އަންނަ އާދިއްތަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕާޓީތަކުން ކުރާ ކެމްޕޭންގެ ފަހު މަންޒިލެއްގެ ގޮތުގައި، ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ފައިސަލް ނަސީމް ފުވައްމުލަކާއި އައްޑު އަށް މިއަދު ހަވީރު ވަޑައިގަންނަވާނެ އެވެ.
ރިޔާސީ ކެންޑިޑޭޓު ކަމުގެ ޓިކެޓާ ހަވާލުވެވަޑައިގެން، ދެ ބޭފުޅުންގެ ކެމްޕޭން މިދިޔަ ޖުލައި މަހުގެ 13 ގައި ފެއްޓެވީ ވެސް މި ދެ ސިޓީންނެވެ.
އިބޫ އާއި ފައިސަލް ފުވައްމުލަކަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި އެ ރަށުގައި މިރޭ ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ޖަލްސާގައި، އިންތިޚާބަށް އެކުގައި މަސައްކަތް ކުރާ އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އިބޫ އާއި ފައިސަލް އައްޑު އަށް ވަޑައިގަންނަވާނީ މާދަމާ އެވެ. އެ ރަށުގައި ވެސް ކެމްޕޭން ނިންމުމުގެ ޖަލްސާއެއް ބާއްވާނެ އެވެ.
އިދިކޮޅު ޕާޓީތަކުގެ ކެމްޕޭންގައި އިބޫ އާއި ފައިސަލް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށް ވަޑައިގެންފަ އެވެ. ދެ ބޭފުޅުންނަށް ރަށްތައް ބައްސަވާލައްވައިގެން ރައްޔިތުންނާ ބައްދަލުކުރަން ވަޑައިގަތްއިރު، ބައެއް ރަށްތަކަށް އެކުގައި ވެސް ވަޑައިގަތެވެ.
މި ކެމްޕޭންގައި އިބޫ ވަނީ، 153 ރަށަށް ވަޑައިގެންފަ އެވެ. އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ވަޑައިގަތީ ނުވަ ރަށަށެވެ.
އިންތިޚާބުގެ ވޯޓަށް ކުޑަތަންވެފައިވުމާ އެކު އިދިކޮޅު ޕާޓީތަކާއި ވެރިކަން ކުރާ ޕީޕީއެމުން ވެސް އަންނަނީ ފޯރިގަދަ ހަރަކާތްތައް ބާއްވަމުންނެވެ. ދެބައި މީހުން ވެސް ތިބީ މި އިންތިޚާބު ކާމިޔާބު ވާނެ ކަމުގެ އުއްމީދުގަ އެވެ.