ސައި ހޮޓާ/ރެސްޓޯރަންޓުތަކާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށްފި

ކުރިއަށް އޮތް އަޟްހާ ބަންދު ދުވަހާ ދިމާކޮށް، އިމްޕޯޓް މުދާ ވިއްކާ ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިކޮނޮމިކް މިނިސްޓްރީން މިއަދު އިތުރުކޮށްދީފި އެވެ.


އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ، އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރާ ތަންތަން މާދަމާ އިން ފެށިގެން މި މަހުގެ ނިޔަލަށް ރޭގަނޑު 11 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ. މިހާރު އެ ތަންތަން ބަންދުކުރަން ޖެހޭ ގަޑިއަކީ ރޭގަނޑު 10:00 އެވެ.

އަދި ސައި ހޮޓަލާއި ކެފޭ، ކެންޓީނުތައް ވެސް ދަންވަރު އެކެއް ޖަހަންދެން މި މަހުގެ ނިޔަލަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެ ތަންތަން މިހާރު ހުޅުވާފައި ބެހެއްޓެނީ ރޭގަނޑު 12 ޖަހަންދެންނެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ، އީދާ ދިމާކޮށް، ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަމުންދާއިރު، ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. އަދި މިއީ ވިއްސާރަ ދުވަސްވަރަކަށް ވުމުން ލުއި ފަސޭހަ ގޮތެއް ހަމަޖައްސައި ދިނުމަކީ ވެސް ބޭނުމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.