ފ. އަތޮޅުގެ މަޝްރޫއު ނުފެށެނީ "ހެޔޮ އެދޭ މީހުން" ގިނަވީމަ: ރައީސް

ފ. އަތޮޅުގައި ހިންގަން އުޅުނު ބިޔަ މަޝްރޫއު ނުފެށުނީ "ހެޔޮ އެދޭ މީހުން" ގިނަވެގެން ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ރައީސް އަބްދުﷲ ޔާމީން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.


ސައުދީގެ ޝާހީ އާއިލާ އަށް ފ. އަތޮޅު ވިއްކަން އުޅޭ ކަމަށް ބުނެ އެ މައްސަލަ މީގެކުރިން ވަރަށް ބޮޑަށް ހޫނުވި އެވެ. އެކަމަކު، ސަރުކާރުން އޭރު ބުނީ ފ. އަތޮޅު ސައުދީ އަށް ވިއްކަން ނޫޅޭ ކަމަށާއި އެ އަތޮޅުގައި ސައުދީން ހިންގަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށެވެ. އޭރު ސަރުކާރުން ބުނީ އެ މަޝްރޫއު ހިންގުމަށް އިދިކޮޅު ފަރާތްތަކުން ހުރަސް އެޅި ކަމަށެވެ.

ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށާއި މާފިނޮޅުގައި އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް އިފްތިތާހު ކުރުމަށް ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ފ. ނިލަންދޫއަކީ ދިވެހިން ހުވަފެނުން ވެސް ނުދެކޭ ވަރުގެ ބިޔަ މަޝްރޫއެއް އަމާޒުވި ރަށެއް ކަމަށެވެ.

ރައީސް ޔާމީނާއި ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި މަޖިލިސް މެމްބަރުން ހޯރަފުށީގައި. - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

އެއީ ރާއްޖޭގެ ލޭންޑްސްކޭޕް ބަދަލުކޮށްލާ ވަރުގެ ބިޔަ މަޝްރޫއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އޭރު އެ މަސައްކަތް އޮތީ ފަށަން ތައްޔާރު ވެފައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއީ ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކަށް ބަލާ ނަމަ، ދުނިޔޭގެ ފެންވަރުގެ ގަދަ ތިނެއްގައި ހިމެނޭ ވަރުގެ މޮޑިއުލްއެއް ކަމަށެވެ. އެކަމަކު، އެ މަޝްރޫއު ފެށުން ލަސްކުރުމުގެ ގޮތުން، ބިން ނެތް ވާހަކަ އާއި ރާއްޖޭގައި މީހުން ދިރިއުޅޭނެ ގެދޮރު އަޅައި ދޭނެ ތަނެއް ނެތް ކަމަށް ބުނެ، ވާހަކަ ދައްކާފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެ މަޝްރޫއު ނުފެށި އުޅޭ ސަބަބަކީ އަޅުގަނޑުމެންގެ ތެރެއިން ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅުން ގިނަ ކަމުން. ދިވެހި ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅުން ތިއްބެވިލެއް ގިނަ ކަމުން،" މަޝްރޫއާ ގުޅޭ މާބޮޑު ތަފްސީލެއް ނުދެއްވައި ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން މިއަދު ހޯރަފުށީގައި.. - ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑުމެންގެ ތެރޭގައި ކަންކަން އޮންނަ އުސޫލަށް ބަލާއިރު، ބަަލަންވާނެ. ވަށައިގެން ކަންކަން ހިނގަމުން އަންނަ ގޮތް. ސަރަހައްދުގެ ކަންކަން ހިނގާ ގޮތާއި ބޭރުގެ ކަންކަން ހިނގާ ގޮތާއި އަޅުގަނޑުމެންގެ ތެރޭގައި ހިނގާ ސިޔާސީ އޮއިވަރުތަކާއި އަޅުގަނޑުމެންގެ ތެރޭގައި ތަރައްގީއާ ދެކޮޅަށް ހިންގާ ތަރައްގީގެ އޮއިވަރުތަކާ މެދުގައި ނަޒަރުކޮށްލަން ވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅުގައި ހިންގުމަށް ނިންމާފައިވާ އައިހަވަން މަޝްރޫއާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ މާފިނޮޅުގައި އަޅާ އެއާޕޯޓަކީ އައިހަވަންގެ މަޝްރޫއުގެ ބައެއް ކަމަށެވެ. އެ މަޝްރޫއުގެ ދަށުން ގިނަ އަދަދެއްގެ ބިންތަކެއް ހިއްކަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހޯރަފުށީގައި 4،000 ހެކްޓަރުގެ ތިލަ ފަޅެއް އޮތް އިރު، ރާއްޖޭގެ ބިމުގެ މުއްސަނދިކަން ނެތިފައި ކޮބައިތޯ ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ. ވޭތުވެދިޔަ ހަތަރު އަހަރާއި ބައިގެ ތެރޭގައި ސަރުކާރުން އިތުރު 20 ރަށް އުފަން ކުރި ކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވަނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ބިމުގެ ތަނަވަސްކަން މިހާރަށްވުރެ އިތުރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ރާއްޖޭގައި ބިން އެބަހުރި، ވަސީލަތް އެބަހުރި. ލޯން ނަގައިގެން ކަންކަން އެބަ ކުރެވޭ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއާޕޯޓުތައް އެބަ ހެދޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮންމެ ގައުމެއްގައި ވެސް ޑިމޮކްރަސީ އޮންނަން ވާނީ އެ ގައުމެއްގެ މަސްލަހަތާ އެއްގޮތަށެވެ. ރާއްޖޭގައި އޮންނަން ވާނީ ދިވެހި ވެއްޓާ ގުޅޭ އިސްލާމީ ފިކުރުގެ ޑިމޮކްރަސީއެއް ކަމަށާއި ރާއްޖެފަދަ އިސްލާމީ ގައުމެއްގައި އިސްލާމް ދީނާ ތައާރުޒުވާ، މުޅި ރައްޔިތުންގެ ހައްގު ގެއްލޭ ކަންކަން ހުއްދަ ނުވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.