ގައުމު ބިނާކުރުމަށް ފެންވަރު ރަނގަޅު ޓީޗަރުން އުފައްދަން މިދިޔަ އަހަރު ހުޅުވާލި ސްކޮލަޝިޕްތަކަށް ތަރުހީބު ނުލިބުނު ކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މިއަދު ބުނެފި އެވެ.
އެ ޔުނިވާސިޓީގެ ޑީން އޮފް ސްޓޫޑެންޓް ލީލާ އަހުމަދު "މިހާރު" އަށް ވިދާޅުވީ ދެ ބުރެއްގެ މަތިން އެޑިއުކޭޝަން ޑިގްރީގެ ސްކޮލަޝިޕަށް އިއުލާނުކުރުމުން ވެސް ކުރިމަތިލީ ހަ ދަރިވަރުން ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން 30 ސްކޮލަޝިޕަށް އިއުލާނުކުރީ ޖެނުއަރީ 12، 2021 ގަ އެވެ. އެ ސްކޮލަޝިޕްގެ 15 ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން އަދި ބާކީ ޖާގަތަކަށް ހޮވޭ ދަރިވަރުންގެ ކިޔެވުމާ ގުޅޭ ހުރިހާ ހަރަދެއް ދޭނީ ޔުނިވާސިޓީންނެވެ.
ނަމަވެސް ޑިގްރީ ބެޗެއް ފެށޭ ވަރަށް ވެސް ދަރިވަރުން ނުލިބުމުން އެ ސްކޮލަޝިޕްތަކެއް ހަވާލުކުރެވޭ ގޮތެއް ނުވެ އެވެ.
އެމްއެންޔޫ އިން އޭރު ބުނީ ޓިއުޝަން ފީ އާއި ބުކް އެލަވަންސްގެ އިތުރުން ކިޔެވުން ނިމެންދެން އެ ހުރިހާ ދަރިވަރުންނަށް ކޮންމެ މަހަކު ސްޓައިޕެންޑުގެ ގޮތުގައި 5،000ރ. ދޭނެ ކަމަށެވެ.
ލީލާ ވިދާޅުވި ގޮތުގައި ސްކޮލަޝިޕަށް ތަރުހީބު ކުޑަވީ ބެޗްލާސް އޮފް އެޑިއުކޭޝަން ނިންމަން ހަތަރު އަހަރު ހޭދަވުމާއި އެމްއެންޔޫގައި ކިޔެވުމަށް ދަރިވަރުން ކުރަންޖެހޭ މަސައްކަތް އެހެން ތަންތަނަށް ވުރެ ބޮޑުވުމުން ކަމަށެވެ.
"ދުނިޔޭގެ އެއްވެސް ގައުމެއްގައި ބެޗެލާސް އޮފް އެޑިއުކޭޝަން (ބީއެޑް) ނުހެދޭނެ ހަތަރު އަހަރުން ނޫން ގޮތަކަށް. ނޯމަލީ މި އިންނަނީ ތިން އަހަރު. ބީއެޑްގައި މި ކުރާ ކަމަކީ ފުރަތަމަ ތިން އަހަރު އެޑިއުކޭޝަން ކޮންޓެންޓް އިންނާނީ. އެންމެ ފަހު އަހަރު ކިޔެވުމުގެ ބައިތައް މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.
ލީލާ ވިދާޅުވި ގޮތުގައި ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުން ލައިސެންސް ދޭން ފެށުމުން އެ ކޯހަށް ޑިމާންޑު ބޮޑުވާނެ އެވެ.
"ޓީޗަރުންގެ މުހިއްމުކަން ނުވިސްނެނީ ގައުމު ބިނާކުރުމުގައި،" އޭނާ ވިދާޅުވި އެވެ.
ފެންވަރު ރަނގަޅު ޓީޗަރުން ނުލިބުމުގެ މައްސަލަ ހައްލުކުރަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމަކީ ހާލަތާ ގުޅޭ ދިރާސާއެއް ހެދުމެވެ. އޭގެ އިތުރުން އަންނަ މަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑުކުރަން ވަނީ ނިންމައިފަ އެވެ.