ސިޔާމަކީ ރައީސް ޔާމީންގެ ވަފާތެރި އެކުވެރިއެއް: ނިހާން

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމާއި އެމްޑީއޭގެ ކޯލިޝަން އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި އެމްޑީއޭގެ ލީޑަރު، އަހުމަދު ސިޔާމަކީ ރައީސް އަބްދުﷲ ޔާމީންގެ ވަފާތެރި އެކުވެރިއެއް ކަމަށް، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.


ވިޔަފާރިވެރިޔާ ސިޔާމް، ރައީސް ޔާމީނާ ފެއަށް ޖެހިވަޑައިގެން އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަން އޮތީ، "ޔާމީން/ޝަހީމް2018" ކާމިޔާބު ކުރުމަށް ބަދަހިކަމާ އެކު ކަމަށެވެ. އަދި ދެ ޕާޓީގެ ކޯލިޝަން ބައްދަލުވުންތައް ވެސް ބަރާބަރަށް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާމް، ރައީސް ޔާމީނާ ފެއަށް ޖެހިވަޑައިގެން ކަމަށް އަޑުުފެތުރިފައިވަނީ އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން މާލެ އާއި އަތޮޅުތަކުގައި މިހާރު ފަށާފައިވާ ކެމްޕޭނުން ވެސް އޭނާ ނުފެންނާތީ އެވެ. އެއާ އެކު، މި ސަރުކާރާ އެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުން، ދެ ވަނަ ދައުރަކަށް ރައީސް ޔާމީން ކުރިމަތިލައްވާއިރު ވެސް އެމްޑީއޭ އިން އާނުކޮށް އޮތުމަކީ ވެސް އެ އަޑު ފެތުރުނު އެއް ސަބަބެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ލިޔެފައިވާ ގޮތުގައި، އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ރައީސް ޔާމީނާއި ސިޔާމްއާ ދެމެދު ޚިޔާލުތަފާތުވުންތަކެއް އުފެދި، ދެ ވަނަ ދައުރަކަށް ރައީސް ޔާމީނަށް ތާއީދު ނުކުރައްވަން ސިޔާމް ވަނީ ނިންމަވައިފަ އެވެ. އަދި ވަރަށް އަވަހަށް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަންނަވާނެ ކަމަށް ވެސް އެއް ބަޔަކު އަންނަނީ ބުނަމުންނެވެ.

ސިޔާމްގެ ވިޔަފާރީގެ މަސްލަހަތުތަކަކާ ގުޅުން ހުރި ބައެއް ކަންކަމުގައި އުފެދުނު ހިތްހަމަނުޖެހުން ބޮޑުވީ، އިދިކޮޅުގެ އެއްބަޔަކު ދެކޭ ގޮތުގައި، ރައީސް ޔާމީންގެ ރަނިންމޭޓަކަށް ސިޔާމް ހަމަނުޖެއްސެވުމުންނެވެ. ރައީސް ޔާމީން، ރަނިންމޭޓަކަށް އިޚްތިޔާރުކުރެއްވީ، ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވަސިޓީގެ މިހާރުގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ކެމްޕޭން ދަތުރެއްގައި ކަމަށް ވިދާޅުވެ، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިދިޔަ ހަފުތާގައި ސިންގަޕޫރަށް ވަޑައިގަތީ، ސިޔާމްއާ ބައްދަލުކުރައްވަން ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

އެކަމަކު އެ ދެ ޕާޓީގެ ވެސް ސަޕޯޓަރުން އަންނަނީ މި ވާހަކަތައް ދޮގުކުރަމުންނެވެ.