ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލުކުރަން މަޖިލީހުން ފާހެއް ނުވި

ލޯކަލް ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރަން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު، ގާނޫނުއަސާސީ އަށް ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާހެއް ނުވި އެވެ.


މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ ތެރެއިން 51 މެމްބަރުންގެ ވޯޓު ދެއްވި އެވެ. މި އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓު ދެއްވި އެވެ.

ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) އިސްލާހު ކުރާއިރު، އެ މާއްދާގައި މިހާރު އޮންނަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބުކުރެވޭ ކައުންސިލްތަކުގެ އުމުރަކީ ދިގުވެގެން ތިން އަހަރު ކަމަށެވެ.

މީގެ ކުރިން ވެސް ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް ކައުންސިލްގެ އުމުރު އުނިކުރަން މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް އެ ފަހަރު އިސްލާހު ފާސްނުވީ ބޭނުންވާ ވަރަށް ވޯޓު ނުލިބިގެންނެވެ.

ގާނޫނުއަސާސީ އަށް ބަދަލު ގެނެވޭނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެއީ 64 މެމްބަރުންގެ ވޯޓެވެ.

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު. - ފޮޓޯ: މަޖިލިސް

މީގެ އިތުރުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ހުށަހެޅި އިސްލާހު ވެސް މަޖިލީހުން ވަނީ ފާހެއް ނުވެ އެވެ. އެ އިސްލާހުގައި ވަނީ ކައުންސިލްތަކުގައި ހިމެނޭ މެމްބަރުން ޑިމޮކްރަސީގެ އުސޫލުގެ މަތިން އިންތިހާބު ކުރާނެ ގޮތް ގާނޫނުގައި ކަނޑައެޅިފައި އޮންނަންވާނެ ކަމަށެވެ.

މަޖިލީހުގެ ޖަލްސާގައި މި އިސްލާހު ފާސްކުރަން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ ތެރެއިން 51 މެމްބަރުންގެ ވޯޓު ދެއްވި އެވެ. އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 19 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.

ގާނޫނުއަސާސީގައި މިހާރު އޮތް ގޮތުން ކައުންސިލްތަކުގައި ހިމެނޭނީ ހަމައެކަނި އެ ކައުންސިލަށް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުން ސިއްރު ވޯޓަކުން އިންތިހާބު ކުރާ މެމްބަރުންނެވެ. އަދި ކައުންސިލްތަކުގެ ރައީސުން އިންތިހާބުކުރާނީ ކައުންސިލް މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރަން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅިއިރު، މިހާރު އިންތިހާބުވެފައި ތިބި ކައުންސިލަރުންގެ މުއްދަތު މި އަހަރު ހަމަވާނެ އެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.