މިިދިޔަ އަހަރު ބ. ކެންދޫގައި އީދު ފާހަގަކުރުމަށް ނައުކޮޅު ކުޅިވަރު ކުރިއަށް ގެންދަނީ: މި އީދުގައި ކަނޑުދަތުރުފަތުރު ނުކުރެވޭ ވަރަށް މޫސުން ގޯސްވާނެ ކަމަށް ލަފާނުކުރެވޭ ކަމަށް މެޓް އޮފީހުން ބުނި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
02 ޖޫން 2025 - 13:21
ކަނޑުދަތުރުފަތުރު ނުކުރެވޭ ވަރަށް ބޮޑު އީދު ބަންދުގައި މޫސުން ގޯސްވާނެ ކަމަށް އަދި ލަފައެއް ނުކުރެވޭ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ އީދު ބަންދުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކޮންމެވެސް ވަރަކަށް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވައިޖެހޭނީ އާންމު ގޮތެއްގައި އެވްރެޖުކޮށް 10 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް ބެލެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ކަނޑުތައް އެންމެ މަޑުނުވިޔަސް، ކަނޑުދަތުރުފަތުރު ނުކުރެވޭ ވަރަށް ގަދަވާނެ ކަމަށް ލަފާނުކުރެވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް، ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި އަހަރުގެ ބޮޑު އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ. އަދި ހައްޖު ދުވަހާ އެއްކޮށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ވާނެ އެވެ.
ކޮންމެ އަހަރަކު ވެސް އީދު ބަންދާ ދިމާކޮށް މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރެ އެވެ. އަދި މިފަހުން ގިނަ އީދު ބަންދު ދިމާވެފައި ހުރީ މޫސުން ގޯސް ދުވަސްވަރުތަކާ އެވެ.
މިދިޔަ މަހު ރާއްޖެއަށް ވަނީ ހުޅަނގު މޫސުން ފެށިފަ އެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެޓުބެޓު
03 June 2025
ތި މެޓަކީ ވާރޭ ވެހުނީމަ ވެރިއްޖެއޭ ބުނާ ބައެއް
ޙުސެންދީ
02 June 2025
ބަލާނެ ކަމެއްވެސްނެތް، ތި އިންތިހާޔަށް މޫސުން ގޯސްވީ
ހަސަންދި
02 June 2025
ވަރަށް އެކަށީގެންވާ ކަމެއް. ބަލަންތިބެންވީ.
ޢެކީއްވެޔޯ
02 June 2025
ޢެކަމު ފޯނު ވެދަރ އެޕް ބުނަނީ އަންނަ ހަފްތާ ބުދައާއި ހަމަ އަށް ޥިއްސާރަ ކަމަށް
ބަޚުބަރު
02 June 2025
ސްޓެކޯއަކާއި ހެދި އީދު ޚަރާބުވެއްޖެ. ކަރަންޓްކެނޑުނުވަގުތު ހުރީ ލިފުޓްގައި އޭގެން ސަލާމަތްނުވެވި އެތައްއިރެ. މިހާރު ނުކެރޭ ބަންދުކޮށްފައި ހުންނަ ތަނަކަށް ވަންނަން. ދުއްވާ އެއްޗެއްސަށް އަރަން.
މަލިން
02 June 2025
ތި މެޓަކީ މިދުނިޔޭގަވެސް އޮތް އެންމެ އަންޕްރިޑިކްޓަބަލް މޫސުން ލަފާކުރާތަން. ބޮޑުތަނުން ދިމާނުވޭ. ކަންތައް ގޯސްވެފައިވާ ވަރަކީ ވާރޭވެހޭނެކަމަށް ބުނާ ދުވަހު އަވިދެނީ. ފޯކާސްޓް ކުރަން ބޭނުން ކުރާ މެޝިންގަޑެއް މާބޮޑަށް ނުއަތަށް އެނބުރުނީކަންނޭގޭ.
ކެސް ބައި ވާރޭފެން
02 June 2025
ކޮބައިތޯ ކަނޑު ދަތުރުނުކުރެވޭވަރަކީ؟ ބައެއް މީހުން އެބަދަތުރުކުރޭ ކުދި ވަރަށް އާދައިގެ ދޯނިފަހަރުގައިވެސް. ވައިކިހާވަރަކަށް ގަދަވީމަތޯ، ނަގާރާޅުގެ ބޮޑުމިން ކިހާ އުސްމިނަކަށް ހުރީމަތޯ؟