ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުން ފަސްކޮށްފި

މި މަހު 26 ގައި ހުޅުވަން ކުރިން ހަމަޖެއްސި ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުން ސެޕްޓެމްބަރު މަހަށް ފަސްކޮށްފި އެވެ.


އިމާރާތަށް ވަޑައިގެން ބައްލަވާލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ މި މަހު 26 ގައި ހަ ފްލޯ ހުޅުވަން ކުރިން ނިންމި ނަމަވެސް މަސައްކަތްތަކަށް ޑިލޭއެއް އައިސްފައިވާ ކަމަށެވެ.

އެކަމަކު މިހާރު ލަފާ ކުރެވެނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބައެއް ފްލޯތަކުގެ ހިދުމަތް ފަށަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ގާތްގަނޑަކަށް ސެޕްޓެމްބަރުގެ ތެރޭގައި މީގެ ބައެއް ފްލޯތަކުގެ ހިދުމަތްތައް [ފެށޭނެ]. ފުރަތަމަ ދެވަނަ އަދި ތިން ވަނަ ފަންގިފިލާ މިހިރީ ކޮންސަލްޓަންޓޭޝަން ރޫމްތަކަށް ހާއްސަ ކުރެވިފައި. މިހާރު މިއޮތް ކޮންސަލްޓެންޓުންގެ ޖާގައަށް ވެސް ހައްލު ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ދަރުމަަވަންތަ ހޮސްޕިޓަލްގެ އިމާރާތް. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިނިސްޓަރު ވިދާޅުވީ ހިދުމަތް ފެށުން ލަސްވީ މެޝިންތައް ލިބުމުގައި ދަތިކަމެއް ކުރިމަތިވެގެން ކަމަށެވެ. ހުރިހާ މެޝިނަރީއަކަށް އޯޑަރު ދީފައިވާއިރު އެ ތަކެތި ވަރަށް އަވަހަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު މުޅި ހޮސްޕިޓަލު އެއްކޮށް ނިންމައި ހިދުމަތް ފެށޭނެ ތާރީހެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

ހެލްތު މިނިސްޓަރު ނާޒިމާއި އައިޖީއެމްއެޗްގެ ވެރިން ވަނީ ނޫސްވެރިންނާ އެކު 25 ބުރިއަށް ވަޑައިގެން ވަކިވަކި ފްލޯތަކުގެ މަސައްކަތް ބައްލަވާލައްވައިފަ އެވެ. މިހާރު ކުރަމުން އަންނަނީ އިންޓީރިއާގެ މަސައްކަތްތަކާއި އިލެކްޓްރިކް މަސައްކަތްތަކެވެ. އިމާރާތުގެ ފިނިޝިންގެ ގިނަ މަސައްކަތްތަކެއް އަދިވެސް ނުނިމެ އެވެ. އިމާރާތުގެ ތިރީގައި އެމަޖެންސީ ކަރަންޓް ދިނުމަށް ޖަނަރޭޓަރުތައް ބެހެއްޓުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

އައިޖީއެމްއެޗްގެ އާ އިމާރާތާ އެކު 500 އެނދުގެ ކެޕޭސިޓީ އެ ހޮސްޕިޓަލުގައި ގާއިމް ކުރެވޭނެ އެވެ. އެއީ އައިޖީއެމްއެޗް ތޮއްޖެހުމަށް ހައްލު ލިބި އަވަހަށް ބޮޑެތި ހިދުމަތްތަކެއް ދެވޭނެ ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެމްއާރުއައި ފަދަ ހިދުމަތްތައް ނުލިބިގެން މިހާރު ވެސް ވަރަށް ގިނަ ބޭފުޅުން ކިޔޫގައި ތިއްބަވާކަން އެއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެމްއާރުއައި އާއި ސީޓީ ސްކޭން މެޝިންތަކާއި ލެބޯޓްރީގެ ސާމާނު އިތުރަށް ފުޅާކުރެވި ކޮންސަލްޓެންޓް ރޫމުތައް އިތުރު ކުރެވި އޮޕަރޭޝަން ޓިއޭޓަރުތައް އިތުރު ކުރެވި މިކަމުގެ ސަބަބުން ކިޔޫގައި ތިބެން ޖެހޭ ޖެހުން ހައްލު ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ދަރުމަަވަންތަ ހޮސްޕިޓަލާ ގުޅޭގޮތުން މިނިސްޓަރު މައުލޫމާތު ދެއްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހަމައެއާއެކު މިހާރު ރާއްޖެއިން ނުލިބޭ ފަރުވާތައް ވެސް އެ ހޮސްޕިޓަލުން ދޭން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި "އޯޕަން ހާޓް ސާޖަރީ"ގެ ހިދުމަތާއި ވަކި ހާއްސަ ޕްރައިވެޓް ރޫމްތަކުގައި ދޭ ހިދުމަތްތައް ވެސް ހިމެނެ އެވެ.

"ރާއްޖެ ވަޑައިގަންނަވާ ބޭރުގެ އިސް ބޭފުޅުންނާއި ބޮޑެތި މުއްސަދިން ރާއްޖެވަޑައިގަތުމަށް އޮތް އެއް ހުރަހަކަށް އޮންނަނީ އެ ބޭފުޅުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ޕްރައިވެޓް ރޫމް ނެތުން. އެކަމަށްވެސް ހައްލެއް ލިބިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ގުޅާލާފައިވާއިރު، އޯޕީޑީ އާއި އެކްސްރޭ އާއި އެމްއާރުއައި، ފިޒިއޯތެރަޕީ، ސްޕޯޓްސް ތެރަޕީ، އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓެއް އެ ހޮސްޕިޓަލްގައި ގާއިމް ކުރެ އެވެ.

މީގެ ތިން އަހަރު ކުރިން އިމާރާތް ކުރަން ފެށި ހޮސްޕިޓަލް އިމާރާތް ކުރަނީ ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަނުންނެވެ. އެ އިމާރާތުގެ ކުރެހުމަށް ވަނީ ބައިނަލްއަގުވާމީ އެވޯޑެއް ލިބިފަ އެވެ.