އެކުވެރިވުމަށް ރައީސް ޔާމީން ގޮވާލައްވައިފި

އެއްބައިވަންތަވެ އެކުވެރިކަމާއެކު ދިވެހިން ކުރިއަށް ދިއުމަށް ރައީސް އަބްދުﷲ ޔާމީން މިރޭ އިލްތިމާސްކުރައްވައިފި އެވެ.


މާދަމާ ފާހަގަކުރާ އަޟްހާ އީދުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ޔާމީން ވިދާޅުވީ އިސްލާމްދީން އެއްބައިވަންތަކަމަށް ބާރުއަޅައި މިންވަރު ހައްޖުގެ މަތިވެރި އަޅުކަމުން އެނގިގެންދާ ކަމަށެވެ. އެހެންވެ، ދިވެހިން އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އިލްތިމާސް ކުރެއްވި އެވެ.

"އަޟުޙާ ޢީދުގެ މުނާސަބަތަކީ، މުސްލިމުންގެ މެދުގައި ހިތްހެޔޮކަމާއި އުފާވެރިކަމުގެ ޝުޢޫރުތައް ފާޅުކުރުމުގެ މުނާސަބަތެއް. ދިވެހިންގެ މެދުގައި އޮތް އެއްބަނޑުއެއްބަފާކަމާއި، އަޚުވަންތަކަމުގެ ގުޅުން ގާއިމުކޮށް ދެމެހެއްޓުމުގެ މުހިއްމުކަން ހިތްތަކަށް ގެނެސްދޭ އުފާވެރި މުނާސަބަތެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސްގެ މެސެޖުގައި އީދުގެ ހެޔޮއެދުންތަކާއި ތަހުނިޔާ މުޅި އިސްލާމީ އުންމަތަށް ފޮނުއްވާފައިވެ އެވެ.

އީދުގެ މުނާސަބަތުގައި މިހަފުތާ އެއްކޮށް ސަރުކާރު ބަންދުކޮށްފައި ވާއިރު ގިނަ ބަޔަކު އަންނަނީ އެކިކަންކޮޅުތަކުގައި އީދުގެ އުފާ ފާހަގަކުރަމުންނެވެ.