އެސްބީއައިގެ ސެކިއުރިޓީ ބަލަހައްޓަން ހުރި މީހަކަށް ހަމަލަދީފި

ހެންވޭރުގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރީގައި ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ މީހަކަށް ހަމަލާ ދިން މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.


ފުލުހުން ބުނީ ހެނދުނު 7:30 ހާއިރު އެސްބީއައި ކައިރީގައި ހުރި ސެކިއުރިޓީ ގާޑަކަށް ހަމަލަދީ މާރާމާރީ ހިންގި މައްސަލައިގައި 18 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެކަމަކު، ސެކިއުރިޓީ ގާޑަށް ހަމަލަދިން ސަބަބެއް ފުލުހުން ނުބުނެ އެވެ. ފުލުހުން ހަމައެކަނި ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މީގެ ދެ އަހަރު ކުރިން، ނޮވެމްބަރު، 2017 ގައި އައްޑޫ ހިތަދޫގައި ހުންނަ އެސްބީއައިގެ ބްރާންޗުގެ ސެކިއުރިޓީ އަށް ތޫނު އެއްޗަކުން ހަމަލާދީ، އެތަނުގެ އޭޓީއެމަށް ގެއްލުން ދިނުމަށް ފަހު ފައިސާ ނަގަން ވަނީ މަސައްކަތްކޮށްފަ އެވެ. މި ހާދިސާގައި ބަންގްލަދޭޝްގެ ސެކިއުރިޓީ ގާޑުގެ ކޮނޑަށް ހަމަލާ ދިނެވެ.

ހިތަދޫ ބޮޑު މަގުގައި ހުންނަ އެސްބީއައިގެ އޭޓީއެމް ހަލާކުކޮށްލައިގެން ފައިސާ ނަގަން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބެއް ނުވި އެވެ.