ކޯޓު އަމުރު ދޫކުރާނެ ފަނޑިޔާރުންގެ ތާވަލް ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ސުޕްރީމް ކޯޓުން އަންގައިފި

ޖިނާއީ މައްސަލަތަކާ ގުޅިގެން ކޯޓު އަމުރު ދޫކުރާނެ ފަނޑިޔާރުންނާއި އެ ފަނޑިޔާރުން އަމުރު ދޫކުރަން ޚާއްސަ ކޮށްފައިވާ ދުވަސްތަކުގެ ތާވަލް ހެދުމަށް ފަހު ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ސުޕްރީމް ކޯޓުން ކޯޓުތަކަށް އަންގައިފި އެވެ.


ޖިިނާއީ އިޖްރާއާތު ގާނޫނުގެ ދަށުން އެކުލަވާލައި، މިއަދު އަމަލުކުރަން ފެށި ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރާއާތުގެ ގަވާއިދު ބުނާގޮތުން ކޯޓު އަމުރު ދޫކުރާނެ ފަނޑިޔާރުން ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސޮއި ކުރައްވައި، ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ އާންމު ސިޓީއެއްގައިވަނީ ކޯޓު އަމުރު ދޫކުރާނީ އެ ކޯޓެއްގެ އިހްތިސާސް ހިމެނޭ ކަންކަމުގައި ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓުގެ ފަނޑިޔާރުންނާއި މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުން ކަމަށެވެ. އެހެންވެ، އަމުރު ދޫކުރުމަށް ހަމަޖެހިފައިވާ ފަނޑިޔާރުން ޚާއްސަ ކުރެވިފައިވާ ދުވަސްތައް އެނގޭ ތާވަލެއް ހެދުމަށް ފަހު ކަމާބެހޭ ފަރާތްތަކަށް ކޯޓުތަކުން އެންގުމަށް އެ ސިޓީގައި އަންގާފައިވެ އެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުން މިއަދު ނެރުނު އެހެން އާންމު ސިޓީއެއްގައި ކޯޓުތަކަށް އަންގާފައިވަނީ ކުރިއަށް އޮތް 10 ދުވަސް ވަންދެން އެ ގަވާއިދުގައި ބަޔާންކުރާ ކަންކަމާ ގުޅިގެން މިހާރު ވެސް ހުށަހަޅާ ފޯމްތަކުން ހުށަހެޅުމުން ކޯޓުތަކުން ބަލައިގަންނަމުން ދިއުމަށެވެ.