ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަން، ދައުލަތަށް ނުހުއްޓުވުނީ ނިޒާމުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ދިވެހި ގައުމީ ޔުނިވާސީޓީން އިންތިޒާމްކޮށްގެން ބޭއްވި "ރިޔާސީ ބަހުސް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު ސަރުކާރުގެ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގުމުގެ ފުރުސަތު ލިބުނީ އެމަނިކުފާނުގެ ވެރިކަމުގެ ވައްޓަފާޅި ގެންގުޅުއްވާ ގޮތުން ނޫން ކަމަށެވެ.
"[އެއީ] ނިޒާމުގެ މައްސަލައެއް. އެ ވަޒީރު، ވަޒީރު ކަމުގައި ވެސް ނުހުންނާނެ އެ ކަހަލަ ކަމެއް ކުރިކަން ނިޒާމުގެ ތެރެއިން އެނގުނު ނަމަ،" އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވީ އަދީބު ކަމަށް ވާއިރު، ފަހުން އޭނާ އަށް ނައިބު ރައީސްކަން ދެއްވިއިރު ވެސް އެ ހިޔާނާތުގެ ކަންކަން ރައީސް ޔާމީނަށް އޭރު އެނގިވަޑައިނުގަތުމަކީ ނިޒާމުގެ މައްސަލައެއްތޯ ނުވަތަ އެމަނިކުފާނުގެ ވެރިކަމުގެ ވައްޓަފާޅީގެ މައްސަލައެއްތޯ، ބަހުސްގެ މޮޑަރޭޓަރު ޑރ. އިބްރާހިމް ހަސަން ދެންނެވުމުން ރައީސް ޔާމީން ވިދާޅުވި އެވެ.
އެ މައްސަލަ ތަފްސީލު ކޮށްދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގި އިރު ދައުލަތުގެ ނިޒާމް ހުރި ގޮތުން އެ ވައްކަން ހުއްޓުވުމުގެ ފުރުސަތު ދައުލަތުގެ ޓެކްސް އިދާރާ މީރާ އަދި މަރުކަޒީ އިދާރާ އެމްއެމްއޭ އަށް ވެސް ލިބިފައި ނެތް ކަމަށެވެ.
"...ހިޔާލަށް ގެންނަވާ، ކުންފުންޏަކުން އެހެން ކުންފުންޏަކަށް ދޭ ޗެކެއް ސަރުކާރުގެ ތެރެއަކަށް ނުވަންނާނެ. ކްލިއާ ކޮށްގެން ވަންނާނީ. އެހެންވީމާ އެމްއެމްޕީއާރްސީ އަށް ޗެކުން މީހަކު ދައްކާ ފައިސާ އޭގައި ކައުންޓާ ސައިން ކޮށްފައި މި ޑިޕޮސިޓް ކުރަނީ އެސްއޯއެފް ކިޔާ ކުންފުންޏަކަށް. އެކަން ސަރުކާރުގެ އެހެން ވުޒާރާ އަކަށް ޑިޕާޓްމަންޓަކަށް އެނގޭނެ ގޮތެއް ނޯންނާނެ. އެ އަދި މީރާ އަކަށް ވެސް އެނގޭނެ ގޮތެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ކުންފުންޏަކަށް ލިބެން ޖެހޭ ޗެކެއް އަމިއްލަ ކުންފުންޏަކަށް ޖަމާ ކުރުމަށް އެދުމުން އެކަމާ ސުވާލު ނުއުފެއްދުމަކީ ނިޒާމުގެ މައްސަލައެއް ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.
"އެ ޗެކެއް ނުވަންނާނެ ސަރުކާރުގެ އެއްވެސް މުއައްސަސާއަކަށް. އެ ޗެކު ދެން ދާނީ ކްލިއާ ކުރުމަށްޓަކައި އެމްއެމްއޭގައި ހުންނަ ކްލިއަރިން ޑިޕާޓްމަންޓަށް. ކްލިއަރިން ޑިޕާޓްމަންޓުގައި ތިބޭ މީހުންނަށް އެމީހުންގެ ހިޔާލު ހުރެގެން ބަލަންވީ ކީއްވެގެންބާވައޭ ސަރުކާރުގެ އެމްއެމްޕީއާރްސީ ކިޔާ ކުންފުންޏަކަށް އަންނަ ޗެކެއް ކީއްވެގެންބާވައޭ ޕްރައިވެޓް ކުންފުންޏަކަށް މި ދިޔައީ. އެހެންވީމާ އެއީ ނިޒާމުގެ މައްސަލައެއް. އެމީހުންގެ ހިޔާލަށް އެ ވަރު ނައުން އެއީ ނިޒާމުގެ މައްސަލައެއް،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވިގޮތުގައި، އެފަދަ ކޮރަޕްޝަންތައް ހުއްޓުވުމަކީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ޒިންމާ އެކެވެ. ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އެފަދަ މައްސަލައެއް ނުބެއްލެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއީ ރައީސަށް ރައީސްގެ ގޮނޑީގައި އިނދެގެން ބެލޭނެ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ގޮތަށް ހަމަ ނޫން އަގުތަކުގައި ދަރުމަވަންތަ ހޮސްޕިޓަލް އެޅުމާއި ސިނަމާލެ ބްރިޖް އެޅުން ފަދަ މަޝްރޫއުތައް ހިންގި ކަމަށް ކުރާ ތުހުމަތުތަކަށް ވެސް ރައްދު ދެއްވައިފަ އެވެ.
"އެ އަށް ވުރެ އަގު ހެޔޮކޮށް [ދަރުމަވަންތަ ހޮސްޕިޓަލް] އަޅާ ކަމަށް ވާ ނަމަ އެޅިދާނެ ކަން ނޭނގޭ. އެކަމަކު، އޭގެ ކޮލިޓީ ކޮމްޕްރޮމައިސް ވާނެ ކަމާ ދޭތެރޭ ޝައްކެއް ނެތް،" ރައީސް ވިދާޅުވި އެވެ.
"ދެން އޮތީ ބްރިޖުގެ ވާހަކަ. ބްރިޖަށް ވެސް އެކި އަދަދުގެ ފައިސާ އެކި މީހުން ކިޔާފާނެ. ކާކުތޯ ސައިންޓިފިކަލީ މިކަން ކުރީ. އަދި ބްރިޖު އަޅަން މިހާ ވަރަށް ފައިސާ ދާނެއޭ ބުނާ މީހުންނަކަށް ނޭންގޭނެ ބްރިޖު އެޅުމަށްޓަކައި ޕައިލް ޑްރައިވް ކުރަން ޖެހެނީ ކިހާ ފުން މިނަކަށްތޯ ވެސް. އެހެންވީމާ އެ ފުންމިނާއި އެ ތަނުގައި ހުރި ޓައިޑުގެ އުނދަގޫ ކަމާއި އެ ތަނބުތައް ހަރުލަން ކުރަންޖެހޭ މަސައްކަތް ނުހަދައި ކިހިނެއްތޯ އެނގޭނީ މި ބްރިޖު ހެދޭނެކަން 79 މިލިއަން ޑޮލަރަށް،" ރައީސް ވިދާޅުވި އެވެ.
މިރޭގެ ބަހުސްގައި ރައީސް ވަނީ އިޖްތިމާއި މައްސަލަތަކާއި އިގްތިސާދީ މައްސަލަތަކާއި ރާއްޖޭގައި ހިންގަމުންދާ ބޮޑެތި ޖިނާއި ކުށްތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ.