މި މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބާއި އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުމާ ބެހޭ ގޮތުން އިނގިރޭސިވިލާތުގެ ސަފީރު ޖޭމްސް ޑައުރިސް ފޮރިން މިނިސްޓްރީއާ އެކު މަޝްވަރާކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު އޮތް ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ސަފީރާ ބައްދަލު ކުރެއްވީ އެ މިނިސްޓްރީގެ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރެވެ.
ބައްދަލުވުމާ ބެހޭ ގޮތުން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސި ސަފީރާއެކު ބޭއްވި ބައްދަލުވުމުގައި މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.
މި ބައްދަލުވުމުގައި ސަފީރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފަ އެވެ.
އިނގިރޭސި ސަފީރު ފޮރިން މިނިސްޓްރީގެ އިސްވެރިންނާ މިއަދު ބައްދަލު ކުރެއްވި އިރު، އޭނާ މިއަދު ވަނީ އެ ގައުމުގެ ސަރުކާރުން ދޭ ސްކޮލަޝިޕްތަކަށް މި އަހަރު ރާއްޖޭން ހޮވުނު ބައިވެރިން ސެޓްފިކެޓް ވެސް ހަވާލުކޮށްފަ އެވެ.
މި ސްކޮލަޝިޕްތަކަކީ ބޭނުންވާ ދާއިރާއަކުން އެއް އަހަރު ދުވަހުގެ މާސްޓާޒް ޑިގްރީއެއް ހާސިލު ކުރަން ދޭ ފުރުސަތެކެވެ.