ރިޕޯޓް / ޓީޗަރުން

ޓީޗަރުކަން ކިޔަވާނެ މީހުނެއް ނުވޭ، ކީއްވެ؟

ޕްރައިމަރީ ޓީޗިންނާ އަޅާބަލާއިރު ދަރިވަރުން އެންމެ މަދުން ލިބެނީ ސެކަންޑްރީ ޓީޗިން އަށް. މި ފަހުން ވެސް ސެކަންޑްރީ ޓީޗިންގެ ޑިގްރީ ކޯހަށް ދަރިވަރުން ހަމަނުވެގެން ބެޗެއް ނުފެށި ދެ އަހަރު ވެގެންދިޔަ

މި އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރަން މަޖީދިއްޔާ ސްކޫލުގައި ބޭއްވި ހަރަކާތެއްގައި، ޓީޗަރަކު، ދަރިވަރުންތަކަކާއެކު ފޮޓޯއެއް ނަގަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މަސައްކަތުގެ މުހިއްމުކަން ކިތައްމެ ބޮޑު ނަމަވެސް ފާއިތުވި އަހަރުތަކުގައި ޓީޗަރުންނަށް ދިން ސަމާލުކަން ވަރަށް ކުޑަ އެވެ. ރާއްޖޭގެ ތައުލީމީ ދާއިރާއިން މިހާރު މި ފެންނަނީ އޭގެ ނަތީޖާ އެވެ. އެ ދާއިރާއަށް އަލަށް ވަންނަ ދިވެހީންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް މަދުވަމުންދާއިރު، ޖީލެއް ތަރުބިއްޔަތު ކުރުމުގެ ބޮޑު ޒިންމާގައި ބިދޭސީންނަށް ބަރޯސާވާން މި ވަނީ މަޖުބޫރުވެފަ އެވެ.

އެ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޅުކުރެއްވުމުން ކަމުގެ ސީރިއަސްކަން އެނގިގެން ދިޔަ އެވެ.

އޭ ލެވެލްގައި ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ވަގުތީ ޓީޗަރުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށެވެ. އެކަމަށް މިހާރު މަސައްކަތް ނުކޮށްފިނަމަ ދާއިރާއަށް ބޭނުންވާ ދިވެހިން ނުލިބިދާނެ ކަމުގެ ނުރައްކަލުގެ ރަނގަބީލު އެ މަނިކުފާނު ޖެއްސެވި އެވެ.

"މިކަމަށް އަވަސް ހައްލެއް ހޯދަން މަސައްކަތް ނުކޮށްފި ނަމަ ތައުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނާއި ތައުލީމީ މަންހަޖު ތަރައްގީ ކުރާނެ މީހުން އަދި ޕްރިންސިޕަލުން ރާއްޖެއިން ނުލިބުމުގެ ބިރު ވަރަށް ބޮޑު،" ތާޖުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

"މިކަން މިގޮތަށް ދޫކޮށްލެވިއްޖެނަމަ އަޅުގަނޑުމެންގެ ކުރިމަގުގެ ޖީލަކީ އިލްމީ ގޮތުންނާއި ވިސްނުމުގެ ގޮތުންނާއި ފަންނީ ގޮތުން އަޅުގަނޑުމެން މި ބޭނުންވާ ފަދަ އީޖާދީ ވިސްނުމުގެ އަހުލުވެރި ބަޔަކަށް ނުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް."

ސަރުކާރުގެ 213 ސްކޫލުގައި 6،498 ދާއިމީ ދިވެހި ޓީޗަރުން އަދި ބިދޭސީ 1،730 ޓީޗަރުން މަސައްކަތް ކުރެ އެވެ. ވަގުތީ ޓީޗަރުންގެ ގޮތުގައި 891 ޓީޗަރުންނާ އެކު ޖުމްލަ 9،119 ޓީޗަރުން މި ވަގުތު އެބަތިއްބެވެ.

ތައުލީމީ ދާއިރާއަށް ލޯބިކުރާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް މަތީ ސާނަވީ ނިންމުމަށްފަހު ރަނގަޅު ފާހެއް ހޯދައިގެން އެހެން ދާއިރާތަކަށް ދާ ދަރިވަރުން އަޅާ ބަލާފައި ޓީޗިން ފަދަ ދާއިރާތަކަށް ވަންނަ ދަރިވަރުންގެ އަދަދު މަދުވުމެވެ. އެކަން އެންމެ ރަނގަޅަށް ތަޖުރިބާ ކުރެވުނު އެއް ބޭފުޅަކީ ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ އެވެ.

ބޭރު ގައުމަކުން ޓީޗިންގެ ސްކޮލަޝިޕްތަކަކަށް ހުޅުވާލާފައި އޮތުމުން އެ ސްކޫލުގެ 500 އަށްވުރެ ގިނަ ދަރިވަރުންނަށް އެކަން ހިއްސާކުރަން ބޭއްވި ބައްދަލުވުމެއްގައި، ޓީޗިންނަށް ދިއުމަށް ޝައުގުވެރިކަން ހުރި ކުދިން އަތް މައްޗަށް ނެގުމަށް އެދުމުން އެންމެ ދަރިވަރަކު ވެސް އެކަމެއް ނުކުރި އެވެ. އޭގެ ފަހުން ބޭއްވި ދެ ތިން އެސެމްބްލީއެއްގައި ހަމަ އެ ސުވާލު ކުރުމުން އަތް މައްޗަށް ނެގީ އެންމެ ދަރިވަރެކެވެ.

"މި ސްކޫލުން ވެސް މޮޅު ނަތީޖާތައް ހޯދައިގެން މި ނުކުންނަ ކުދިންގެ ތެރެއިން އަޅުގަނޑުމެންނަށް އެނގިގެން ނެތް ޓީޗިންނަށް ގޮސްފައި ހުރި ކުއްޖެއް ފާއިތުވި ފަސް އަހަރުގެ ރިކޯޑަށް ބަލާއިރު. މެޑިސިން، އިންޖީނިއަރިން، ލޯ ފަދަ ދާއިރާތައް މި އޮތީ ބޮޑަށް. ވަރަށް ދެރަވޭ ޓީޗިންނަށް އަލަށް ވަންނަ ކުދިންގެ އަދަދު މަދުވަމުންދާތީ އެކަމާ ގުޅޭގޮތުން ސުވާލުކުރީމަ މި ބުނީ ޓީޗަރުން މަސައްކަތްކުރާ ހާލު އެނގޭތީއޭ ބޭނުން ނުވަނީ،" ތައުލީމީ ދާއިރާގައި 15 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ސޮފޫރާ ވިދާޅުވި އެވެ.

މި އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރަން ކަލާފާނު ސުކޫލުގައި ބޭއްވި ހަރަކާތެއްގައި ޓީޗަރަކު ދަރިވަރުންނާއެކު ކޭކު ފަޅަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރާއްޖޭގައި ޓީޗަރުން ތަމްރީނުކުރަން ފެށި އެންމެ ފުރަތަމަ މަރުކަޒު، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ރަޖިސްޓްރާ މުހައްމަދު ލާމިރު ވިދާޅުވީ އެ ޔުނިވާސިޓީގެ އެހެން ކޯސްތަކާ އަޅާބަލާއިރު ޓީޗިންނަށް އޮންނަ ޑިމާންޑު މިހާރު ވަރަށް ކުޑަވެފައިވާ ކަމަށެވެ.

މީގެ އަހަރުތަކެއް ކުރިއާ އަޅާބަލާއިރު ގައުމީ ޔުނިވާސިޓީގެ ކޯސްތަކުގެ ތެރެއިން އެންމެ ބާރު ބޮޑު އަދި ދަރިވަރުން އެންމެ ގިނަ ފެކަލްޓީއަކީ ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނެވެ.

ނަމަވެސް މިހާރު މަންޒަރު ބަދަލުވެއްޖެ އެވެ.

ލާމިރު ވިދާޅުވީ ޕްރައިމަރީ ޓީޗިންނާ އަޅާބަލާއިރު ދަރިވަރުން އެންމެ މަދުން ލިބެނީ ސެކަންޑްރީ ޓީޗިންނަށެވެ. މި ފަހުން ވެސް ސެކަންޑްރީ ޓީޗިންގެ ޑިގްރީ ކޯހަށް ދަރިވަރުން ހަމަނުވެގެން ބެޗެއް ނުފެށި ދެ އަހަރު ވެގެންދިޔަ އެވެ. ދަރިވަރުން މަދު ނަމަވެސް ޓީޗިންގެ ބެޗުތައް ވަނީ ފަށައިފަ އެވެ.

އެމްއެންޔޫގައި ޑިގްރީ ކޯސްތައް އާއްމުކޮށް ފަށަނީ ބެޗެއްގައި މަދުވެގެން 15 ދަރިވަރުން ތިބިއްޔާ އެވެ.

ޓީޗިންގެ ކޯސްތަކުގެ ތެރެއިން އެމްއެންޔޫގައި މިހާރު އެންމެ ގިނައީ މާސްޓާސްގެ ޕްރޮގްރާމްތަކަށެވެ. ހާއްސަކޮށް އެއް އަހަރުގެ ތެރޭގައި ނިންމޭ ޕްރޮގްރާމްތަކަށެވެ.

"އޭގެ މާނައަކީ އަލަށް ހިދުމަތަށް ނުކުންނަ މީހުން މަދުވެފައި، ޓީޗަރުންނަށް އުޅޭ މީހުންނޭ މި ތަމްރީނުވަނީ،" އެފްއީގައި ހިސާބު ލެކްޗަރާއަކަށް ވެސް އުޅުއްވި ލާމިރު ވިދާޅުވި އެވެ.

ޔުނިވާސިޓީގެ އެހެން ކޯސްތަކަށް އޭ ލެވެލްގައި މޮޅު ނަތީޖާތަކެއް ހޯދާފައި ތިބޭ ދަރިވަރުން ވަތް ކަމުގައި ވިއަސް ޓީޗިންނަށް ވަންނަނީ އޭގެ ތެރެއިން ވަރަށް މަދު ދަރިވަރުންތަކެއް ކަމަށް ލާމިރު ވެސް ފާހަގަކުރެއްވި އެވެ.

"ކޮމްޕިއުޓާ ސައިންސް ނޫނީ ބިޒްނަސްގެ ދާއިރާ، އާކިޓެކްޗާ ނުވަތަ ސައިކޮލޮޖީ އަށް ވަރަށް ކޮމްޕެޓިޓިވް، ރަނގަޅު ކުދިން އާދޭ. އެހެން ނަމަވެސް ޓީޗިންގައި އެކަމެއް ފާހަގައެއްނުވޭ. ޕްރައިމަރީ ޓީޗިން އަޅުގަނޑުމެން ކިރިޔާ، ދިވެހި، އިސްލާމް، ގުރުއާނަށް އެބަ ލިބޭ،" އޭނާ ވިދާޅުވި އެވެ.

ޓީޗަރުންގެ އެންމެ ދަށް ޝަރުތަކީ ޑިގްރީ ކަމަށް ކަނޑައަޅައި ސެޓްފިކެޓް ލެވެލްގައި ތިބި ޓީޗަރުންގެ އެ ފެންވަރަށް މަތި ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި "3000 ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް"ގެ ނަމުގައި އެމްއެންޔޫއާ ގުޅިގެން ހާއްސަ މަސައްކަތެއް ފެށި އެވެ.

ލާމިރު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުން އެ ޕްރޮގްރާމުގައި 1،700 އެއްހާ ޓީޗަރުން ބައިވެރިވިއަސް ޑިގްރީ ނިންމީ 300-400 ޓީޗަރުންނެވެ. އަލަށް ޓީޗިން ހަދާ ދަރިވަރުންގެ އަދަދުގައި ބޮޑު ތަފާތެއް ހުންނަކަން ފާހަގަވާން ފެށީ ވެސް އޭގެ ފަހުންނެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ދިވެހިން، ހާއްސަކޮށް މޮޅެތި ދަރިވަރުން ތައުލީމީ ދާއިރާއަށް ނުގުޅެނީ އެކަށީގެންވާ މުސާރައެއް ނުލިބޭތީ އެވެ. ޓީޗަރުންނަކީ މީގެ ކުރިން މީހުން އެންމެ އިހުތިރާމް ކުރި ދާއިރާއަށް ވިޔަސް، މިހާރު އެކަންކަން ބަދަލުވެފައި ވުމަކީ އެ ދާއިރާއިން އާ މޫނުތައް ނުފެންނަ ސަބަބު ކަމަށް ލާމިރު ވިދާޅުވި އެވެ.

ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒް (އެފްއީއެސް) ގެ ޑީން އަބްދުއްސައްތާރު ގާސިމް ވިދާޅުވީ ކެރިއާ އިހުތިޔާރުކުރާއިރު ދަރިވަރުންނަށް އެންމެ ފަސޭހަ ދާއިރާއަކަށް ވާނީ ޓީޗިން ކަމަށެވެ.

ޅައުމުރުގެ ބޮޑު ބައެއް ސްކޫލުގައި ހޭދަކުރާއިރު، އެ ޓީޗަރުން ކުރާ މަސައްކަތް އެންމެ ކައިރިން ފެނި، ތަޖުރިބާ ކުރެވޭ ބަޔަކަށް ދަރިވަރުންވާއިރު، ސްކޫލު ނިންމާފައި އަލަށް ޓީޗިންނަށް ވަންނަ ކުދިން މަދުވުމަކީ ކަންބޮޑުވުމެއް ކަމެއް އޭނާ ވިދާޅުވި އެވެ.

"އެކަމުން ވަރަށް ސާފުވެއްޖެ ދާއިރާގައި މައްސަލަތަކެއް ހުރިކަން. ފުރަތަމަ ކަމަކަށް، އެޓްރެކްޓިވް ދާއިރާއަކަށް ތައުލީމީ ދާއިރާ ނުވޭ... ދަރިވަރުން 10-12 އަހަރު ސްކޫލުގައި އުޅެފައި އެ ކުދިން ތައުލީމީ ދާއިރާއަށް ނާންނަނީ. އަޅުގަނޑު ގަބޫލުކުރަނީ ކުދިންނަށް އެންމެ ފަރިތަ ދާއިރާއަކަށް ވާނީ ޓީޗިން. ޓީޗަރުން މަސައްކަތްކުރާ ގޮތާއި ކުރާ މަސައްކަތް އެންމެ ރަނގަޅަށް އެނގޭނީ ދަރިވަރުންނަށް. އެކަމަކު ވެސް ކުދިންނެއް އެ ދާއިރާއަށް ނާދޭ،" ސައްތާރު ވިދާޅުވި އެވެ.

"ކުދިންނަށް ކުރެވޭ ތަޖުރިބާއާ އެ ތަޖުރިބާތަކުގެ ތެރޭގައި ޓީޗަރުންގެ ރޯލާއި ޓީޗަރުން އުޅޭ ގޮތާއި އަދި އޮވެދާނެ މުސާރައިގެ ކަންތައް. މި ހުރިހާ ކަމެއް އެކުވެގެން ކުދިންނަށް ވަރަށް ސާފު. މޮޅެތި ކުދިން ބޭނުމެއް ނުވޭ ޓީޗިންނަށް ދާކަށް. އޭގެ މާނައަކީ ދާއިރާ ޝައުގުވެރިއެއް ނޫނޭ ދަރިވަރުންނަކަށް. އެކައުންޓިންނަށް ދާ ކުދިން، 10-12 އަހަރު އެކައުންޓިންގައެއް ނޫން އުޅެނީ."

ހިރިޔާ ސްކޫލުގެ ޓީޗަރުންތަކެއް: ދިވެހި ޓީޗަރުން ނުލިބުމުގެ މައްސަލަ ވަނީ ބޮޑުވެފައި.-- މިހާރު ފައިލް ފޮޓޯ

އޭނާ ވިދާޅުވީ ތައުލީމީ ދާއިރާއަށް ދިވެހިން ނުލިބޭ ވާހަކަ ދައްކާއިރު، އެ ދާއިރާގައި މި ވަގުތު މަސައްކަތްކުރާ މީހުން ދާއިރާ ދޫކޮށް ދާ ދިއުމަށް ވެސް އަލިއަޅުވާލަން ޖެހެ އެވެ.

"މޮޅެތި ކުދިން ކުދިމައްޗެއް ނުލާ. ދާއިރާގައި ތިބި މޮޅެތި މީހުން ދާއިރާ ދޫކޮށް ދަނީ. އެހެންވެ ދާއިރާގައި މި އޮތީ ވަރަށް އެހެން ކަހަލަ ހާލަތަކަށް އައިސް،" ސައްތާރު ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިސް މެނޭޖްމަންޓު މައްސަލައަކީ. ދާއިރާ ރާވާފައި އޮންނަ ގޮތުން ޕްރޮފެޝަން ނުވަނީ. ޓީޗަރުންގެ މައްސަލަތަކަށް އެއްވެސް ވަރަކަށް އަޅާނުލެވި، އެ މީހުންގެ ދުޅަހެޔޮކަން މުހިއްމު ނުވަނީ،" އޭނާ ވިދާޅުވި އެވެ.

ޓީޗިންގެ ޕްރޮގްރާމު ތަކުން ވިލާގައި ވެސް އެންމެ ބާރު ބޮޑީ މާސްޓާސް ޕްރޮގްރާމް ތަކަށެވެ. ޑިގްރީއަށް ދާ ކުދިންގެ 90 ޕަސެންޓަކީ، އޭނާ ވިދާޅުވި ގޮތުގައި ފައުންޑޭޝަނުން ފަށައިގެން ދާ ކުދިންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވި އެ މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދު ވިދާޅުވީ ދިވެހި ޓީޗަރުން ނުލިބުމުގެ މައްސަލަ އަބަދު ވެސް ދިމާވާ ކަމަށެވެ. ނަމަވެސް އެކަން ހައްލުކުރާނެ ދުރު ރާސްތާގެ ޕްލޭނެއް ނެތް ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސެކަންޑްރީއަށް ކިޔަވައިދޭ ބިދޭސީ ޓީޗަރުންގެ އަދަދު އެނގޭނަމަ އެ މީހުންގެ ބަދަލުގައި ދިވެހިން ތަމްރީނުކުރަން މަގު ޗާޓެއް ހަދައި އެ މަސައްކަތް ކުރަންޖެހެ އެވެ. ކަންބޮޑުވާން ޖެހެނީ އެ ފަދަ އެއްވެސް ޕްލޭނެއް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހުރިއިރު އެ ކަހަލަ ގޮތަކަށް މަސައްކަތްކުރަން ރާވަމުން ދިޔައީ،" އެޑިއުކޭޝަން މިނިސްޓްރީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލަކަށް ވެސް ގިނަ ދުވަހު ހުންނެވި ސައީދު ވިދާޅުވި އެވެ.

81 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 56%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙޮޅި

30 October 2021

ޓީޗަރުކަން ކިޔެވިއަސް ވަޡީފާ ދެނީ އިންޑިޔާ މީޙުން ނަށް ވވވ ސަލާމް

The name is already taken The name is available. Register?

ހަތުމާ

25 October 2021

ރަޢީސް ނަޝީދު ދައުރުގައި ސިޔާސީ މަގުސަދެއް ހާސިލް ކުރަން ސިއްހީދާއިރާ އަށާއި ޓީޗިން ދާއިރާ އަށް ކުދިން ރާއްޖޭން ބޭރަށް ނުފޮނުވީ ، އެންމެ ކުއްޖަކު ޑޮކްޓަރުކަން ކިޔަވާދޭ ލާރިން އެތައް ބައިވަރު އެކައުންޓިންގ ދާއިރާގެ ކުދިން އުފެއްދޭ، ދެން ޕޯޑިއަމްތަކަށް އަރާ މިގޮވަނީ މިތައް ކުދިން އުފެއްދިއްޖެއޭ. ހަމަ ސިޔާސީ ބޭނުމަށް އެކަމެއް ކުރީ، ދެން އެމެއް ނުހިފުނޭ، މަހެއް ނުބޭނުމޭ ކިޔާނެ ކަމެއް ނެތް

The name is already taken The name is available. Register?

ހާނިމް

25 October 2021

ދިވެހި ރާއްޖޭއަށް ހިލޭ ލިބެމުން ދިޔަ އޮސްއެއިޑް ޕްރޮގުރާމުން ވެސް ޓީޗިން ދާއިރާ އާއި ސިއްހީދާއިރާ އުނި ކުރީ ނަޝިދު ގެ ވެރިކަމުގައި ސަރުކާރުން އެދިގެން ، ދެން އިތުރު ކުރުރީ އެންވއިރަމަންޓް ދާއިރާ ، އާއި ޑިސައިބިލިޓީ ދާއިރާ، އެހެން ވީމާ ކޮންބައެއްކަން އިނގޭ މިދާއިރާތައް ފުޑާލީ، މިހާރުވެސް އޮސްއެއިޑް ރާއްޖޭގައި ހިންގާ ކުރީގެ މިނިސްޓަރެއް އުޅޭނެ ނިކަން އަހާލަބަލަ ނަސީދު ގެ ސަރުކާރުން ސިދާ އެދާއިރާތަކުގެ ފުރުސަތު ހަނިކުރީ.. ހީވޭ ކަމެއްހެން

The name is already taken The name is available. Register?

ޕޮޓެންޝަލް ދަރިވަރު

25 October 2021

ކިޔެވުމަށް ހުސްވެގެން އުޅުމުގެ ކެރިފޯރުންތެރިކަން ހުރީ ވަރަށް މަދު ދަރިވަރެއްގެ. ގިނައީ ފުލްޓައިމް މަސައްކަތު ދަމުން ކިޔަވަންޖެހޭ ކުދިން. އެހެންކަމުން ކިޔަވަން ބޭނުންވިއަސް ހެނދުނު ބާއްވާ ކުލާހަކަށް ދެވޭނެގޮތެއް ނުވަނީ. ހަވީރު ކުލާސް އޮންނަ ކޯހެއްވިޔަސް ކުލާސް ބާއްވަނީ ހިތަށްއެރި ގަޑިއެއްގަ. ކުލާހުން އެންމެ މަތިން ކިޔެވިއަސް ޓީޗަރަކަށްވާން ބޭނުންވިއަސް ހުރަސްތައް ގިނަ. ބައެއްފަހަރު ހިތަށްއަރާ އާދައިގެ ފަންތީގެ ކުދިންނަށް ނަފުރަތު ކުރަނީހޭވެސް.

The name is already taken The name is available. Register?

އެދުރުތަކުރު

25 October 2021

ސްކޫލުހިންގުމުގެ ދާއިރާއިން މާސްޓާސް ހަދާފަ ކިޔަވައިދިނުމުގައި އުޅޭތާ 13 އަހަރު ވީއިރުވެސް ސްކޫލެއް ހިންގަން ޝަރުތުފުރިހަމައެއްނުވި. މުސާރަ އެހާކުޑަ ދެން އެހެން ދާއިރާތަކަށް ދާނެދޯ

The name is already taken The name is available. Register?

ކުރީގެ ހެލްތުވޯރކަރެއް

25 October 2021

ތިންވަނަކަމަކީ ސިއްޙީ ދާއިރާގައި މިހާރު މަސައްކަތްކުރާ މީހުންގެ ވިސްނުން ހަމައެކަނި ޑޮކުޓަރަށް ބަރޯސާވާ މޮޑެލް އަކަށް އޮތުން، ހަތަރުވަނަކަމަކީ މިފަދަ ކުދިންނަން ހިތްވަރުދިނުމުގެ ބަދަލުގައި އެކުދިންނަން ދިމާކޮށް ބުލީކުރުމުގެ ފަލްސަފާއެއް ސިއްޙީ ދާއިރާގެ ތެރޭގައި އަށަގަނެފައި އޮތުން، fފަސްވަނަ ވަނަކަމަކީ ދާއިރާއާއި ބީރައްޓެހިބަޔަކު (ސިޔާސީ މީހުން) ދާއިރާ ކޮންޓުރޯލް ކުރުން، މިއަދު ހިތާމައިގެ މައްޗަށް ހިތާމަ، އެކަމަކު މިކަމާމެދު ވިސްނަނީ ފަހެ ކާކު؟

The name is already taken The name is available. Register?

ހެލްތު ވޯރކަރެއް

25 October 2021

ޓީޗަރުގެ ވާހަކައިން ނިންމާލެވޭކަން ނެތް، ޤައުމީ ޔުނިވާރސިޓީއަށް ހެލްތުވޯރކަރ (ޕުރައިމެރީ ހެލްތުކެއަރ) ކަން ކިޔަވާނެ ދަރިވަރުންނެއްވެސް ނުވޭ، އެކަމުގައި ވައިވަރު ސަބަބުތައް އެބަހުރު، އެންމެ ފުރަތަމަ ކަމަކީ ސަރުކާރުތަކުގެ ވިސްނުމުގެ ތެރޭގައި ރައްކާތެރިވުމުގެ (ޕުރިވެންޓިވް) ސިއްޙީ ސިޔާސަތެއްނެތުން، ދެވަނަކަމަކީ މިކޯސް ހަދާ ދަރިވަރުންނަން ސިއްޙީދާއިރާއިން ވަޒީފާނެތުން (ސުކޯޕް ނެތުން)،

The name is already taken The name is available. Register?

2008 ގެ

25 October 2021

އެއީ 2008 ގައި އައިސަރުކާރަކުން ޓީޗަރުން ފޫހިކޮއް އަގުވައްޓާލީމަ އެމީހުންނާއި ދޭތެރޭގައި ބޭއިހުތިރާމް ކުރުމުގެ ހިތ ނަތީޖާ

The name is already taken The name is available. Register?

ޤައުމީ މަސްލަޙަތު

24 October 2021

ފުރަތަމަ ކަމަކަށް ރަނގަޅު މުސާރައެއް ނުލިބުން. ދެން ވާގޮތަކީ ތަޢުލީމީދާއިރާގެ އިސް ބޭފުޅުންވެސް އެދާއިރާގަ ބަގުޑިބައްދަން މަސައްކަތްކުރީ. އެކިއެކި ދާއިރާތަކުން ވަރުވަރުގެ ޑިގުރީ ނެގިޔަސް ޓީޗިންގ ކޯހެކޭ ކިޔާފަ އެއްޗެއް ނުހަދަންޏާ މިޖެހެނީ އަދި އަމުދުން ދަށް މުސާރައަކަށް ވަންނަން. އަހަރުމެންނަށް ކިޔަވަދިން ޓީޗަރުން ހަމަގައިމު ތިކޯހެއްނުހަދާ. އެކަމަކު އޭރު މާ ކޮލިޓީ ކިޔަވާދިނުން! މިވާއެއްޗެއް ނޭނގެންޏާ ދެން ނޭނގޭނެ ތިކަން ރަނގަޅުކުރާކަށް. #ރޭވިގެން

The name is already taken The name is available. Register?

އެހީތެރިޔާ

24 October 2021

ޓީޗަރުން މާނަކުރަންވީ މުޅިތަޢުލީމީ ދާއިރާއާއެކު. މުޅި ދާއިރާގެމަސައްކަތަކީވެސް ނިސްބަތުން ބޮޑުމަސައްކަތެއް. ދައިރާގެ މުސާރައާ އިނާޔަތުގެ އޮނިގަނޑު އިސްލާހުކޮށް އެތައްދުވަހަކު ޓީޗަރުކަންކުރި ފަރާތްތަކާ މުވައްޒަފުން އަދި މުދައްރިސުންނާ ތައުލީމުގެ އަގުމަތިކޮށް ދަރަޖައެއް ދެވެންވާނެކަމަށް ފެނޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454