ހުޅުމާލެއިން 400 ގޯތި ވިއްކުން އޭސީސީން ހުއްޓުވައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން މިއަދު ނިންމި ނަމަވެސް، އެ މައްސަލަ ބަލައި ނިމެންދެން ގޯތި ވިއްކަން ހުއްޓައިލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފި އެވެ.


އެ ކޮމިޝަނުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ހުޅުމާލެ އިން 400 ގޯތި ދޫކުރަން ހުޅުވާލި ފުރުސަތާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާތައް ބެލިއިރު ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވިފައިވާތީ މައްސަލަ ތަހުގީގު ކުރަން ނިންމާފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

އެހެންވެ ކޮމިޝަނުން އެދުނީ، އެ މައްސަލަ ބަލައި ވަކި އެއްޗެއް އަންގަންދެން 400 ގޯތި ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށެވެ.

ގޯތި ވިއްކުން މަޑުޖައްސާލަން އަންގައި، އޭސީސީން ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީ.

ހައުސިން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ޚާއްސަ ކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމުގެ ފޯމު މިއަދު ހަވީރު 4:00 އިން ފެށިން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދޫކުރަމުން ދާނެ ކަމަށެވެ. ހައުސިން މިނިސްޓްރީގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ވެސް ކުރެވެ އެވެ. ފޯމު ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ މާދަމާއިން ފެށިގެންނެވެ.

ގޯތި ދޫކުރުމަށް ހަމަޖައްސާފައި ވަނީ އަންނަ ހަފުތާގައި، އެންމެންނަށް ހުޅުވާލައިގެން ބާއްވާ ގުރުލުމަކުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ބިމުގެ އަގަކީ 400 ރުފިޔާ އަށް އަކަފޫޓެއްގެ މަގުން 1،000 އަކަފޫޓު. އެހެންވީމާ 4،000ރ. އަށް މާލޭގެ ރައްޔިތުންނަށް، ދަފްތަރުގެ ޖެހިފައިވާ ފަރާތްތައް ވެސް ހިމެނޭ ގޮތަށް މި ފުރުސަތު ލިބިގެންދަނީ،" މުއިއްޒު ވިދާޅުވި އެވެ.

މި މަޝްރޫއު މުއިއްޒު އިއުލާން ކުރެއްވީ، ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވެވަޑައިގެން، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތް ފެށިފަވާތީ އެއްވެސް މަޝްރޫއުތަކެއް ނުހިންގަން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އޮފީހުން މުއައްސަސާތަކުގައި އެދެމުން އަންނަނިކޮށެވެ.

ބިން ވިއްކަން ހުޅުވާލާފައި ވަނިކޮށް، ޑައިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން، އަހްމަދު ލަތީފް ވެސް އޭސީސީގެ މެމްބަރުންނާ ބައްދަލުކުރައްވައި މިއަދު މަޝްވަރާ ކުރެއްވި އެވެ.

ހުޅުމާލެ އިން ބިން ވިއްކުން ހުއްޓުވާލިއިރު، ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ހުށަހެޅި ފޯމުތައް އިވެލުއޭޓް ކުރުން ވެސް އޭސީސީން ވަނީ މަޑުޖައްސައިލަން އަންގައިފަ އެވެ.