ރައީސާއި ޔާމީން އިންތިހާބުގައި ހަރަދުކުރެއްވީ އެއްވަރަކަށް: އީސީ

މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހަރަދު ކުރެއްވީ ގާތްގަނޑަކަށް އެއްވަރަކަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.


ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކެންޑިޑޭޓުގެ އަމިއްލަ ނަމުގައި ވަކި ހާއްސަ އެކައުންޓެއް ހުޅުވައި، ކެމްޕޭނަށް އެކި މީހުން ދޭ މާލީ އެހީ އެއަށް ޖަމާކުރަން ޖެހެ އެވެ. އަދި އިންތިހާބު ނިމޭތާ 60 ދުވަހުގެ ތެރޭގައި އިންތިހާބަށް ހަރަދު ކުރި މިންވަރާ ގުޅޭ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޔާމީން އިންތިހާބުގައި ހަރަދު ކުރެެއްވީ އެއްވަރަކަށް ކަމަށް ޝަރީފް ވިދާޅުވި އިރު، އިންތިހާބަށް ހަރަދު ކުރި އަދަދެއް އޭނާ އަދި ހާމައެއް ނުކުރައްވަ އެވެ.

އިލެކްޝަންސް ކޮމިޝަންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް (ކ-2) ވާހަކަ ދައްކަވަނީ. --- ފޮޓޯ: އީސީ

މީގެއިތުރުން، ރިޔާސީ އިންތިހާބުގެ ދެ ހަފުތާއެއް ކުރިން ޔާމީންގެ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ.

އެކަމަކު 22 މިލިއަން ރުފިޔާ ޖަމާކުރީ އިންތިހާބަށް ހާއްސަކޮށްގެން ހުޅުވި އެކައުންޓަކަށް ކަމެއް ނުވަތަ އެމްއައިބީގައި ކުރިންސުރެ ވެސް އޮންނަ އެމަނިކުފާނުގެ އެކައުންޓަށް ކަމެއް ނޭނގެ އެވެ. އެ މައްސަލައާ ގުޅިގެން ޔާމީންގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ވަނީ ފްރީޒްކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ގާނޫނުގައި ބުނާ މުއްދަތުގެ ކުރިން، ދެ ބޭފުޅުން މާލީ ބަޔާން ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި ދެ ބޭފުޅުންގެ މަންދޫބުންނާއި އޮޑިޓަރުންގެ ފަރާތުން ސާފުކުރަންޖެހޭ މައުލޫމާތު ހުރުމާ ގުޅިގެން މި ހަފްތާގެ ތެރޭގައި އެކަންކަން ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކި އަދަދެއް މިހާރު ދެންނެވެން ނެތް. ސަބަބަކީ އަޅުގަނޑުމެން ދިރާސާ ކުރަމުންދާތީ. އެކަމަކު ތަފާތު ބޮޑު ދެ އަދަދެއް ނޫން، ދާދި ހަމަހަމަ އަދަދެއް ދެ ކެންޑިޑޭޓުންވެސް ހަރަދު ކުރައްވާފައިވާ ކަމަށް އެ ބޭފުޅުންގެ މާލީ ބަޔާންތަކުން އަޅުގަނޑުމެންނަށް ފެންނަން އޮތީ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މާލީ ބަޔާންތައް ބެލުމަށް ފަހު، އެ މައުލޫމާތުތައް އާންމު ކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެކައުންޓަށް ފައިސާ ވަނީ ކޮން ގޮތަކަށް ކަމާއި ނުވަތަ އެ ފައިސާއަކީ ސައްހަ ފައިސާ ކަމަށް ބެލުމަކީ ކޮމިޝަންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެކައުންޓަކީ އިންތިހާބާ ގުޅޭ އެކައުންޓެއް ކަމަށް ބުނެ ޔާމީންގެ ފަރާތްޕުޅުން އިލެކްޝަނަށް އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އެކަމަކު، ޔާމީންގެ މާލީ ބަޔާނުގައި އެކައުންޓު ނަންބަރެއް ޖަހާފައި އޮތް ކަން ޝަރީފް ފާހަގަ ކުރެއްވި އެވެ. އެއީ މައްސަލަ ޖެހިގެން އުޅޭ އެކައުންޓެއް ކަން ނުވަތަ ނޫން ކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާ ގުޅިގެން އެމަނިކުފާނު އިއްޔެ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. ފުލުހުންގެ ސުވާލުތަކަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ފަހު، ނޫސްވެރިންނާ ބައްދަލު ކުރައްވައި ޔާމީން ވިދާޅުވީ ފުލުހުން ގެންދިޔައީ މައުލޫމާތެއް ސާފުކޮށްލަން ކަމަށެވެ. އަދި އެމަނިކުފާނާ ދެކޮޅަށް ފުލުހުން އެއްވެސް ތުހުމަތެއް ކޮށްފައި ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ