ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެ ބޯޓެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޕާކު ކޮށްފައި އޮތް ގަތަރު އެއާވޭސްގެ މަތިންދާބޯޓެއްގައި މިއަދު އެއާ އޭޝިއާގެ ބޯޓެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.


"މިހާރު"އާ ވާހަކަ ދެއްކެވި، އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު 9:30 ހާއިރު ޖެއްސި އެއާ އޭޝިއާގެ މަތިންދާބޯޓުގެ ފިޔަގަނޑަކުން ޖެހި، އެކްސިޑެންޓް ވެފައި ވަނީ އޭޕްރަންގައި އޮތް ގަތަރު އެއާވޭސްގެ ބޯޓުގައި ކަމަށެވެ. އެ ހާދިސާ ހިނގީ އެއާ އޭޝިއާގެ ބޯޓު ޖެއްސުމަށް ފަހު، މީހުން ބޭލުމަށް އޭޕްރަންއާ ކައިރި ކުރަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ހާދިސާގައި ގަތަރު އެއާވޭސްގެ ބޯޓުގެ ފިޔަގަނޑަށް ގެއްލުން ލިބިފައި ވެ އެވެ.

އެ ހާދިސާ ހިނގިއިރު އެއާ އޭޝިއާގެ ބޯޓުގައި ފަސިންޖަރުން ތިބިއިރު، ގަތަރު އެއާވޭސް އިން ދިޔައީ ބޯޓު ފުރުވާލަން ބޯޑިން އަށް ތައްޔާރު ވަމުންނެވެ.

އެއާ އޭޝިއާގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުވި ބޯޓުން ފުރަން ތިބި ފަސިންޖަރުން މިރޭ ފުރުވާލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ގަތަރު އެއާވޭސް އިން އަންނަނީ އެހެން ބޯޓެއް ހަވީރު ގެނެސް، ފަސިންޖަރުން ފުރުވާލަން މަސައްކަތްކުރަމުންނެވެ. އެ ބޯޓު ފުރަން ހަމަޖެހިފައި ވަނީ ހަވީރު 6:30 ގަ އެވެ.

ވެލާނާ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އޮފިޝަލަކު ވިދާޅުވީ، އެ ހާދިސާ ތަހުގީގު ކުރަމުން އަންނާތީ އެއްވެސް ތަފުސީލެއް ދެވެން ނެތް ކަމަށެވެ. އަދި ދެ ބޯޓު އޮތީ އެ އެއާޕޯޓުގައި އެ މައްސަލައިގެ ތަހުގީގަށް ޕާކުކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޯޓަށް ލިބުނު ގެއްލުންތަކާ ބެހޭ ގޮތުން އެއްޗެއް ބުނަން އެނގޭނީ ތަހުގީގަށް ފަހު. ދެ ބޯޓު ވެސް އޮތީ އެއާޕޯޓުގައި،" އޭނާ ވިދާޅުވި އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުގައި އެއްވެސް ބޯޓަކަށް ބޮޑު ގެއްލުމެއް ވެފައި ނުވާ ކަމަށެވެ. އެ އިދާރާގެ ޓީމެއް އެއާޕޯޓު ގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެކްސިޑެންޓުވި ދެ ބޯޓު ވެސް ދޫކޮށްލާނީ އިންސްޕެކްޝަނަށް ފަހުގައި ކަމަށެވެ.