އެމްއެންޔޫން 700 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން 700 އަށް ވުރެ ގިނަ ދަރިވަރުން ރޭ ދަސްވެނިވެއްޖެ އެވެ.


މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން ހުޅުއްވައި ދެއްވި، ސިނަމާލެ ބްރިޖުމަތީގައި ބޭއްވި ދަސްވެނިވުމުގެ ހަފުލާގައި ސެޓްފިކެޓް ދީފައި ވަނީ ޑިގްރީން ފެށިގެން މާސްޓާސް ފެންވަރާ ހަމައަށް ކިޔެވި 361 ދަރިވަރަކަށެވެ. ނަމަވެސް ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސްއާ ހަމައަށް 781 ދަރިވަރުުން ވަނީ ދަސްވެނިވެފަ އެވެ.

އޭގެ އިތުރުން، ކޯސްތަކުން އެންމެ މަތީ ވަނަ ހޯދައިގެން ފަސް ދަރިވަރަކު ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހޯދައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެވޯޑު ހޯދި ފަސް ދަރިވަރުން:

- ފާތިމަތު އާޠިރާ (މާސްޓާސް އޮފް ދިވެހި ލެންގުއޭޖް އެންޑް ކަލްޗާ)

- އާމިނަތު ސަމްހާ އަބްދުއްރައްޒާގް ( ބެޗްލާ އޮފް ޓީޗިން ސެކަންޑްރީ)

- މުހައްމަދު ރިޔާޟް (މާސްޓާސް އޮފް އެޑިއުކޭޝަން، ދިވެހި ލެންގުއޭޖް ޓީޗިން)

- އަހުމަދު އަބްދުލްމަތީން ( މާސްޓާސް އޮފް ލޯސް)

- އާއިޝަތު ރަޝީދު (މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން)

މި ރަސްމިއްޔާތުގައި ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، އެމީހަކަށް އެނގުނު އެއްޗެއްގެ ބޭނުން މުޖުތަމައަށާއި ގައުމަށް އަދި އިންސާނިއްޔަތަށް އެންމެ ފައިދާ ބޮޑު ގޮތެއްގައި ފޯރުކޮށްދެވޭނީ ކިހިނެއްތޯ ކަނޑައަޅަން ވާނެ ކަމަށެވެ. އެގޮތުން، ތައުލީމާއި ހުނަރާއި ހިކުމަތްތެރިކަން ލިބިގަތުމުގެ ބޭނުމަކީ މިހާރު ހުރި ހާލަތު މިހާރަށް ވުރެ ރަނގަޅު ހާލަތަކަށް ބަދަލުކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެންޔޫން ރޭ ދަސްވެނިވި ދަރިވަރަކަށް، އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޝާހީން ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިނިސްޓަރު ވިދާޅުވިގޮތުގައި، ތައުލީމު ދިނުމުގެ މަގުސަދާ މެދު އިތުރަށް ވިސްނާލަންޖެހެ އެވެ. ކިޔަވައިގެން ނުކުމެ ގައުމަށް ހިދުމަތް ކުރާއިރު، ދެކެން ބޭނުންވާ ދުނިޔެ އަށް މުސްތަގުބަލްގެ ހާލަތު ބަދަލުކުރެވޭނީ ކިހިނެއްތޯ ވިސްނާލަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ތައުލީމަކުން، އިލްމަކުން އަޅުގަނޑުމެންނަށް ލިބިދެވޭ ބާރަކީ މިއީ. ކަމެއް ދިމާވުމުން އެކަމުގެ އެކޮޅުމިކޮޅު ބަލައި، އަޅާ ފިޔަވަޅެއްގެ ސަބަބުން ދިމާވެދާނެ ނަތީޖާ ދެނެގަނެ، އެ ހާލަތަކަށް އެންމެ ރަނގަޅު ނަތީޖާއެއް ނުކުންނާނޭ ފިޔަވަޅެއް އެޅުން،" މިނިސްޓަރު ވިދާޅުވި އެވެ.