އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ފޯނުން މީހަކާ ދައްކަވާ ވާހަކަތަކެއްގެ އޯޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ލީކް ކޮށްފައިވާއިރު، އެ ކޮމިޝަނަށް ނުފޫޒު ފޯރުވާފައިވާކަން އެ އޯޑިއޯއިން ވެސް އެނގޭ ކަމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވި، ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެ އިންތިޚާބު ކާމިޔާބުކުރެއްވީ 134،705 ވޯޓާއެކު، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.
އިންތިޚާބުގެ ބަލި ގަބޫލުފުޅު ކުރެއްވުމަށް ފަހު، ރައީސް ޔާމީން ވަނީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށް ކުރިން ވިދާޅުވެފަ އެވެ. އެކަމަކު، އިންތިޚާބުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އޮޅުވައިލުންތަކެއް ހިންގާފައިވާ ކަމަށް ބުނެ ޕީޕީއެމުން މިރޭ ބޭއްވި މުޒާހަރާގައި ރައީސް ޔާމީން ވަނީ ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެން އެ ކޮމިޝަނަށް ނުފޫޒު ފޯރާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެއްވެ ތިބި މީހުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޝަރީފްގެ އޯޑިއޯގެ ސަބަބުން އީސީއަށް ނުފޫޒު ފޯރުވާފައިކަން ހުރިހާ ދިިވެހި ރައްޔިތުން ގަބޫލު ކުރާނެ ކަމަށެވެ. އަދި ނުފޫޒެއް ނެތް ނަމަ އެގޮތަށް ވާހަކަ ދައްކަވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އޯޑިއޯ ކްލިޕްތަކުގައި ހުރި ވާހަކައިން އެނގޭ [އިލެކްޝަންސް ކޮމިޝަނަށް] ނުފޫޒު ފޯރާފައި ހުރި ކަން ހަމަ ހުރިހާ ރައްޔިތުން ނިންމާނެ ދެއްތޯ. އެއީ ރައީސް ޔާމީން އެކަނި ނިންމާނެ ކަމެއް ނޫން. ހުރިހާ ރައްޔިތުން ވެސް އެ ގޮތަށް ނިންމާނެ،" ޕީޕީއެމް އޮފީސް ދޮށަށް އެއްވެ ތިބި މީހުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ނުފޫޒެއް ނުފޯރުވާ ނަމަ ލީކުވި އޯޑިއޯގައި އެގޮތަށް ވާހަކަތަކެއް ދައްކާފައެއް ނުހުންނާނެ ކަމަށެވެ. އަދި އެމަނިކުފާނަށް 96،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އީސީގެ ރައީސް ޝަރީފް ހައްޔަރު ކުރުމަށް ޕީޕީއެމުން ގޮވައި އޭނާއާ ދެކޮޅަށް މިރޭ މުޒާހަރާ ކޮށްފައިވާއިރު، ލީކް ކޮށްފައިވާ އޯޑިއޯގައި ޝަރީފާ ވާހަކަ ދައްކަނީ ކާކު ކަމެއް ނޭނގުނު ނަމަވެސް ކޮންމެވެސް ކަމަކާ އޭނާ ބިރުން އަދި ކަމެއް ސިއްރު ކުރަން އުޅޭކަން ދޭހަވެ އެވެ. އަދި ޝަރީފް ގެންދެވީ ހާސްނުވުމަށާއި ބިރު ނުގަތުމަށް އަދި އެ ކަމަކަށް އެއްބަސް ނުވުމަށް ތަކުރާރުކޮށް އެ މީހެއްގެ ކައިރީގައި އެދިވަޑައިގަންނަވަމުންނެވެ. އަދި ވިދާޅުވީ، އެކަމެއް "ޑިނައި ކޮށްފިއްޔާ ޕޮލިސް ތެރޭގައި އަނެކައްޗެއް ނުކުރެވޭނެ، ސާބިތެއް ނުކުރެވޭނެ" ކަމަށެވެ. މީގެ އިތުރުން އެ މީހެއްގެ އިނގިލީގެ ނިޝާނެއް ވެސް ނުހޯދޭނެ ކަމަށް ޝަރީފް ވިދާޅުވާ އަޑު އޯޑިއޯގައި އިވެ އެވެ.
އެ އޯޑިއޯއާ ގުޅިގެން ޝަރީފް ނެރުއްވި ބަޔާނުގައި މިރޭ ވިދާޅުވީ އެއީ އޭނާ އެކި ފަހަރުމަތިން ދައްކާފައިވާ ވާހަކަތަކުން އެހެން މާނައެއް ނެރުމަށްޓަކައި ހަދައިގެން ނެރެފައިވާ އޯޑިއޯއެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އިލެކްޝަންސް ކޮމިޝަނަށް ނުފޫޒެއް ނުވަންނަ ނަމަ، ޝަރީފްގެ އޯޑިއޯ ކްލިޕްގައި ދައްކަވާފައިވާ ވާހަކަތައް އެ ގޮތަށް ދައްކަވާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވެ އެވެ.
"އެހެންވީމާ އަޅުގަނޑަކަށް ނޭނގޭ ނުފޫޒު ވަނީ ކޮން ދިމާލަކުން ކަމެއް. އެހެން ނަމަވެސް ގައިމު ވެސް ރައީސް ޔާމީނާ [ޝަރީފް] ކިތަންމެ ގާތްވި ނަމަވެސް އަދި އޭގެ ކުރިން ޕީއޭ އުފައްދައިގެން އޭގެ ސެކްރެޓަރީ ޖެނެރަލް އަކަށް ވެސް އުޅުއްވި، އަޅުގަނޑުމެންގެ މެމްބަރަކަށް ވެސް އުޅުއްވި، އެހެންވީމަ އެއަކަށް އެއްޗެކޭ ބުނާކަށް އަޅުގަނޑު ނެތިން. އަދި ވެސް ދެކެނީ އަޅުގަނޑާ ދޭތެރޭ ގޯސްކޮށް ދެކެވަޑައި ނުގަންނަވާނެ ކަމަށް،" ރައީސް ޔާމީނާއި ޝަރީފާ އޮތް ގާތްކަން ހާމަކޮށްދެއްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން މިރޭ ވިދާޅުވީ، މީހަކު ގޯހެއް ހަދަންދެން އެމަނިކުފާނު ގަބޫލުފުޅު ކުރައްވާނީ އެއީ އިޚުލާސްތެރިއެއް ކަމަށެވެ. އެކަމަކު، މީގެ ކުރިން ވެސް އެގޮތަށް އިޚުލާސްތެރިން ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.
"އެކަމަކު އިހުލާސްތެރިން މަސައްކަތް ކުރަމުން ގޮސްފައި، އިހުލާސްތެރިންގެ މަސައްކަތް އެ ނޫން އެހެން މިސްރާބަކަށް ބަދަލުވާން ޖެހޭ ސަބަބުތައް އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި. އެ ކަންކަން ފެނިފައި އެބަހުރި. އެތައް ކަމެއްގައިި، އެ ކަންތައް ކުރެއްވި ބޭފުޅުން ޖަލުގައި ތިއްބަވާފައި މިނިވަން ވެގެން ދިޔަ ތަން ވެސް އަޅުގަނޑުމެންނަށް މިއަދު އެބަ ފެނޭ. މި ހުރިހާ ކަމެއް ވެގެންދާއިރު ނުފޫޒުތަކެއް ވަންނަންޏާ އިހުލާސްތެރިންނަށް ވަންނަ ނުފޫޒު ވެސް ވަންނާނެ،" މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން މިނިވަން ކުރި ސިޔާސީ އިދިކޮޅު ބޭފުޅުންނަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިންތިޚާބާ ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެ ކަންތައްތަކަށް އީސީން ޖަވާބުދާރީ ވަންދެން މުޅި ރާއްޖޭގައި އެއްވުންތައް ކުރިއަށް ގެންދަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ އެމަނިކުފާނަށް އިންތިޚާބުން ލިބިވަޑައިގެންނެވި ވޯޓުގެ އަދަދާ މެދު ވެސް ސުވާލު އުފައްދަވައިފަ އެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ނުކުރައްވަނީ ނޫން ކަމަށް ވިދާޅުވި އެވެ.
"ހަގީގަތުގައި ވެސް ހިތާހިތާ ސުވާލު ކުރަން ޖެހޭ މިއީ ހަމަ އަސްލު ވެސް އަޅުގަނޑުމެންނަށް ލިބުނު ވޯޓު ހެއްޔޭ. މި ތަނުގައި މި އިވޭ ޝުއޫރަކީ މިއީ. ހަމަ ހަގީގަތުގައި ވެސް އަޅުގަނޑަށް ގަބޫލު ކުރެވޭ މި އަށް ވުރެ ގިނައިން އަޅުގަނޑަށް ވޯޓު ލިބޭނީ،" ރައީސް ވިދާޅުވި އެވެ.