މާލޭގައި މިއަދު ވެސް ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމް ކޮށްލައިފި އެވެ.
އަމީނީ މަގުގައި ހުންނަ ޣިޔާސުއްދީން ސްކޫލް ކައިރީގައި މިއަދު މެންދުރު ހިންގި މި މާރަމާރީގައި ޒަހަމްވި، އުމުރުން 26 އަހަރުގެ ފިރިހެނަކަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާރާމާރީއެއްގައި ޒަހަމްވެގެން މެންދުރު 12:30 ހާއިރު އެ ތަނަށް މީހަކު ގެންގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޒަހަމްވި ޒުވާނާއަށް ފަރުވާ ދިނުމަށް ފަހު އަދި ވެސް ބާއްވާފައި ވަނީ އިމަޖެންސީ ރޫމްގަ އެވެ. އެ ޒުވާނާގެ ހާލު މިހާރު ރަނގަޅު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މި މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މި މާރާމާރީއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދިއެއް ހާމައެއް ނުކުރެ އެވެ.
ސ. މަރަދު އާއި މާލޭގައި ވެސް މި ހަފުތާގައި ވަނީ މާރާމާރީތަކެއް ކުރިން ހިންގައިފަ އެވެ. އެ މާރާމާރީތަކުގައި ޒަހަމްވި ދެ ޒުވާނުންގެ ހާލު އަދި ވެސް ސީރިއަސް ކަމަށް އެ މީހުންނަށް ފަރުވާ ދެމުން އަންނަ އައިޖީއެމްއެޗާއި އޭޑީކޭއިން ބުނެފައިވެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު މަރަދޫގައި ހިންގި މާރާމާރީއާ ގުޅިގެން ވަނީ ފަސް މީހަކު ހައްޔަރު ކޮށްފަ އެވެ. މާލޭގައި އިއްޔެ ރޭ ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް އަދިއެއް ނޭނގެ އެވެ.