މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ޒަމާނީ ފެންވަރަށް ހަދާފައި ފުޑް ކޯޓްތައް "ރާވެރިބޭ ކޮއްތުވެނި" ގެ ނަމުގައި ރައީސް އަބުދުﷲ ޔާމީން މިރޭ ހުޅުއްވައިދެއްވައިފި އެވެ.
ތިން ސައިޒެއްގެ ކެފޭތައް ހުންނަ އެފުޑް ކޯޓުތައް މިރޭ ރަސްމީކޮށް ހުޅުވި ނަމަވެސް މޭ މަހުން ފެށިގެން އެ ތަންތަނުން އަންނަނީ ހިދުމަތް ދެމުންނެވެ. ފުޑް ކޯޓްތައް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީންގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި މިނިސްޓަރުން ތިއްބެވި އެވެ.
މި ރަސްމިއްޔާތުގައި އެ ސަރަހައްދުގެ ރުކަކުން ޒުވާން ރާވެރިއެއް ފައިބައި، އެތަނަށް އައިސްފައިވާ ތަރައްގީއާ މެދު ހައިރާންވެގެން އުޅޭ މަންޒަރު ތަމްސީލަކުން ދެއްކި އެވެ. އަދި ހަތަރު ޒުވާނަކު ރައީސްގެ ހިދުމަތަށް ޒުވާނުންގެ ނަމުގައި ޝުކުރު އަދާކުރި އެވެ.
ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މީގެ ކުރިން އެ ސަރަހައްދަކީ "ހަޑިކޮށް" ދޫކޮށްލާފައި އޮތް ތަނެއް ކަމަށެވެ. އެތަން ތަރައްގީކޮށް "ރާވެރިބޭ މައިޒާން" ކިޔާ ޕާކަކާއި ފުޑް ކޯޓުތައް ހެދީ ރައީސް ޔާމީންގެ ލަފާގެ މަތިން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މިތަން ތަރައްގީވެގެން ދިއުމުން ވަރަށް ހިތް ހަމަޖެހިގެން އާއިލާތަކާއި އާއިލާތަކުގެ ހުރިހާ މެމްބަރުންނަށް. އާދެ ކުޑަ ކުދިންނާ އެކީގައި މިސަރަހައްދުގައި ވަގުތު ހޭދަކޮށްލެވޭނެ. ސަބަބަކީ މިތަނުގެ ތެރޭގައި މިވަނީ ޕާކެއް ތަރައްގީ ކުރެވިފައި. ޕާކްގައި ކުޑަކުދިން އުޅޭއިރު ކެފޭގައި އާއިލާ އެހެން މެމްބަރުންނަށް ވަގުތު ހޭދަ ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ގާތްގަނޑަކަށް 30 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އާ ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން ހެދީ ތިން ސައިޒެއްގެ ކެފޭތަކެވެ. އޭގެ ތެރޭގައި ހިމެނެނީ 960 އަކަފޫޓުގެ ތަންތަނާއި 1،260 އަކަފޫޓު އަދި 1،660 އަކަފޫޓުގެ ކެފޭތަކެވެ. އެތަންތަން އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާއިރު ގިނަ ތަންތަނުން ދަނީ ހިދުމަތް ދެމުންނެވެ.
ހުދު ސަތަރިން ހިޔާކޮށް ހުޅުވާލެވިފައިވާ ގޮތަަކަށް ޑިޒައިންކޮށްފައިވާ އެކެފޭ ތަކަކީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަނެވެ.
މީގެ ކުރިން އެކި ޑިޒައިންތަނަށް އަމިއްލަ މީހުން އެތަންތަން ހަދައި ހިދުމަތް ދިންއިރު ސާފު ތާހިރުކަމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވި އެވެ.