ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ހުލާސާ ބަޔާން އިއްވަނީ
30 ނޮވެމްބަރ 2022 - 18:39
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ދައުލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
މިހާރުގެ އިދިކޮޅު ލީޑަރު ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް، އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެ މަނިކުފާނުގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާކޮށްފައި ވާއިރު ޔޫސުފް ނައީމަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.
އެ މައްސަލައިގައި މީގެ ކުރިން ހެކިބަސް ނިންމައި ހެއްކާ ބެހޭގޮތުން ހުރިހާ ފަރާތްތަކުން ވަނީ ވާހަކަ ދައްކައިފަ އެވެ. މިއަދު އޮތީ އެންމެ ފަހު ކަމަކަަށް އޮންނަ ހުލާސާ ބަޔާން އިއްވުމެވެ.
ދައުލަތުން މިއަދު ފުރަތަމަ ހުލާސާ ބަޔާން އިއްވީ، ޔޫސުފް ނައީމްގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާ އާއި ޔާމީންގެ މައްޗަށް ކުރާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއަށެވެ. އެ އަށް ފަހު، މަނީ ލޯންޑަރިންގެ ދައުވާއާ ގުޅޭ ހުލާސާ ބަޔާން އިއްވި އެވެ. ދެން އޮތީ ޔާމީންގެ ފަރާތުން އަދި ފަހުން ޔޫސުފް ނައީމްގެ ފަރާތުން ހުލާސާ ބަޔާން އިއްވުމެވެ.
ހެނދުނު ފަށައިގެން ދެ ފަހަރަކު މެދުކަނޑާލި އަޑުއެހުން ނިންމާލެވުނީ މިއަދު ހަވީރެވެ.
ހުލާސާ ބަޔާންތައް ނިނުމުން އަޑުއެހުން ނިންމަވާލައްވަމުން، މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ދެން އޮންނާނީ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ކަމަށެވެ.
އެ އަޑުއެހުން އޮންނާނެ ތާރީހެއް އޭނާ އިއުލާނު ނުކުރެއްވި ނަމަވެސް، ގާނޫނު ބުނާ ގޮތުން އަޑުއެހުންތައް ނިންމާލާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ޖެހެ އެވެ.
ނޮވެމްބަރު 24، 2021 ގައި ކޯޓަށް ހުށަހެޅި އެ މައްސަލައިގެ އަޑުއެހުންތައް އަހަރެއްގެ ތެރޭގައި ނިންމާލިއިރު، ގާޒީ ޝަކީލް މިއަދު ވިދާޅުވީ ކޯޓުގައި 60 ގަޑިއިރުގެ އަޑުއެހުންތައް ބޭއްވި ކަމަށެވެ.
އާރަށުގެ މައްސަލައިގައި ހުކުމް ކުރުމާ ހިސާބަށް އާދެވިފައިވާއިރު، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވާނެކަން ޔާމީން ވަނީ އިއުލާނުކުރައްވައިފަ އެވެ. ނަމަވެސް، އެ މަނިކުފާނުގެ މައްޗަށް މި މައްސަލައިގައި ކުށް ސާބިތުވެއްޖެ ނަމަ އިންތިހާބުގައި ވާދަކުރަން ހުރަސް އެޅޭނެ އެވެ.
ދައުލަތުން ބުނާ ގޮތުގައި އާރަށް، ޔޫސުފް ނައީމްގެ މަސްލަހަތު އޮތް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ދޫކުރީ އެ ރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވާ ރައީސް އޮފީހުގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުގައި މަޝްވަރާ ކޮށްގެން ރަށް ޓޫރިޒަމް މިނިސްޓްރީގެ ދަަށަށް ބަދަލުކޮށްގެންނެވެ. އެ ރަށް އެ މިނިސްޓްރީއަށް ބަދަލު ކުރުމުން ޓޫޖީ ކުންފުނި އުފައްދައި އެ ރަަށް އެ ކުންފުންޏަށް ދޫކުރުމުގެ ކަންކަން ފެށި ކަމަށް ވެސް ބުނެފައިވެ އެވެ. އެ ކަންކަން ނިމިގެން ދިޔަ ބާރު މިނަށް ބަލާއިރު ވެސް އެއީ ރޭވިގެން އެ ކުންފުންޏަށް ރަށް ދޫކުރުމަށް ހިނގި ކަމެއްކަން އެނގޭ ކަމަށް ދައުލަތުން ބުނެ އެވެ.
ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ވަނީ އެ ރަށް ޔޫސުފް ނައީމަށް ކުއްޔަށް ދިނީ ޔާމީން އެދިގަތުމުން ކަމަށާއި ރަށުގެ އަގު ކުޑަ ކުރީ ވެސް އެ މަނިކުފާނު ބޭނުންފުޅުވެގެން ކަމަށް ބުނެ ހެކިބަސް ދީފަ އެވެ.
ދައުލަތުން ބުނާ ގޮތުގައި، ޔާމީނަަށް ރިޝްވަތުގެ ގޮތުގައި ޔޫސުފް ނައީމް އެއް މިލިއަން ޑޮލަރުގެ ޗެކު ދެއްވީ ސެޕްޓެމްބަރު 15، 2015 ގަ އެވެ. އެ ޗެކު ޖަމާކުރީ އެޗްއެސްބީސީގައި ހުންނަ ޔާމީންގެ އެކައުންޓަކަށް އޭގެ ދެ ދުވަސް ފަހުންނެވެ. އޭގެ ފަހުން ފެބްރުއަރީ 21، 2016ގައި އެ ފައިސާ ބީއެމްއެލްގެ އެކައުންޓަކަށް ޖަމާކޮށް، ފެބްރުއަރީ 22، 2017ގައި އިސްލާމިކް ބޭންކުގެ އެކައުންޓަކަށް ޖަމާ ކުރެއްވި އެވެ. އަދި މާޗު 14، 2017ގައި އެ ބޭންކުގައި ހުންނަ އެ މަނިކުފާނުގެ އަމިއްލަފުޅު އިންވެސްޓެމެންޓް އެކައުންޓެއްގައި އެ ފައިސާ އިންވެސްޓް ކުރެއްވި ކަމަށް ދައުލަތުން ބުނެ އެވެ.
ޑޮލަރު ޖަމާކުރި ފަހުން އެ ފައިސާ އަމިއްލަ އެހެން އެކައުންޓުތަކަށް ޖަމާކުރެއްވީ، އެ ފައިސާ "ލޭޔާ" ކުރަން ނުވަތަ އޭގެ އަސްލު އޮޅުވާލަން ކަމަށް ދައުލަތުން ބުނެ އެވެ.
ޔާމީންގެ ފަރާތުން ދިފާއީ ހެކި ހުށަހަޅާފައި ވަނީ އެއް މިލިއަން ޑޮލަރުގެ މުއާމަލާތަކީ ޔޫސުފް ނައީމާ ދެމެދު ހިނގި ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ދެއްކުމަށެވެ. އެ ހެކިން ބުނެފައި ވަނީ އެއް މިލިއަން ޑޮލަރަށް ވާ ނަގުދު ފައިސާ ޔާމީންގެ ގޭގައި ގުނައިގެން ޔޫސުފް ނައީމަށް ދިން ކަމަށެވެ.
ނަމަވެސް، އެ މުއާމަލާތް ހިނގި ކަމެއް އެ ދެ ބޭފުޅުންގެ ވެސް ބޭންކް އެކައުންޓު ސްޓޭޓްމެންޓުތަކުން އެނގެން ނެތް ކަމަށް ދައުލަތުން ބުންޏެވެ. އަދި މައްސަލައިގައި ހެކިބަސް ނަގައި ނިމިފައި ވަނިކޮށް ދައުލަތުން ވަނީ ދިފާއުގެ ހެކިތައް ނަފީ ކުރުމަށް ލިޔުންތަކެއް ހުށަހަޅައިފަ އެވެ. ދައުލަތުން ބުނާ ގޮތުގައި އެ ލިޔުންތަކުން ދިފާއުގެ ހެކިން ދެއްކީ އުފައްދައިގެން ދޮގު ވާހަކަތަކެއްކަން ހާމަވާނެ ކަމަށެވެ.
އެ ހެކިތައް ބަލައިގަތުމަށް ނިންމި ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ޔާމީންގެ ފަރާތުން ކުރިން ބުނެފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގައި މީގެ ކުރިން ޔާމީނަށް ދައުވާ ކުރީ ގއ. ވޮޑަމުލާގެ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އެ ދައުވާ ކްރިމިނަލް ކޯޓުން ސާބިތުވެ، އެ މަނިކުފާނު ފަސް އަހަރަށް ޖަލަށްލި ނަމަވެސް، އެ ހުކުމް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީނަށް ކުރާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދިވެސް އޮތީ ކްރިމިނަލް ކޯޓުގަ އެވެ. އާރަށުގެ މައްސަލަ ކުރިއަށް ގެންދާއިރު، ސަން ކޮންސްޓްރަކްޝަނާއި އިތުރު މީހެއްގެ މައްޗަށް ވެސް ދައުވާ ކުރާ މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ މިހާރު މަސްތަކެއް ވެއްޖެ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުހާރީ
01 December 2022
ވަގަށްނެގިފައިސާއިން ފަނޑިޔާރުންނަށް ރިޝްވަތުދީގެން ވައްކަމެއް ނުކުރާކަމަށް ހުކުން ކުރެވިދާނެ އެކަމަކު މިލިއަން މިކިއަން ޑޮލަރުން އެކައުންޓަށް އަޅައިފައި އެހުރީ ރައްޔިތުންގެ ފައިސާކަން ރައްޔިތުން ގަބޫލުކުރޭ
ހަސަންސަބީލް
01 December 2022
ރައީސްކަމުގެ ހުވާކޮށްގެންހުރެ ރައްޔިތުންގެ ބައިތުލްމާލުން 3 ބިލިއަނަށްވުރެ ގިނަފައިސާ ވަގަށްނަގާ ބޭނުންކުރިހިސާބުން ޔާމީނުގެ ސިޔާސީ ހަޔާތްވަނީ ނިމިފައި މިހާރުދެން ރަށްރަށަށް އަރާ އަޑަށްބާރުލައިފަ ވާހަކަފައްކާއިރު ލަދު ހަޔާތް ކޮބާބާވައޭ އަހަރެން ހިތަށްއަރާ
އިއްޒަތު
01 December 2022
އޭނާ ވައްކަންކުރި ބިލިޔަނުން ބިލިޔަނުން އެކަމަކު ސަރުކާރަކަށް އެކަން ސާބިތުކޮށްނުދެވޭނެ.
ރަމަ
01 December 2022
ޔާމީން މައްޗަށް ހުކުމްކުރިޔަސް އެހުކުމެއް ސްޕްރިމްކޯޓުން ބާތިލްކުރާނެކަން %100 ޔަގީން. ޔާމީންގެ އެކައުންޓަށް ގިނަޢަދަދެއްގެ ޑޮލަރު ވަދެފައި އެބަހުރި އެމަނިކުފާނު ހުންނެވީ ވެރިކަމުގައި އަދި އަމިއްލައަށް ވައްކަންކުރިކަމަށް އެއްބަސްވި އެގެންހުރި ފެންނަންހުރި ކަންކަމުގައިވެސް ނިންމީ ސާބިތުނުވާކަމަށް. މިރާއްޖޭގައިނެތް ޢަދުލަށް ހުކުމްކުރާނެ ފަޑިޔާރުން. ވައްކަންކުރަނީ ކޯޓްތަކުގެ ހާލަތާއި ފަޑިޔާރުން ރަގަޅަށް އެގިތިބެ ކަމެއްސާބިތުނުވާނެތީ!
އަމީނާއަލީ
01 December 2022
ދިވެހިރާއްޖެއަކީ ހުކުން ގަންނަން ލިބޭ ގައުމެއްވީމަ އައިސްދާނެ ހުކުމާދޭތެރޭ ވަރަށްބޮޑަށް ޝައްކެވެ. ނަމަވެސް ރޯމާދުވާލުފަދައިން ޔާމީނު ވައްކަންކުރިކަން ހުރިހާއެންމެންނަށްވެސް އިނގެއެވެ. އަދި ހުކުން ސާބިތުވިއަސް ދުވަސްކޮޅެއްތެރޭ އެހެންކޯޓަކުން އެހުކުން ބާތިލް ނުކުރާނެ ކަމުގެ ޔަގީންލަމެއްވެސް ނެތެވެ. އެއީހަމަ ގަންނަންލިބޭ އެއްޗެއްވީމައެވެ.
12345
01 December 2022
ނޫން އަހަރެމެން ނުދެނަހުރިން ވައްކަން ކުރިކަމެއ. ވައްކަމުގެ އުންސުރު ހަމަވާނީވެސް ވައްކަން ސިއްރުން ކުރުމުން. މީހުނަށް އެނގިގެން ކުރާ ކަންކަމަކީ ފޭރުން. ފޭރޭ މަންޒަރު މިހާރު ނިކަން ގިނައިން ފެނޭ. އެންމެން ދަންނަ އެއް މިސާލަކީ ވެންޓިލޭޓަރއާއި ބިގަށް ދިން ފައިސާއާއި ނޫމަޑިއަށް ދިން ފައިސާ.
ވިކާސް
01 December 2022
ސުލޯ އިބުރާހިމަށް އެނުން ގޮތެއްނެތް
ނަސޫ
01 December 2022
އުތާޡު އަދުރޭ ބޭނުންވާނީ ޔާމީނު ޖަލުގަ ހުންނަން
ބޮޑުމީހާ
01 December 2022
އަދީބު ގޭގަ ގިޓާ ކުޅެން ބަހައްޓާފަ، އެސްއޯއެފް މީހުންނަށް ދައުވާ ނުކޮށް ނިންމާފަ، މަހްލޫފް މިނިސްޓަރަކަށް ބަހައްޓާފަ، 280 މީހުންގެ ލިސްޓުގަ ތިބި އެންމެން މިނިވަންކަމާއިެކު....ހުކުމް ހަމައެކަނި ޔާމިނަށް.
ފފފފ
01 December 2022
އެއީ ދިވެހިންގެ ތެރޭގައި ތިބި ގުންޑާއިން ގަބޫލުކުރާ އަދުލު އިންސާފު. ﷲ އިރާދަކުރެއްވިއްޔާ ކޮންމެ ނުބައިކަމެއްގެ ރަހަ އެމީހަކު ދެކޭނެ. މީހުން ބަދުނާމުކޮށް ދޮގު ވަގު ބަދުނާމު އަޅުވަމުން ދުވެވޭނީ ދުނިޔޭގަ. ﷲ ގެ ހަޟްރަތުގައި އިންސާނާ ނިކަން ނިކަމެތިވާނެ. ބުނި ކޮންމެ ބަހެއް ބުނި ސަބަބު ޘާބިތު ކޮށްދޭންޖޭނެ. ނޫންނަމަ އަނިޔާ ލިބުނު މީޙާއަށް ﷲ ތަޢާލާ ހައްގު ހޯއްދަވައިދެއވާނެ.
ޢިހްސާސް
30 November 2022
ޖަމީލު އަސްލު އެންމެ ބޭނުންވާނީ ރ.ޔާމިން ޖަލަށްލާން. އެއީ ބަދަލު ހިފުމުގެ ނިޔަތް އޮންނާނެކަމަށް ވަރަށް ބޮޑަށް ބެލެވޭ.
ރަށުޖަމީލު
01 December 2022
ރަށު އަވައްޓެރިން ކައިރީ ވާހަކަ ދައްކާފަ އެބަހުރި، އޭނައަށް ދިން އަނިޔާ ހިތުން ނުފިލާކަމަށް.
ޢަހައްމަދު
30 November 2022
ރައްޔިތުންގެ ހައްގުތަކަށް އިހުލާސްތެރިވުމަށާ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާނެކަމަށް ހުވާކޮށް ރައީސްކަމާހަވާލުވެ ރައްޔިތުންގެ އެތަކެއް ބިލިއަން (3 ބިލިއަނަށްވުރެ ގިނަ ފައިސާ)ރުފިޔާ ދަބަސްދަބަހުގައި ދޫވެއްސަށް ވެއްދުމަށް ފަހު އޭގެން އެއްވެސް ފައިސާއެއް ނެގިކަން ސާބިތުކޮށް ނުދެވުމަކީ ދައުލަތުގެ ވަރަށްބޮޑު ފޭލިވުމެއް ސާބިތު ވިޔަސް ނުވިޔަސް އަދީބު އެކަންކުރީ ޔާމީނު އަޑީގައި ހުރެގެން ޔާމީނު އެންގިގޮތަށްކަން ގިނަރައްޔިތުން ގަބޫލުކުރޭ
ލލލލލ
01 December 2022
ރައްޔިތުންގެ ބަސް ބުނެވޭނީ ރައްޔިތުން ވޯޓުލައިގެން ނުވަތަ އެގޮތަށް އާއްމުކޮށް އެނގޭގޮތަށް ބުނުމުން. ކޮންމެ މީހަކު ރައްޔިތުން ރެޕްރެޒެންޓް ކުރަން ނޫޅޭ. ތިއީ ތިޔަ ބޭފުޅާގެ ގިނިކަންޏާ ބަސްފުޅު. އަޅުގަނޑުމެން މީހުންގެ ބޮލުގައި ވަގު ބަދުނާމު އެޅުވުމުން މިތިބީ ބަރީޢަވެގެން.