ޑރ. ޝަހީމް ހދ. އާއި ށ. އަތޮޅުގެ ކެމްޕެއިނަށް ފުރާވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކެމްޕެއިނަށް ހދ. އާއި ށ. އަތޮޅަށް މިއަދު ފުރާވަޑައިގެންފި އެވެ.


މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީންގެ ރަނިންމޭޓް ޝަހީމް މި ދަތުރުގައި އެންމެ ފުރަތަމަ މިއަދު ވަޑައިގަތީ ހދ. ހަނިމާދު އަށެވެ. އެ ރަށުގެ ބައެއް ގޭގެ އަށް ޒިޔާރަތް ކުރައްވައި ބައެއް ޖަމިއްޔާތަކާ ވެސް ޝަހީމް ބައްދަލު ކުރައްވާނެ އެވެ.

ޝަހީމް، ހދ. ން ވަޑައިގަންނަވާނީ ހަނިމާދޫގެ އިތުރުން ކުޅުދުއްފުއްޓާއި ވައިކަރަދު އާއި ނެއްލައިދު އާއި ކުމުންދު އާއި ނާވައިދު އާއި ނޮޅިވަރަމް އަދި ކުރިނބީ އަށެވެ. ށ. އަތޮޅުން ވަޑައިގަންނަވާނީ ކޮމަންޑު އާއި ފޯކައިދޫ އަދި މަރޮއްޓަށެވެ.

ޝަހީމް ކެމްޕެއިނަށް އެންމެ ފަހުން ވަޑައިގަތީ ލ. އަތޮޅަށެވެ. އޭގެ ކުރިން އޭނާ ވަނީ ގއ. ގެ ބައެއް ރަށްތަކަށާއި ގދ. ތިނަދު އަށާއި ފުވައްމުލަކަށް ވަޑައިގެން ކެމްޕެއިން ކުރައްވައިފަ އެވެ.

ރައީސް ޔާމީން ވެސް މިހާރު ވަނީ ކެމްޕެއިން ދަތުރުތަކެއް ފައްޓަވައިފަ އެވެ.

މި އަހަރުގެ ރިޔާސީ ރައީސް ޔާމީނާ ވާދަކުރައްވާނީ އިދިކޮޅު ކޯލިޝަންގެ ކެންޓިޑޭޓް އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބޭއިރު ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 490 އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.