ފޯމު ބަލައިގަތުން މެދުކަނޑައިލީ އޭސީސީގެ ޖަވާބެއް ލިބެންދެން: ހައުސިން

ހުޅުމާލެ އިން 400 ގޯތި ވިއްކާ ފޯމު ބަލައިގަތުން މެދުކަނޑާލީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޖަވާބެއް ލިބެންދެން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ދޫކުރަން ނިންމައި އިއުލާންކުރުމާ އެކު އެ މަޝްރޫއު ހުއްޓާލަން އޭސީސީން ވަނީ އަންގައިފަ އެވެ. އެއީ، ގާނޫނީ ގޮތުން ސުވާލު އުފެދޭ އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.

މި އެންގުމާ ޚިލާފަށް ހައުސިން މިނިސްޓްރީން އިއްޔެ ފޯމު ދޫކުރަން ފެށި އެވެ. އެ ފޯމުތައް ހުށަހަޅަން މިއަދު ހައުސިން މިނިސްޓްރީގައި ކިޔޫ ޖެހުނު ނަމަވެސް އެ މަޝްރޫއު ވަގުތީ ގޮތުން މަޑުޖައްސާލާފައިވާ ކަމަށް އެ މީހުންނަށް ވަނީ އަންގައިފަ އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ހުޅުމާލެއިން ގޯތި ވިއްކުން މަޑުޖައްސާލަން އޭސީސީން އެންގުމާ ގުޅިގެން، އެ މިނިސްޓްރީން ދެކޭ ގޮތް ބަޔާން ކޮށްފައިވާ ސިޓީއެއް އޭސީސީއަށް ފޮނުވާފައި ކަމަށެވެ. އެހެންވެ، ފޯމު ބަލައިގަތުން މެދުކަނޑާލީ، އޭސީސީން ޖަވާބެއް ލިބެންދެން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލެއިން ގޯއްޗެއް ވިއްކަން ހައުސިން މިނިސްޓްރީން ނިންމާފައި ވަނީ 400،000ރ. އަށެވެ.

ހުޅުމާލޭގެ ދެވަނަ ފޭސްގައި މީގެ ކުރިން ވެސް ބިން ވިއްކާފައިވާއިރު އޭރު ފެށޭ އަގަކަށް ހަމަޖެއްސީ އަކަފޫޓެއް 3،000ރ އަށެވެ. އެ އަގުން ބަލާ ނަމަ 1،000 އަކަ ފޫޓެއްގެ ގޯއްޗެއްގެ އަގު ތިން މިލިއަން ރުފިޔާއަށް އަރަ އެވެ. އެ ފަހަރު ގޯތިތައް ވިއްކީ އަކަފޫޓެއް 3،000ރ އަށް ވުރެ މާ ބޮޑު އަގެއްގަ އެވެ.

އެހެންކަމުން، ހައުސިން މިނިސްޓްރީން މި ފަހަރު މި ހުޅުވާލީ ނުއަގުގައި ގޯތި ވިއްކަން ކަމަށް ބުނެ އެއް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހުޅުމާލެއިން ގޯތި ވިއްކުމުގެ ގާނޫނީ ހައިސިއްޔަތެއް ވެސް ހައުސިން މިނިސްޓްރީ އަށް ލިބިގެން ނުވާ ކަމަށް ގާނޫނީ ބައެއް ވަކީލުން ވިދާޅުވެ އެވެ. އެއާ އެކު، ގޯތި ވިއްކަން މި ހުޅުވާލީ "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ވެރިކަން ބަދަލުވުމުގެ މި މަރުހަލާ ތެރޭގައި އެއްވެސް ބިމަކާ ގުޅޭ މުއާމަލާތެއް ނުހިންގަން އެޗްޑީސީގެ ބޯޑުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ފާސްކޮށްފައި ވަނިކޮށެވެ.

އެކަމަކު މި މައްސަލައިގައި، އެޗްޑީސީން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.