރަށް ހުރި ޔުނިޓްތައް ބުކްކުރަން ބޭނުންވާ ފަރާތްތައް ވެސް މި ރަސްމިއްޔާތަށް ވަޑައިގެން ދެއްވުން އެދި ދައުވަތު އަރުވަން،" އަހުމަދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އަމާޒު ކުރަނީ ވަކި ފެންވަރެއްގެ ރައްޔިތަކަށް ނޫން. ކޮންމެ ފެންވަރެއްގެ ދިވެހި ރައްޔިތަކަށް ވެސް މިތަނުން ފްލެޓް ބައްލަވައިގަނެވޭނެ. އަޅުގަނޑުމެން މަސައްކަތް މިކުރަނީ، މި ފްލެޓްތަކުގެ ބިންގާ އެޅުއްވި ދުވަހު، ރައީސް ޔާމީން ވިދާޅުވި ގޮތަށް ޖާގައިގެ ގޮތުން ތަނަވަސްކޮށް، އާންމުކޮށް ވިއްކާ ފްލެޓްތަކަށް ވުރެ އަގު ހެޔޮކޮށް އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް."

ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ ޓްރީ ޓޮޕް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި އަޅާ ފްލެޓްތަކުގެ ފުރަތަމަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ސްރީ ލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނަނަޔަކަ އާއި ރާއްޖޭގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ކަމަށް ސީ ލައިފް އިން ބުންޏެވެ.

ސީ ލައިފްގެ ހައުސިން ޔުނިޓްތައް މިހާތަނަށް 400 މީހުން ބުކް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ 2018ގެ ކުރިން ފްލެޓްތައް ނިންމާލުން،" އަހުމަދު ވިދާޅުވި އެވެ.