ހަމަހަމަ ފުރުސަތެއް ނުދޭނެ، އެއީ ޕްރެޝަރާ ހެދި އެޅުވި އަނދުނެއް: އިދިކޮޅު

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތަކާއި ރައްކާތެރިކަން ދޭން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެންގެވިޔަސް ސަރުކާރުގެ މުއައްސަސާތަކުން އެގޮތަށް އަމަލެއް ނުކުރާނެ ކަމަށާއި އެއީ، މިނިވަން އިންތިޚާބެއް ބާއްވަން ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ ޕްރެޝަރާ ހެދި ނެރުއްވި ބަޔާނެއް ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.


ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތާއި ސަލާމަތީ ކަންކަން ފޯރުކޮށްދޭން އެޓާނީ އޭޖީ އަނިލް އިއްޔެ ވަނީ ހައުސިން މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ވެސް އަންގަވައިފަ އެވެ.

މިގޮތަށް މި އެންގެވީ، ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ރިޔާސީ އިންތިޚާބަށް ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމުން ކެމްޕޭންކުރާއިރު، އެންމެ ކުޑަމިނުން އިދިކޮޅު ޕާޓީއެއްގެ ޖަލްސާއެއް ބާއްވަން މާލެ އިން ސަރުކާރުގެ ބިމެއް ނުވަތަ އިމާރާތެއް ދޫކުރަން ވެސް ދެކޮޅުހަދަމުން ދާ ދަނޑިވަޅެއްގަ އެވެ. އޭގެ އިތުރުން އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކެމްޕޭންގައި ހުޅުމާލެއަށް ވަޑައިގަތުމުން އޭނާއަށް ހަމަލާދޭން އުޅުނު މައްސަލަ ފުލުހުން ތަހުގީގު ނުކުރާ ކަމަށް ބުނެ އިދިކޮޅުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

އިދިކޮޅު ޕާޓީތަކުން ދެކޭ ގޮތުގައި، އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ ނިޔަތެއް ސަރުކާރުގައި ނެތެވެ. ސިޔާސީ ޕާޓީތަކަށް ގާނޫނުން ކަށަވަރުކޮށްދީފައިވާ ހައްގުތަކުން މަހްރޫމްކޮށް، ސިޔާސީ ހަރަކާތް ހިންގުން ހުއްޓުވާލާފައި ބޭއްވުމަށް ފަހު، ހަމަހަމަ ފުރުސަތާ ގުޅޭ ބަޔާނެއް އޭޖީ އަނިލް ނެރުއްވީ ބައިނަލްއަގުވާމީ މުޖުތަމައަށް ދައްކަން ކަމަށް އިދިކޮޅު ހަރަކާތުން ބުނެ އެވެ.

ސަރުކާރަށް ވަކި ކަންތައްތަކެއް އިސްލާހުކުރަން އަންގައި، އެކަން ނުކޮށްފި ނަމަ މި މަހުގެ ތެރޭގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީޔޫން ދީފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. އޭގެ އިތުރުން، މިނިވަން އިންތިޚާބަކަށް ބާރުއެޅުމަށް އދ.ގެ ވަފުދެއް ރާއްޖެ އައިސް ޕާޓީތަކާއި ސަރުކާރުގެ އެކި ބޭފުޅުންނާ މިހާރު ވެސް އަންނަނީ ބައްދަލުކުރަމުންނެވެ.

"އެޓާނީ ޖެނެރަލް އެންގެވި ގޮތަށް ހުރިހާ މުއައްސަސާތަކުން އަމަލުކުރާނެ ނަމަ ކިތަންމެހާ ވެސް ރަނގަޅު. އެކަމަކު ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ޕީއެސްއެމް ރައީސް ޔާމީންގެ ކެމްޕޭނަށް ހުސްކޮށް، ސިޔާސީ ލީޑަރުން ޖަލަށް ލައި، ސިޔާސީ ހަރަކާތްތައް ހިންގަން ހުރަސްއަޅަމުން ދާއިރު އެ އެންގެވުމާ އެއްގޮތަށް އަމަލުކުރާނެ ކަމަކަށް ނުބެލެވޭ،" ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވި އެވެ.

"އެންމެ ކުޑަ މިނުން، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލިބިދީފައިވާ ހައްގުތައް ހިފަހައްޓާފައިވާއިރު، އެފަދަ ބަޔާނެއް ނެރެ، ހަމަހަމަ ފުރުސަތު ދޭށޭ ބުންޏަސް އެކަމެއް ގަބޫލެއް ނުކުރެވޭ. އެބޭފުޅުންގެ ނިޔަތާއި އިޚްލާސްތެރިކަމެއް ނެތް، އެއީ އަޅުވާ އަނދުނެއް."

އެމްޑީޕީން ބުނީ އޭޖީގެ ފަރާތްޕުޅުން ބަޔާން ނެރުނުއިރު ވެސް އިންތިޚާބުގައި ހަމަހަމަކަން ގެއްލުވާލައި މިނިވަންކަމަށް ހުރަސްތައް ކުރިމަތިކޮށްފައިވާ ކަމަށެވެ. ސިޔާސީ ޕާޓީއަކުން އިޚްތިޔާރުކުރާ ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރަން ފުރުސަތު ނުދިނުމަކީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވި ގޮތުގައި، އެއްވެސް ކަމެއް ހަމަޔާއި އިންސާފުން ނުދާނެ ކަމުގެ ހެއްކެކެވެ.

"އަޅުގަނޑުމެން ޕާޓީގެ 52،000 މެމްބަރުންގެ ތެރެއިން، 43،000 މެމްބަރުން ވޯޓު ލައިގެން ހޮވި ކެންޑިޑޭޓު [ކުރީގެ ރައީސް މުހައްމަދު ނަޝީދު] އަށް ވާދަނުކުރެވޭ ގޮތަށް އޮތީމާ، އޭގެ މާނައަކީ ހަމަހަމަ ފުރުސަތުތަކުގެ ވާހަކަ ދެއްކުމުގެ ޖާގައެއް ސަރުކާރަކަށް ނެތޭ،" ހަސަން ވިދާޅުވި އެވެ.

ކެންޑިޑޭޓަކަށް އިބޫ އެމްޑީޕީން ހަމަޖެއްސީ، ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ހެދި އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނުދޭނެ ކަން އިލެކްޝަންސް ކޮމިޝަނުން އެންގުމުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓު ކެމްޕޭންގައި އުޅުއްވަނިކޮށް ތޫނު އެއްޗެއް ހިފައިގެން ހަމަލާދޭން ބަޔަކު މަސައްކަތް ކުރުމުން ވެސް މުއައްސަސާތަކުން އެކަށީގެންވާ ގޮތެއްގައި އަޅައެއް ނުލި އެވެ.

އިބޫ އަށް ހަމަލާދޭން އުޅުނު މީހާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.

އިދިކޮޅު ފަރާތްތަކާ ގުޅޭ މި ކަހަލަ މައްސަލަތަކުގައި ހިމޭންކޮށް އޮންނަ ފުލުހުން ބުނަނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަަމަށެވެ.

ހަސަން ވިދާޅުވި ގޮތުގައި ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމަކީ އިލެކްޝަންސް ކޮމިޝަން ނުވަތަ އެޓާނީ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ތާރީޚަކުން ފެށިގެން ކުރަން ޖެހޭނެ ކަމެއް ނޫނެވެ. ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތަކާއި ސަލާމަތްތެރި މާހައުލެއް ލިބުމަކީ އަބަދުވެސް އޮންނަން ޖެހޭނެ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެމްޑީޕީން ބޭއްވި ދޮރުން ދޮރަށް ހިންގާ ހަރަކާތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބޫ. ..---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

"ދެކޮޅުނުޖެހޭ ވާހަކަ އެ ބޭފުޅުން އެ ދައްކަވަނީ. އިލެކްޝަނުން މި އަންގަނީ ޖުލައި 1 ގެ ކުރިން ވާދަކުރާ ކެންޑިޑޭޓު ޕާޓީތަކުން ކަނޑައަޅަން ޖެހޭނެއޭ. އެއާ އެކު އެބަ ބުނޭ، ފުލުހުންނާއި އިލެކްޝަންސާ ދެމެދު ހެދި އެއްބަސްވުމުގައި އެބަ އޮވެޔޯ، އިންތިޚާބުގައި ކުރިމަތިލާން ހުޅުވާލައި ކެންޑިޑޭޓު ކަނޑައެޅުމުންނޭ ފުރުސަތު ދޭން ޖެހެނީ. އެ ހިސާބުންނޭ ކެމްޕޭނަކަށް ވާނީ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ހަމަހަމަ ފުރުސަތާ އެކު، ގާނޫނުގައި ކަނޑައަޅާފައިވާ ހައްގުތައް ވެސް ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ. އެކަމަކު ގާނޫނުން ކަނޑައަޅާފައިވާ ހައްގުތައް ނުދީ ހިފަހައްޓާފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.

"އެންމެ އަސާސީ ކަންކަން ވެސް ހިފަހައްޓައި ހުރަސްއަޅާފައި، މެދުތެރެއިން ފެށިގެން ދައްކަވާނެ ކަމެއް ނެތް ހަމަހަމަ ފުރުސަތާއި އެހެން ކަންކަމުގެ ވާހަކައެއް،" ހަސަން ވިދާޅުވި އެވެ.