ތާރީޚީ އޮޕަރޭޝަނާ އެކު ޑރ. ޝާފިއު ތާރީހުގެ ތެރެއަށް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރި ހިތުގެ ބައިޕާސް އޮޕަރޭޝަންގައި އިސްކޮށް ބައިވެރިވެ ވަޑައިގެން، ދިވެހި ޑޮކްޓަރު މުހައްމަދު ޝާފިއު އަނެއްކާ ވެސް ތާރީހުގެ ތެރެއަށް ވަދެވަޑައިގެންފި އެވެ.


އޭނާ ވަނީ އިންޑިއާގައި ފުރަތަމަ ފަހަރަށް ހެދި ކުޑަކުއްޖެއްގެ ވަރަށް ނާޒުކު ހިތުގެ އޮޕަރޭޝަނެއްގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.

ރާއްޖޭގެ ފުރަތަމަ ކާޑިއޯތޮރޭސިކް އެންޑް ވެސްކިއުލާ ސާޖަންގެ ގޮތުގައި 2013 ގައި މަސައްކަތް ކުރައްވަން ފެއްޓެވި ޑރ. ޝާފިއު އިއްޔެ ވަނީ ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ކުރި، ހިތުގެ އޮޕަރޭޝަން އޭޑީކޭގައި ކުރައްވައިފަ އެވެ. ނުވަ ގަޑިއިރުގެ އެ އޮޕަރޭޝަނުގައި ދެން އޭނާއާ އެކު ބައިވެރިވެވަޑައިގެންނެވީ ނޭޕާލުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ރަންޖަން ސަޕްކޮޓާ އެވެ.

ބައިޕާސް އޮޕަރޭޝަނަކީ ހިތް ހުއްޓުމުން ނުވަތަ ހިތް ހުއްޓުމުގެ ނުރައްކާ އޮތް މީހުން ކުރާ އޮޕަރޭޝަނެކެވެ. މިއީ ހަށިގަނޑުގެ އެހެން ތަނަކުން ނާރު ނަގައި، ހިތާ ދިމާލުން ހަށިގަނޑުގެ ކޮންމެވެސް ތަނެއް ފަޅާލައިގެން، ހިތުގެ ނާރުތައް ބަދަލުކުރުމުގެ ވަރަށް ނާޒުކު އޮޕަރޭޝަނެކެވެ.

ދިވެހިންގެ ސަމާލުކަމަށް އެންމެ ފުރަތަމަ ޑރ. ޝާފިއު އައީ، އުފަންވި އިރު ހިތުގެ ބޮޑު މައްސަލައެއް ހުރި ތުއްތު ފިރިހެންކުއްޖެއްގެ ފުރާނަ ސަލާމަތްކުރަން 2015 ގައި އިންޑިއާގައި ކުރި ބޮޑު އޮޕަރޭޝަނުގައި ބައިވެރިވެވަޑައިގަތުމުންނެވެ. އޭރު އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ މުމްބާއީގެ ކޮކިލަބަން އަމްބާނީ ހޮސްޕިޓަލުގަ އެވެ.

އަށް ގަޑިއިރުގެ އެ އޮޕަރޭޝަންގައި ކުއްޖާގެ ހިތުގެ ވޭލްވެއް ނަގައި އެ ތަނަށް އެހެން ވޭލްވެއް ބަދަލުކޮށް، ސިންތެޓިކް ވޭލްވެއް ހެދުމުގެ އިތުރުން ހިތުގެ މައި ލޭ ހޮޅީގެ މައްސަލައެއް ރަނގަޅުކުރަން ޓިއުބެއް ވަނީ ލައްވާފަ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން ޑރ. ޝާފިއު މިއަދު ވިދާޅުވީ ރޭ އޭޑީކޭގައި ކުރި ތާރީހީ އޮޕަރޭޝަނަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ކުރެވޭނެ ވަސީލަތްތައް މިހާރު ތަރައްގީ ވެފައިވާ ކަމަށެވެ.

"މިއީ އަޅުގަނޑުމެން ވަގުތުން ވަގުތަށް ނެގި ޑެޒިޝަނެއް. ވަރަށް ކްރިޓިކަލް ކޭސްއެއް ވީމައި، އުނދަގޫތަކެއް ވެސް ދިމާވި. އެކަމަކު އޮޕަރޭޝަނުގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ކާމިޔާބުކޮށް،" ޑރ. ޝާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ހުރި ވަސީލަތްތަކުން، މިފަދަ އިތުރު އޮޕަރޭޝަންތައް ކުރުމުގެ ގާބިލްކަން ހޮސްޕިޓަލްތަކުގައި އެބަ ހުއްޓެވެ.

އޭޑީކޭ އާއި އައިޖީއެމްއެޗު ހިމެނޭ ގޮތަށް ރާއްޖޭގެ ސިއްހީ ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ސުޕަސްޕެޝަލިސްޓު ޑޮކްޓަރު، 2015 ގައި އިންޑިއާއަށް ވަޑައިގެންނެވީ އޭރު ރާއްޖޭން އެ ދާއިރާ އިން އެކަށީގެންވާ ކުރިއެރުން ލިބެން ނެތުމުން ކަމަށް ވިދާޅުވި އެވެ.

ޑރ. ޝާފިއު އޭރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާގެ އަމާޒަކީ ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގައި އޯޕަން ހާޓް ސާޖަރީ ހެއްދެވުން ނަމަވެސް، އެ ވަސީލަތްތައް ތަރައްގީ ނުކުރެވުން ކަމަށެވެ.

އެކަމަކު އޭގެ އަހަރެއްހާ ދުވަސް ފަހުން ޑރ. ޝާފިއު އެނބުރި ރާއްޖެ ވަޑައިގެން ހިދުމަތް ދެއްވަން ފެއްޓެވި ފަހުން، އައިޖީއެމްއެޗާއި އޭޑީކޭގައި ވަނީ ހިތުގެ ބަލިތަކުގެ ހިދުމަތް ވަރަށް ބޮޑަށް ފުޅާވެފަ އެވެ. އެގޮތުން ހިތުގެ ބައްޔަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗުގައި 2016 ވަނަ އަހަރު ކެތުލެބެއް ހުޅުވާފައިވާއިރު، އޭޑީކޭގައި މި އަހަރު ވަނީ އެންމެ ޒަމާނީ ކެތުލެބަކާއި ހިތުގެ އޮޕަރޭޝަނަށް ހާއްސަ ތިއޭޓަރެއް ވެސް ހުޅުވާފަ އެވެ.