ޒުވާން އަންހެން ގްރޫޕަކުން، އަނިޔާކޮށް، ބިރުދެއްކި ފަހުން ގެއްލިގެން ހޯދި އަންހެން ކުއްޖާ މިއަދު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކުއްޖާ އަމިއްލައަށް މިއަދު ހަވީރު ފުލުހުންގެ އިދާރާ އަށް ހާޒިރުވެފައިވާ ކަމަށެވެ.
ހުޅުމާލޭގައި ދިރިއުޅޭ ގދ. ތިނަދޫ އާބާދުވާދީ، ނަޝްފާ ހަސަން، 15، ގެއްލިގެން ހޯދަމުން ދިޔައީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އޭނާ ދިޔަތަނެއް ނޭންގިގެން އާއިލާއިން ފުލުހުންނަށް އެންގުމުންނެވެ.
ގެއްލުނު ކުއްޖާ ފެނުނު ވާހަކައިގެ އިތުރުން އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެކަމުގެ ހަގީގަތް އެނގޭ މީހަކު ކިޔައިދިން ގޮތުގައި އަންހެން ކުއްޖާ ގެއްލުނުތާ ހަފުތާއެއްހާ ދުވަސް ވީ ނަމަވެސް، އާއިލާއަކުން އެކަމެއް ފުލުހުންނަކަށް ނާންގަ އެވެ.
ތިން އަންހެނުން ހިމެނޭ ގުރޫޕަކުން، އަންހެން ކުއްޖާއަށް އަނިޔާކޮށްފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައި ނަމަވެސް، އެ ވީޑިއޯ ވައިރަލް ވެފައިވަނީ މީގެ ފަސް ދުވަސްވަރު ކުރިންނެވެ. އެކަމަކު، އެ ތިން އަންހެނުންނާ ސުވާލުކުރި ކަމެއް ނުވަތަ ހައްޔަރުކުރި ކަމެއް ފުލުހުން އަދިއެއް ނުބުނެ އެވެ. ފުލުހުން ބުނީ، މި މައްސަލާގައި އިތުރު މައުލޫމާތެއް މި ވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.