ޕީޕީއެމް ޕީޖީގެ ޑެޕިއުޓީ ލީޑަރު ކަމުން ރިޔާޒް ވަކިކުރަނީ

ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުގެ މަގާމުން ރައްޔިތުންގެ މަޖިލިހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވަކި ކުރުމުގެ މަސައްކަތް އެ ޕާޓީން މިއަދު ފަށައިފި އެވެ.


އެނގިފައިވާ ގޮތުގައި، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ބާއްވައި ރިޔާޒް އެ މަގާމުން ވަކި ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުށަހެޅުމަށް ވަނީ ނިންމައިފަ އެވެ. އަދި ރައީސް ޔާމީންގެ ހުއްދަ ލިބުމާއެކު މެމްބަރުންގެ މެދުގައި ވޯޓެއް ނަގަން ވެސް އޮތީ ނިންމައިފަ އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ރިޔާޒް އައްޔަން ކުރީ ވެސް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ. ރިޔާޒްގެ އިތުރުން، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވެސް އައްޔަން ކުރީ މެމްބަރުންގެ ވޯޓަކުންނެވެ.

ވިލުފުށީގެ މަގު ހެދުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީނަށް، އެ ދާއިރާގެ މެމްބަރު ރިޔާޒް އެރުވި ރަމްޒީ ދޯންޏެއް ހިއްޕަވައިގެން.---ފޮޓޯ: ރައީސް އޮފީސް

ރިޔާޒް "މިހާރު" އަށް މިރޭ ވިދާޅުވީ ޕީޕީއެމް ޕީޖީގެ ޑެޕިއުޓީ ލީޑަރު ކަމުން އޭނާ ވަކި ކުރަން އުޅެނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެ ވަޑައިގަތުމުން އެކަމަށް މަރުހަބާ ދަންނަވައި ދެ ބޭފުޅުންގެ ފޮޓޯއަކާއެކު ކުރެއްވި ޓުވީޓަކާ ގުޅިގެން ކަމަށެވެ.

މީގެއިތުރުން، ރިޔާޒާއި މަޖިލިހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު އެކުގައި ނެންގެވި ފޮޓޯއެއް އިލްހާމް ފޭސްބުކްގައި އާންމު ކުރެއްވުމާ ގުޅިގެން އެކަމާ ވެސް ބައެއް މެމްބަރުން ތިއްބެވީ ހިތްހަމަނުޖެހިފައި ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ކުރެއްވި ޓުވީޓެއް.

ރިޔާޒް ވިދާޅުވި ގޮތުގައި، އޭނާ ޕީޖީގެ ޑެޕިއުޓީ ލީޑަރު ކަމުން ވަކި ކުރަން އުޅެނީ އޭނާ ކުރެއްވި ޓުވީޓުތަކަކީ ސައްހަ އެއްޗެއްތޯ ވެސް ބެލުމެއް ނެތި އެވެ. އޭނާ ކުރެއްވި ޓުވީޓުތަކަކީ ސައްހަ އެއްޗެއްތޯ ޕީޕީއެމުން ބަލަން ޖެހޭނީ ޓުވިޓާ މެދުވެރިކޮށް ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. އަދި އިލްހާމް ފޮޓޯއެއް ހިއްސާ ކުރެއްވުމަކުން އޭނާގެ ފިކުރު ހުންނެވި ގޮތެއް ބަޔަކަށް ނޭނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކިހިނެއްތޯ އެނގެނީ އެއީ އަޅުގަނޑުގެ ޓްވީޓެއްކަން؟. ތި ސުވާލުގެ ޖަވާބު ދެއްވޭނީ ޓުވިޓާއަށް. ޓުވިޓާއާއި ސުވާލު ކުރައްވާ،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމުން އޭނާ ވަކި ކުރައްވަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި އޭނާ ކުރެއްވި ޓުވީޓުތަކަކާ ގުޅިގެން މަގާމުން ވަކި ކުރަން އުޅުމަކީ ހަމަޖެހޭ އުސޫލަކަށް ނުވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ އޭނާ އާ މެދު ފިޔަވަޅު އަޅަން އުޅޭއިރު، ޕީޕީއެމްގެ ޕީޖީ ގްރޫޕުން އޭނާ ސުވާލު ނުކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ރިޔާޒް (މ) މިއަދު އިލްހާމާއި (ވ) އަބްދުﷲ އަހުމަދާއެކު ނެންގެވި ފޮޓޯ.

ރިޔާސީ އިންތިޚާބުގައި ޕީޕީއެމަށް ލިބުނު ނާކާމިޔާބީއަށް އިޝާރާތް ކުރައްވައި ރިޔާޒް ވިދާޅުވި ގޮތުގައި އޭނާ މިވަގުތު އުޅުއްވަނީ އިންތިޚާބު ނާކާމިޔާބުވުމުން އެކަމުގެ ހިތާމައިގަ އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި އިންތިޚާބަށް ފަހު ޕީޕީއެމްގެ އެހެން ބޭފުޅުން މާޔޫސްވެގެން އުޅުއްވާ ތަން ފެނިވަޑައިނުގަންނަވާތީ އެކަމާ ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

"ރިޔާސީ އިންތިޚާބުން ބަލިވީމަ އެކަމުގެ ހިތާމައިގައި އަދިވެސް މިއުޅެނީ. ތެދުވާނެ ހާ ހިތްވަރެއް ވެސް ނެތިގެން އަޅުގަނޑު މިއުޅެނީ. ސިޔާސީ ކަންކަމުގައި އުޅޭނެ ވަރެއް ވެސް ނެތިގެން. އަޅުގަނޑު ހަމަ ގައިމުވެސް އިންތިޚާބުގެ ނަތީޖާ ފެނިފައި ވަރަށް ބޮޑަށް ވަނީ މާޔޫސްވެފައި،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ކުރެއްވި ޓުވީޓެއް.

އިދިކޮޅު ސިޔާސީ ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރާ ހަމައަށް ޕީޕީއެމްގެ ސަރުކާރު ދިފާއު ކުރެއްވުމުގައި އެންމެ ބޮޑު އެއް މަސައްކަތެއް ކުރެއްވި އެއް މެމްބަރަކީ ރިޔާޒެވެ. އެކަމަކު، އެ އަމުރަށް ފަހު، ސަރުކާރު ދިފާއު ކުރުމުގެ މަސައްކަތުން ރިޔާޒް ވަނީ "ފެއަށް" ޖެހިވަޑައިގެންފަ އެވެ. އެހެންވެ، ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް އޭނާ އަށް ފާޑު ވިދާޅުވި އެވެ.

ރިޔާޒަކީ ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުގެ ބައެއް ސިޔާސަތުތަކަށް ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވި މެމްބަރެކެވެ. ހާއްސަކޮށް، ބައެއް ގާނޫނުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ރިޔާޒްގެ ނުރުހުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. އަދި މި ފަހުން، މަޖިލިހުގައި ނެގި ބައެއް ވޯޓުތަކުގައި ޕީޕީއެމްގެ މެމްބަރުންނާއެކު، ވޯޓު ނުދެއްވި މެމްބަރުންގެ ތެރޭގައި ރިޔާޒް ހިމެނިވަޑައިގަންނަވަ އެވެ.

ރިޔާޒް މީގެ ކުރިން، ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ރައީސް ޔާމީނަށް ނާކާމިޔާބުވީ ޕީޕީއެމްގެ ތެރޭގައި ބައިބައިވުން ބޮޑުވެ ޕާޓީ ތެރޭގައި ތިބި އިހުލާސްތެރިން ދޫކޮށް، ގޮތް ނޭނގޭ މީހުންނަށް އިތުބާރު ކުރުމުން ކަމަށެވެ. އަދި އެއް ދިމާލަށް ވުރެ ގިނަ ދިމާލުގައި ކެމްޕެއިންކޮށް، އަމާޒެއް ނެތި ދަތުރު ކުރުމަކީ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.