ީރައީސް މައުމޫން ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓާއެކު--
26 އޯގަސްޓް 2018 - 14:19
އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ބަރުލަމާނީ ނިޒާމަކަށް ވެރިކަން ހިންގަން ހުށަހަޅާފައިވަނިކޮށް ރިޔާސީ ނިޒާމެއްގެ ތެރެއިން ސަރުކާރު ހިންގާގޮތަށް ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ މެނިފެސްޓޯ މިއަދު އިއުލާން ކުރައްވައިފި އެވެ.
ގުޅިފައިވާ ޕާޓީތަކުގެ ތެރެއިން އެމްޑީޕީގެ ފިޔަވައި އެހެން ޕާޓީތަކުން ބޭނުން ވަނީ ރިޔާސީ ނިޒާމެކެވެ. އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ހުށަހަޅާފައި ވަނީ ރިޔާސީ ނިޒާމެއްގެ ދަށުން ސަރުކާރު ހިންގުމަށެވެ.
އާ ގާނޫނު އަސާސީ އެކުލަވާލުމުގެ ތެރޭގައި، ރާއްޖޭގައި ބާއްވަން ފެންނަނީ ކޮން ކަހަލަ ވެރިކަމެއްތޯ ބެލުމަށް ރައީސް މައުމޫންގެ ވެރިކަމުގައި 2007ގައި އާންމު ވޯޓެއް ނެގި އިރު ރައީސް މައުމޫން އޭރު ވެސް ތާއީދު ކުރެއްވީ ރިޔާސީ ނިޒާމަކަށެވެ.
ރައީސް މައުމޫންގެ ފަރާތުން އިއުލާން ކުރި މެނިފެސްޓޯގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ ރިޔާސީ ނިޒާމުގެ ތިން ބާރު ހަރުދަނާ ކުރާނެ ގޮތްތަކެވެ. އޭގެ އިތުރުން ކޮށްދޭނެ ކަންކަން ހިމަނާފައިވެ އެވެ.
* ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކޮށް ބާރުތަކާއި މަސްއޫލިއްޔަތައް ބަދަލު ގެނައުން
* މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ ބަޖެޓް ކަނޑައެޅުމުގައި ސަރުކާރުގެ ދައުރު ކުޑަކުރުން
* ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ބޭރުގެ ފަންނީ ބޭފުޅުންނާއި އެހީ ބޭނުން ކުރުން
* މަޖިލިސް ބައިކެމެރަލް ނިޒާމަކަށް ހަދައި ފަންނީ އަދި ތަޖުރިބާކާރުން އިންތިހާބު ކުރާ ސެނެޓެއް ހެދުން
* މަޖިލިސް ނަޒާހަތްތެރި ތަނަކަށް ހެދުމަށް ގާނޫނުތަަކަށް ބަދަލު ގެނައުން
* މަޝްރޫތަކާއި ކަންކަން ރޭވުމަށް ފަންނީ މާހިރުންގެ ނޭޝަނަލް ޕްލޭނިން ކައުންސިލެއް އުފެއްދުން
* އިންކަމް ޓެކްސް ނަގަން ފެށުން
* ޖީއެސްޓީ ތިން ޕަސެންޓަށް ކުޑަކުރުން
* 2023 ގެ ބަޖެޓު އަރަނި ކުރުން
* ބޭރުގެ ދަރަނި ކުޑަ ކުރުން
* އެންމެ ދަށް މުސާރައެއް ކަނޑައަޅައި ސިވިސް ސާވިސްގެ މުސާރަތައް ރިވިއުކުރުން
* ދިވެހި މުވައްޒަފުން ގިނަ ކުންފުނިތަކަށް ފުރުސަތު ފަހިކޮށްދިނުން
* ޕެންޝަނަރުންނަށް ޕެންޝަން ފައިސާގެ އިތުރުން 65 އަހަރުން މަތީ މީހުންނަށް ލިބޭ އިނާއަތް ދިނުން
* ރާއްޖޭގެ ތިން ސަރަހައްދެއްގައި ރީޖަނަލް ޑިވެލޮޕްމެންޓް ހިންގުން
* އަރަބި ބަހާއި އިސްލާމީ ތައުލީމް އަދި ދިވެހި ބަސް ތައުލީމުގެ ހުރިހާ ހަރުފަތެއްގައި ކިޔަވައިދިނުން
* އާބާދީގެ 95 ޕަސެންޓަށް އިންޓަނެޓުގެ ހިދުމަތް ދިނުން
* މުއާސަލާތީ ހިދުމަތުގެ އަގު 50 ޕަސެންޓް ހެޔޮކުރުން
* ހައުސިން ލޯންތަކުގެ އިކުއިޓީ އާއި އިންޓްރެސްޓް ރޭޓް ކުޑަކުރުން
* ހައުސިން ސަބްސިޑަރީ ނިޒާމެއް ގާއިމް ކުރުން
* ހައްގުވާ މީހުންނަށް ފްލެޓް ދިނުން
އެކަން ކަމުގެ އިތުރުން ރާއްޖެއިން ކޮރަޕްޝަން ނައްތާލައި މިނިވަން މާހައުލެއް ބިނާކޮށް ޒުވާނުންނާއި އަންހެނުން ބާރުވެރި ކުރުމަށް ކުރަން ނިންމާފައިވާ ކަންކަން އެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. އަދި އިސްލާމް ދީނާއި ރާއްޖޭގެ ތަރިކަ ހިމާޔަތްކޮށް ރައްކާތެރި ކުރާނެ ކަމަށް ބުނެފައިވެ އެވެ.
ގުޅިފައިވާ ޕާޓީތަކާއި ރައީސް މައުމޫން ހުށަހަޅުއްވާފައިވާ މެނިފެސްޓޯއާ މެދު ކޯލިޝަނުން މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ. އޭގެ ތެރެއިން ގިނަ ކަންތައްތަކަކަށް އެއްބަސްވެވިފައިވާ ކަމަށް ކޯލިޝަނުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޭޑީ
27 August 2018
މައުމޫނަށް މާފުށީ ޖަލުގަ އޮވެގެން މެނިފެސްޓޯއެއް ނެރެވޭއިރު، ޔާމީނު ބޮޑު ގަނޑުވަރެއްގައި ހުރެ އަދި ސަރުކާރުގެ ހުރިހައި މުއައްސަސާއެއް އަމިއްލަ މުށުތެރޭގައި އޮތް އިރުވެސް މެނިފެސްޓޯއެއް ނުހެދިގެން މިއުޅެނީ ކީއްވެ؟ އެއްވެސް އިހްުލާސްތެރިކަމެއް ހުރި މީހެއް ނަމަ ރިޔާސީ އިންތިހާބަކަށް ކުރިމަތިލާނީ ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކެއް ކަރުދަހުގައި ލިޔެގެން. އެކަމަކު ރަށްރަށުގައި ޖަލްސާ ބާއްބާ ރައްޔިތުންނަށް "ހޮޅި" ވައުދުވަމުން ދާއިރު، އެ ދައްކާ ވާހަކަ ޑޮކިއުމެންޓް ކޮށްލާނެ ހަކަތައެއް ރައީސް ޔާމިންގެ ނެތް. ހިތާމަހުރި. މާތް ﷲ. ދިވެހިން މި މަކަރުވެރިކަމުން ސަލާމަތް ކުރައްވާ، ތެދުވެރި އިހްލާސްތެރި ވެރިއެއް އިންތިހާބުކުރުމުގެ ތައުފީގު ދެއްވާންދޭވެ! އާމީން.
ނަޝީދު
05 September 2018
މަޢުމޫނު ކީއްކުރަން މަށައްވެސް ގޫގުލް ކޮށްލާފަ 2 ގަދީއިރުން މެނިފެސްޓޯއެއް ހަދާލެވިދާނެ. އެއީކީއްވެ ؟ އެއީ މަށަށްއިނގޭ މަށަކަށް އެމެނިފެސްޓޯ ތަނފީޒުކުރަން ނުޖެހޭނެކަން. އެކަމު ޔާމީން ނޫނީ އިބޫ އެއްޗެއް ހަދައިގެން ނެރޭއިރު ވިސަނަންޖެހޭނެ ވާވަރުގެ ކަނތައްތައްކަން އޭގަހުންނަންވާނީ. އެއީ 2 ކެޑިޑޭޓުންތިބީމަ 50-50 ދޮ ؟ ހަމަ ކޮންމެ މީހަކަށްވެސް ވެރިކަން ލިބިދާނެ.
ޝޮކްތެރަޕީ
26 August 2018
ބަރުލަވާނީ ނިޒާމަކީ ރިސްވަތާ ހަމަނުޖެހުމްގެ ބޮޑުކަމެއް.
އިގްތިސާދު
26 August 2018
ކޮބާ އެންމެ މުހިއްމުކަން އިގްތިސާދީ ސިޔާސަތު. ޓެކްސް ގެ ސިޔާސަތަށް ވުރެން މުހިއްމީ އިގްތިސާދީ ސިޔާސަތް. ގައުމެއްގެ އެންމެ ބޮޑު އަސާސަކީ އިގތްސާދު. ގައުމެއްގެ ހުރިހާ ކަމެއް ހަމަޖެހުމަކަށް ގެންނަން ބޭނުންވާނެހާ ކަމަކީ ފުދުންތެރިކަން އިތުރުކުރުން. ކޮރަޕްޝަނާ ޑޮރަގްއާ ކުށްކުރުން ކުޑަ ކުރެވޭނީ ފުދުންތެރިކަން އިތުރުވެގެން. ކުޑަ އިގްތިސާދަކުން ޓެކްސް އިތުރުކުރުމުން އިތުރަށް މީހުން ޑިޕްރެޝަނަށް ވައްޓޭނީ. ކޮރަޕްޝަން އިތުރުވާނީ. ރާއްޖޭގެ އިގްތިސާދަކީ ވަރަށް ހަނި އިގްތިސާދެއް. ގިނަ ވިޔަފާރިއަކީ ޡަރޫރަތް ފުދިގެން ފާއިދާ އިތުރުވާ ވިޔާފާރި ތަކެއްނުން، ފޮތުން އިކޮނޮމިސްޓުންނަށް ވެގެން އުޅެގެން އަދި ނުފުދޭނެ.
ހަޑިގިއްލާ
26 August 2018
ތީ އެމްޑީޕީއަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް! ސަރުކާރެއް ހިންގުމުގައި ޤާނޫނީގޮތުން ކޯލިޝަނަކަށް ބާރުވެރިކަންދޭން އެމްޑީޕީން ބޭނުންވީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން. ނަމަވެސް ކޯލިޝަންގެ ދެންތިއްބެވި ފަރާތްތަކުން އެގޮތްބޭނުންނުވާނަމަ ކޯލިޝަންވެގެންދާނީ ހިޔާލީ އެއްޗަކަށް! ކޯލިޝަނަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް! އެއީ ރިޔާސީނިޒާމް ދަންނަކަމެއްނޫން! ވީމާ ކޯލިޝަން ރޫޅުމުގެ ޒިންމާ އެމްޑީޕީން ދެން ނަގަން ޖެހޭނެކަމަކަށް ނުދެކެން!
ރާއްޖެ
26 August 2018
އިދިކޮޅު ކޮންމެ ޕާޓީއަކުން މެނިފެސްޓޯއެއް. ދެން ވެރިކަމަށް އަރާ އަމަލު ކުރަނީ މިތަނުން ކޯއްޗަކަށް؟ ޖަވާބު. ކެނެރީގޭ މެނިފެސްޓޯއަށް.
އަހައްމަދު އަހައްމަދޭ
26 August 2018
ތީތި ގޯހެއް ނޫން އެހެނެއްކަމަކު ކޮންމެ ބަޔަކު ވަކިވަކިން ހަދާ ބަޖެޓަކީ އެބަޔަކަށް ރައްޔަތުންގެ ތާއީދު ހޯދުމައް ކުރަހާ ކަރުދާހެއްކަމުގައި މެނުވީ ނުވޭ ،
ޝާނާ
26 August 2018
އިންކަމް ޓެކްސް ނެގޭނީ މަޖްލިސް އިންތިހާބު ކާމިޔާބު ކޮށްގެން... ޖީއެސްޓީ 3 ޕަސެންޓް އަށް ތިރި ކުރަން ވިސްނުމަކީ ގައުމަށް ލިބޭ އާމްދަނީ އާއި ހަރަދު ފުށުއަރާ ބަޖެޓް ޑެފިސިޓް ވާނެ ސަބަބެއް....
ހެލޯ ހެލޯ
27 August 2018
ޖީއެސްޓީ 3 ޕަސެންޓަށް ތިރި ކުރާނީ އިންކްމް ޓެކްސް ނަގަން ފެށުނީމާ. އޭރުން އާމްދަނީ އާއި ޚަރަދު ފުށޫ ނާރާނެ.
Gasman
26 August 2018
މިއާކާރިކުރާވަރުގެ މެނިފެސްޓޯއެއް މިހާތަނަށް އަދި ނުނެރެވޭ.
falaku ain
26 August 2018
ވަރަށް ރަނގަޅު ހުށަހެޅުންތަކެއް. ކަމާބެހޭ ތަޖްރިބާކާރުންނާއި ރާއްޖޭގެ އެކިސަރަޙައްދުތަކުގެ ޚިޔާލާއެކު ތިޔަޔަށްވުރެވެސް ފުރިހަމަ ކުރެވިދާނެ.
ކެކެެލި
26 August 2018
"އާބާދީގެ 95 ޕަސެންޓަށް އިންޓަނެޓުގެ ހިދުމަތް ދިނުން" އަދިވެސް 100% ދޭ ހިޔާލެއް ނުކުރަން؟
ޅަކުދިން
26 August 2018
ނުލިބޭ %5ކީ 1މަސް ނުވާ ޅަކުދިން