އިންތިޚާބުގައި ވާދަނުކުރައްވަން އުމަރާއި ޝުޖާއު ނިންމަވައިފި

މި އަހަރުގެ ރިޔާސީ އިންތިޚާބު ގައި ވާދަނުކުރައްވަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިން މިއަދު ނިންމަވައިފި އެވެ.


އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން ދެ ގަޑިއިރަށް ވެފައި ވަނިކޮށް، އުމަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއަދުގެ ސިޔާސީ ހާލަތު އޮތް ގޮތުން، ހަރުދަނާ ސިޔާސަތުތަކާއި ގައުމު އަމާން މިސްރާބަކަށް ގެންގޮސްދޭނެ ލީޑަރުން އިންތިޚާބު ކުރުމަށް ވުރެ ބޮޑަށް، މި ފަހަރު ބަދަލުވެފައި ވަނީ ފެންނަ ނުފެންނަ ވޯޓަކަށް ކަމަށެވެ. އެހެންވެ، އެ އިންތިޚާބު ގައި ވާދަނުކުރައްވަން ނިންމެވީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން، އަޅުގަނޑުގެ ވަގުތު އަދި ނުޖެހޭ ކަމަށް ދެކޭތީ، އަޅުގަނޑާ މެދު އުންމީދު ކުރައްވާ ހުރިހާ ބޭފުޅުންގެ އަރިހުން މާފަށް އެދޭ ހާލު، މި ރިޔާސީ އިންތިޚާބުގައި ވާދަނުކުރަން އަޅުގަނޑު ނިންމައިފީމެވެ. ﷲ ގެ ވާގިފުޅާ އެކު އަޅުގަނޑުގެ ސިޔާސީ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" މި ފަހަރުގެ ރިޔާސީ އިންތިޚާބަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ބޭނުންވާ 1،500 މީހުންގެ ސޮއި ހަމަކުރައްވާފައިވާ ކަން ވެސް މިދިޔަ ހޯމަ ދުވަހު އިއުލާން ކުރެއްވި އުމަރުގެ ބަޔާނުގައި ވެ އެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުންނަވާނެ ކަމަށް އެންމެ ފުރަތަމަ އިއުލާން ކުރެއްވި އުމަރުގެ ވިސްނުން ބަދަލުވެ، އެ އިންތިޚާބަށް ނުނިކުންނަވަން ނިންމެވިއިރު އޭނާ ވަނީ ވެރިކަމުގައި ގެންގުޅުއްވާނެ ސިޔާސަތުތައް ވެސް ކުރިން އާންމު ކުރައްވައިފަ އެވެ.

އުމަރު ވަނީ 2008 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ނާކާމިޔާބުވެފަ އެވެ. އަދި 2013 ގެ ރިޔާސީ އިންތިޚާބުގެ ޓިކެޓް ހޯދެއްވުމަށް ޕީޕީއެމްގެ ޕްރައިމަރީގައި އޭނާ ވާދަކުރެއްވި އެވެ. އެކަމަކު، އެ އިންތިޚާބުގައި ކުރި ހޯއްދެވީ ރައީސް އަބްދުﷲ ޔާމީނެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަވީރު ހަތަރެއް ޖަހާއިރަށް ހަމަވާއިރު، މިހާތަނަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައި ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެކަންޏެވެ. އެ ބޭފުޅުންގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ހުށަހެޅުއްވި ހުސައިން ނަސީރުގެ ފޯމު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބާތިލް ކޮށްފަ އެވެ.

އޭނާގެ ފޯމު ބާތިލް ކުރީ، ކުރީ އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ނަމަ ހުށަހަޅަން ޖެހޭ 1،500 މީހުން ސޮއިގައި މައްސަލަތަކެއް އުޅުމުގެ އިތުރުން އޭނާގެ ރަނިންމޭޓެއްގެ ގޮތުގައި ހުށަހެޅި ޝައިޚް ނަސްރުﷲ މުސްތަފާގެ ކުށުގެ ރެކޯޑުގައި މައްސަލަތަކެއް އުޅޭތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެ އެވެ. އަދި ދަފްތަރުގައި ރަޖިސްޓަރީ ވެފައިވީ ނަމަވެސް އައްޑޫ ހިތަދު އަށް އުފަން ނަސީރުގެ ދާއިމީ އެޑްރެސްގައި މައްސަލަތަކެއް އުޅޭ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައި ވެ އެވެ.

އިންތިޚާބު ގައި ވާދަނުކުރަން ނިންމެވިކަން އިއުލާން ކުރައްވައި ޝުޖާއު ނެރުއްވި ބަޔާނުގައި ވިދާޅުވީ، މިދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގައި އުފެދިފައި ވަނީ ގޮށްމުށުގެ ބާރުން ހިންގާ ކުދިކުދި 'ޑިކްޓޭޓަޝިޕް' ތަކެއް ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ، އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމްގެ ތެރޭގައި އެއްވެސް ޑިމޮކްރެސީ އެއް ނެތް ކަމަށާއި އެ ޕާޓީތައް ހިންގަނީ ވަކި ފަރުދުންތަކެއްގެ އަމިއްލަ ސިޔާސީ ހައިހޫނު ކަމަށް ތަސައްލީ އެއް ހޯދުމަށް ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"ގައުމަށް ޑިމޮކްރަސީ ގެނައުމުގެ ނަމުގައި ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް މުހައްމަދު ނަޝީދު، ގާސިމް އިބްރާހީމް، ޝެއިހް އިމްރާން އަބްދުﷲ ރައްޔިތުންނަށް ހެއްދެވީ އިތުރުފުޅެވެ. ގައުމުގެ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެ، ގައުމުގެ މުޅި ދުސްތޫރީ ނިޒާމު ގަޑުބަޑު ކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ" ޝުޖާއު ވިދާޅުވި އެވެ.