އައްޑޫން ގެއްލިގެން ހޯދަމުން ދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

އައްޑޫން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު، މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހިތަދޫ މީހެއް ކަމަށްވާ 80 އަހަރުގެ އަބްދުﷲ މަނިކުފާނު މަރުވެފައި އޮއްވައި ފެނުނީ މޫދުން ކަމަށެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 12:43 ގައި ކަމަށް ފުލުހުން ބުންޏެވެ.

ލިންކް ރޯޑާއި ކުދު މާހެރަ ނަމަކަށް ކިޔާ ފަޅު ރަށާ ދޭތެރޭން އަބްދުﷲގެ ހަށިގަނޑު ފެނުނީ ހެނދުނު 8:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އޭނާ ފެނުނުއިރު ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ވެ އެވެ.

އަބްދުﷲ އަކީ އާއްމުކޮށް އެ ސަރަހައްދަށް މޫދަށް ގޮސް އުޅޭ މީހެކެވެ. މޫދަށް ދިޔަ ގޮތަށް އޭނާގެ ހަބަރެއް ނުވުމުން، އޭނާ ހޯދަން ފެށީ އިއްޔެ ހަވީރެވެ.