އެފްރިކާ އިން ގަމަށް ނޮވެމްބަރު މަހު ދަތުރުތައް ފަށަނީ

ސައުތު އެފްރިކާގެ ޖޮހަނެސްބާގުން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސައުތު އެފްރިކަން އެއާވޭސް އިން ސީދާ ފްލައިޓްތަކެއް ބޭއްވުމަށް ނިންމައި މިއަދު އެކަން އިއުލާން ކޮށްފި އެވެ.


އަންނަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ފެށިގެން ކޮންމެ ހަފުތާއެއްގައި އެފްރިކާ އިން އައްޑު އަށް ދަތުރެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އެ ދަތުރުތަކުގައި އޭ340 މަރުކާރުގެ މަތިންދާބޯޓު ބޭނުން ކުރަން ނިންމާފައިވާއިރު، ކޮންމެ ހަފުތާއަކު 300 އެއްހާ ޓޫރިސްޓުން އެފްރިކާ އިން އައްޑު އަށް ގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މިހާރު ވެސް ސްރީލަންކަން އެއާލައިންސް އިން އަންނަނީ ލަންކާ އާއި އައްޑޫއާ ދެމެދު ދަތުރުތައް ބާއްވަމުންނެވެ.

ސައުތު އެފްރިކަން އެެއާވޭސްގެ ފްލައިޓެއް--

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެފްރިކާ އިން ރާއްޖެ އަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު މިހާރު އިތުރުވަމުން އަންނަ ކަމަށެވެ. އެފްރިކާ އާއި އައްޑޫ ގަމާ ދެމެދު ދަތުރުތައް ފެށުމާ އެކު، އެފްރިކާ އިން އަންނަ ޓޫރިސްޓުންގެ އަދަދުގެ ގިނަވެ އައްޑޫގެ އިގްތިސާދު ފުޅާވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސައުތު އެފްރިކާ އިން 9،000 އެއްހާ ޓޫރިސްޓުން މިދިޔަ އަހަރު ރާއްޖެ އައިސްފައި ވެ އެވެ.

އައްޑޫގައި ޓޫރިސްޓް ހޮޓަލެއްގެ ގޮތުގައި އީކުއޭޓާ ވިލެޖުގެ އިތުރުން ޝަންގްރިއްލާ ރިސޯޓާއި ހެރަތެރަ ރިސޯޓް އަންނަނީ ހިންގަމުންނެވެ. އެ ސިޓީގެ ޓޫރިސްޓު ބެޑް ކެޕޭސިޓީ އަކީ މިހާރު 800 އެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި، އައްޑު އަށް ބައިނަލްއަގްވާމީ އެއާލައިންތަކުން ދަތުރުތައް ފެށުމުން ގަން އެއާޕޯޓުން ދެކުނުގެ ރިސޯޓުތަކަށް ޓޫރިސްޓުން ގެންދިއުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާބޯޓުތަކާއި ޓީއެމްއޭގެ ސީ ޕްލޭންތަކުން ދެކުނުގެ ރިސޯޓްތަކަށް އައްޑޫން ޓޫރިސްޓުން ގެންދިއުމުގެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫގައި ޓީއެމްއޭ އިން ސީޕްލޭންގެ ޚިދުމަތް ދޭން ފެށި ނަމަވެސް އެކަށީގެންވާ ތަރުހީބު ނުލިބޭ ކަމަށް ބުނެ މިހާރު ވަނީ އެ ދަތުރުތައް ހުއްޓާލައިފަ އެވެ.

ގަން އެއާޕޯޓް ހިއްސާވާ ކާސާ ހޯލްޑިންސްގެ ވެރިޔާ ޗަމްޕާ ހުސައިން އަފީފް މިއަދު ވިދާޅުވީ، މިހާރު ސައުތު އެފްރިކާ އިން ރާއްޖެ އަށް ޓޫރިސްޓުން އަންނަނީ 12 ގަޑިއިރުގެ ދަތުރެއް ކޮށްފައި ކަމަށެވެ. އެކަމަކު، އައްޑޫ އަށް ސީދާ ދަތުރުތައް ފެށުމާ އެކު ހަތް ގަޑިއިރުން ރާއްޖެ އާދެވޭނެ ކަމަށް އަފީފް ވިދާޅުވި އެވެ.

އަފީފް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިއީ އައްޑޫގައި ގެސްޓް ހައުސްތައް ހިންގުމަށާއި ވިޔަފާރިތައް ފުޅާ ކުރަން ލިބޭ ބޮޑު ފުރުސަތެއް ކަމަށް އަފީފް ވިދާޅުވި އެވެ.

އެފްރިކާ އަކީ ރާއްޖެ އަށް ތަރުކާރީ އާއި މަހުގެ ބާވަތްތައް އެތެރެކުރާ ގައުމަކަށް ވާއިރު، ކޮންމެ މަތިންދާބޯޓެއް ގައި 20 ޓަނުގެ ތަކެތި ރާއްޖެ އެތެރެކޮށް، ރާއްޖޭގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ވެސް ހުޅުވައިލަން ވަނީ ނިންމައިފަ އެވެ.

އެ ދަތުރުތަކުގެ ޓުއާ އޮޕަރޭޓާ، "އެއާ ޓުއާ އޮޕެރޭޓާސް"ގެ މެނޭޖިން ޑިރެކްޓަރު ކޭތު ގޮވް ވިދާޅުވީ ރާއްޖެ އަށް އެފްރިކާ އިން ދަތުރުތައް ފަށަން ނިންމާފައިވާއިރު ޓޫރިސްޓުން ބޭނުންވާ ޚިދުމަތްތައް އައްޑޫން ލިބެން އެބަހުރި ކަމަށެވެ.

އެއާ ޓުއާ އޮޕެރޭޓާސްގެ މެނޭޖިން ޑިރެކްޓަރު ކޭތު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެފްރިކަން އެއާވޭސް އަކީ ދުނިޔޭގެ ގިނަ ގައުމުތަކަށް ދަތުރުކުރާ އެއާލައިނަކަށް ވުމުން އަލަށް ފަށާ ދަތުރުތަކާ އެކު ގިނަ ގައުމުތަކަކުން ރާއްޖެ އަށް ޓޫރިސްޓުން ގެންނާނެ ކަމަށް ވެސް ކޭތު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ތެރޭގައި އެފްރިކަން އެއާވޭސް އިން ހޮންކޮންގާއި އައްޑޫއާ ދެމެދު ވެސް ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށް ކޭތު ވިދާޅުވި އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފު ވިދާޅުވި ގޮތުގައި، 600 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން އެ އެއާޕޯޓް ތަރައްގީ ކޮށްފައިވާއިރު، ބައިނަލްއަގްވާމީ އެއާލައިން ތަކަށް ފުރުސަތު އެބައޮތެވެ.