މައުމޫންގެ އިސްތިއުނާފް ޝަރީއަތް މިއަދު ކުރިއަކަށް ނުގެންދެވުނު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިއަދު ކުރިއަށް ގެންދެވޭ ގޮތް ނުވެގެން އަންނަ ހަފުތާއަށް ފަސްކޮށްފި އެވެ.


މައުމޫން، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހު އެމަނިކުފާނު ހައްޔަރުކޮށް، ފުލުހުންގެ ތަހުގީގަށް އެމަނިކުފާނުގެ ފޯނު ދޭން އެންގުމުން އެކަން ނުކުރެއްވި މައްސަލާގައި ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.

އެ މައްސަލަ މައުމޫންގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ހައި ކޯޓުގައި ފަށަން ހަމަޖެއްސި އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތް ނުވީ ދަށު ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ނުލިބި އޮތުމުންނެވެ. އިސްތިއުނާފް ކުރިއަށް ގެންދިއުމަށް އެ ރިޕޯޓް ވަރަށް މުހިންމު ކަމަށް މައުމޫންގެ ވަކީލުން ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ، އެ ރިޕޯޓް ދޫނުކުރެވި އޮތް ސަބަބު ކޯޓުން ބެލިއިރު އެކަން އެގޮތަށް ދިމާވީ ކޮންމެވެސް ވަކީލަކު ބަޔާންތަކުގައި ސޮއި ނުކުރައްވައި އޮތުމުން ކަމަށެވެ. އެކަމަކު އެ ރިޕޯޓް ހައި ކޯޓަށް މުހިންމު ވާތީ، އެ ހޯދާފައިވާ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ.

މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، މައުމޫންގެ ވަކީލުންގެ ބަޔާންތަކުގައި ސޮއި ކުރައްވާފައި ވާނެ ކަމަށެވެ. އަދި ބަޔާންތަކުގައި ވަކީލުން ސޮއި ކުރެއްވުމަކީ މިހާރު ގާނޫނު އޮތްގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެކަން ކުރަން ޖެހެނީ ކޯޓުގެ މުވައްޒަފުން ކަމަށް ވެސް ވަކީލް މައުމޫން ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ ރިޕޯޓް ހޯދަން ދަށު ކޯޓުގައި އެދުމުން އެ ރިޕޯޓް މިހާރު ލިބޭނެ ކަމަށާއި ރިޕޯޓް ނުލިބިއްޖެ ނަމަ، އެކަން ހައި ކޯޓަށް އެންގުމުން އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ރިޕޯޓް ލިބުމުން ދިރާސާ ކުރުމަށް ފަހު އެ މައްސަލަ ކުރިއަށް ގެންދަން ފުރުސަތު ދިނުމަށްޓަކައި މިއަދު އަޑުއެހުން ނިންމާލައި، އަންނަ ހަފުތާގައި އަޑުއެހުމެއް ތާވަލް ކުރާނެ ކަން ފަނޑިޔާރުގެ ބެންޗުން އިއުލާން ކުރެއްވި އެވެ.

އެ މައްސަަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ހަސަަން އަލީ އެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ސަމީރެވެ.

އެ މައްސަލައިގެ އިސްތިއުނާފް ނިމެންދެން ކަފާލާތުގެ ދަށުން މައުމޫން މިހާރު ހުންނެވީ މިނިވަންކޮށްފަ އެވެ. މި ހަފުތާގައި ހައި ކޯޓުން އެމަނިކުފާނު މިނިވަންކުރީ 60،000ރ. ގެ ޑިޕޮސިޓެއް ކޯޓުގައި ބެހެއްޓުމަށް ފަހު އެވެ.

ފޯނު ނުދެއްވި މައްސަލާގައި މައުމޫންގެ މައްޗަށް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު، ޓެރަރިޒަމްގެ ދައުވާއެއް ވެސް ދައުލަތުން މައުމޫންގެ މައްޗަށް ކުރެ އެވެ. އެ މައްސަލަ ދަށު ކޯޓުގައި ދަނީ ކުރިއަށެވެ.