ރިޔާސީ އިންތިޚާބުގައި ރައްޔިތުން ސާފުކޮށް، އަޑު އިއްވައިފި ކަމަށާއި އެ އަޑު އެހުމަކީ އެންމެންގެ ޒިންމާއެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ޝަރީފް މިގޮތަށް މި ވިދާޅުވީ، އާދީއްތަދުވަހު ބޭއްވި ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ އޭނާ އާއި އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުން ދަނިކޮށެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިން އަދި ފަހުން ވެސް އައި ހުރިހާ ފާޑުކިއުންތަކަށް ސާބިތުކަމާ އެކު ކުރިމަތި ލެއްވި ކަމަށެވެ. އޭރު ވެސް އަދި މިހާރު ވެސް ހުންނެވީ އިންސާފުގެ މަގުގައި ކަމަށް ވިދާޅުވި އެވެ. ޝަރީފް ވެސް ފާހަގަކުރެއްވި ގޮތުގައި ޑިމޮކްރަސީއެއްގައި އިންތިޚާބުތަކަކީ ރައްޔިތުންގެ އަޑެވެ. އެ އަޑު ވަރަށް ސާފުކޮށް އިއްވައިފި ކަމަށް ވިދާޅުވި އެވެ.
އޭނާ އެ އިޝާރާތް ކުރެއްވީ، ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވާދަކުރެއްވި އިންތިޚާބު، ބޮޑު ތަފާތަކުން އިބޫ ކާމިޔާބު ކުރެއްވުމަށެވެ.
އީސީން އާއްމުކޮށްފައިވާ ދާއިމީ ނަތީޖާގައިވާ ގޮތުން އިންތިޚާބުގައި އިބޫ އަށް 134،705 ވޯޓު ލިބިވަޑައިގަތްއިރު، ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ އިބޫ އަށް ވޯޓުގެ 58.4 ޕަސެންޓް އަދި ރައީސް ޔާމީނަށް 41.6 ޕަސެންޓެވެ.
މި ނަތީޖާއާ އެކު ރައްޔިތުންގެ ވޯޓުން އެމަނިކުފާނު ބަލިވެއްޖެ ކަން ގަބޫލުކުރައްވައި، ރައީސް ޔާމީން އިބޫ އަށް މަރުހަބާ ވެސް ވިދާޅުވި އެވެ. އެކަމަކު، އޭގެ ހަފުތާއެއްހާ ދުވަސް އީސީގެ މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކަކާ އެކު ނަތީޖާ ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ ރޭ ވަނީ މުޒާހަރާ އަށް ނުކުމެވަޑައިގެންފަ އެވެ. އިންތިޚާބު އޮޅުވާލީ ކަމަށް ތުހުމަތު ކުރައްވައި އެ މައްސަލައިގައި އީސީ ޖަވާބުދާރީވަންދެން ޕީޕީއެމުން އަޑުއުފުލާނެ ކަމަށް ވެސް ރައީސް ޔާމީން ރޭ ވަނީ ވިދާޅުވި އެވެ.
މީގެއިތުރުން، އިންތިޚާބު ބާތިލްކުރަން ސުޕްރީމް ކޯޓަށް ގޮސްގެން ނަމަވެސް ހައްގުތައް ހިމާޔަތްކުރާނެ ކަމަށް ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ. އެކަމަކު އީސީން ބުނަނީ އިންތިޚާބުގެ ބާތިލްކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް ކަމަށާއި ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ ގާނޫނީ އިމުގެ ތެރެއިންނެވެ.