ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާ ކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގައި ޖަލަށްލި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން ކުރި އިތުރު ދައުވާތަކެއްގެ އަޑުއެހުންތައް ނިންމައި އާދީއްތަ ދުވަހު ހުކުމް ކުރަން ކްރިމިނަލް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.
ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ ސާބިތުވެ، މުހުތާޒާއި ނިހާންގެ މައްޗަށް 2016 ގައި 17 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އޭގެ އިތުރުން، ނިހާންގެ މައްޗަށް އިތުރު ތިން ދައުވާއަކާއި މުހުތާޒްގެ މައްޗަށް ދެ ދައުވާއެއް ކުރިއިރު، މިއަދު ކޯޓުގައި އޮތީ އެ މައްސަލަތަކުގެ ފަހު އަޑުއެހުމެވެ.
އަޑުއެހުންތައް ނިންމާލުމަށް ފަހު، މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވ އާދިއްތަ ދުވަހު ހުކުމް އިއްވާނެ ކަމަށެވެ.
މުހުތާޒުގެ މައްޗަށް ދައުވާކުރީ ވަކި އަސްލެއް އޮތް އެއްޗެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާ އެވެ. ނިހާންގެ މައްޗަށް އުފުލީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ. މި ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ވަނީ ހެކި ހުށަހަޅައި ހުލާސާ ބަޔާން ވެސް އިއްވައިފަ އެވެ.
ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ބަދަލުވެފައިވާތީ، އިޖުރާއުތައް ފުރިހަމަ ކުރަން ބޭއްވި އަޑުއެހުމުގައި މުހުތާޒްގެ ވަކީލް ވިދާޅުވީ ދައުލަތުން ފަހުން ކުރި ދައުވާތައް ބިނާވެފައި އޮތީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ ސާބިތު ކުރަން ހުށަހެޅި ކަންކަމުގެ މައްޗަށް ކަމަށެވެ.
އެއާއެކު، މުހުތާޒްގެ ވަކީލް ވިދާޅުވީ ގާނޫނުއަސާސީގެ 60 ވަނަ މާއްދާގައި، ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގައި ނުވަތަ އެ ކުށުގެ އަމަލު ފުރިހަމަވާ އެހެން ކުށެއްގެ ދައުވާ އެމީހެއްގެ މައްޗަށް ނުއުފުލޭނެ ކަމަށް އޮންނަ ކަމަށެވެ. އެހެންވެ، މުހުތާޒްގެ މައްޗަށް ކުރި ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދައުވާތައް ބާތިލްކޮށް ދިނުމަށް ވަކީލް އެދިވަޑައިގެންނެވި އެވެ.
ނަމަވެސް، ހައިލަމް ވިދާޅުވީ މުހުތާޒްގެ މައްޗަށް އުފުލި ދައުވާތަކާ ގުޅިގެން ހެކި ހުށަހަޅައި ހުލާސާ ބަޔާން އިއްވައި ނިމި، ހުކުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ. އެހެންވެ، ޝަރީއަތުގެ މި މަރުހަލާގެ ތެރޭގައި ދައުވާތައް ބާތިލް ނުކުރެވޭނެ ކަމަށް ހައިލަމް ވިދާޅުވި އެވެ.
މީގެއިތުރުން މުހުތާޒްގެ ވަކީލް ވަނީ މުހުތާޒް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އެދުނު އަމުރު ރިވިއުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
ޝަރީއަތުގައި މުހުތާޒް ވަނީ ޖަލުގައި އޭނާ ގެންގުޅޭ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވައި، އަސާސީ ހައްގުތައް ނުދީ ހިފަހައްޓާފައިވާ ކަމަށް ވިދާޅުވެފަ އެވެ. މުހުތާޒް ވިދާޅުވި ގޮތުގައި، އޭނާ ބަހައްޓާފައި ހުންނެވީ އެންމެ ނުރައްކާތެރި ކުށްވެރިން ތިބޭ ޔުނިޓްގެ މެދުގަ އެވެ. ވަކީލުންގެ ބައްދަލުވުންތަކާއި ފޯނު ކުރުމުގެ ފުރުސަތު ވެސް ލިބިވަޑައިނުގަންނަވާތީ މުހުތާޒް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މުހުތާޒް ވިދާޅުވީ އޭނާ ކުރެއްވި ކުށާ ގުޅިގެން ޝަރީއަތުން އެންމެ ބޮޑު އަދަބު ކަނޑައެޅިތާ ތިން އަހަރު ވިއިރު، ބާކީ ހުރި ދައުވާތަކާ ގުޅިގެން އޭނާގެ މައްޗަށް ހުކުމެއް ނުކޮށް އޮތުމަށް ފަހު މިހާރު ހުކުމް ކޮށްފި ނަމަ، އެކަން ވެގެން ދާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކުރި ހުކުމަކަށް ކަމަށެވެ.
މުހުތާޒްގެ މައްޗަށް ކުށް ސާބިތުވީ އދ. މާމިގިއްޔަށް ވަޑައިގެން، ރައީސް ޔާމީން ހައްޔަރު ކުރަން އަމުރެއް ހޯދަން އުޅުއްވިކަން ހެކިންގެ ބަހުންނާއި މުހުތާޒްގެ ފަރާތުން ދެއްކެވި ވާހަކަތަކުން ސާބިތުވާތީ އެވެ.
ނިހާންގެ މައްޗަށް ކުށް ސާބިތުވީ މާމިގިލީ ކޯޓު ހުޅުވައި އެ ކޯޓުގެ ލެޕްޓޮޕުން އީމެއިލްއަކަށް ވަދެ، ރައީސް ޔާމީން ހައްޔަރުކުރަން ނެރެފައިވާ އަމުރު ކަމަށް ބުނާ ލިޔުމެއް ޑައުންލޯޑްކޮށް، އެ ލިޔުމަށް ބަދަލުތަކެއް ގެނައިކަން ހެކިންގެ ބަހުން ސާބިތުވުމާ ގުޅިގެންނެވެ.
ނިހާންގެ ވަކީލު ވެސް ވިދާޅުވީ ނިހާންގެ މައްޗަށް އުފުލި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ކުރުމުގެ ދައުވާ ފިޔަވައި ދެން ހުރި ހުރިހާ ދައުވާތަކެއް ބާތިލްކުރަން ޖެހޭ ކަމަށެވެ. އަދި ނިހާންގެ ބަންދުގެ މުއްދަތު ރިވިއުކޮށް ދިނުމަށް އޭނާ ވެސް އެދިވަޑައިގެންނެވި އެވެ.
މީގެއިތުރުން، ނިހާންގެ ވަކީލް ވިދާޅުވީ ނިހާނަކީ ހާއްސަ ހިމާޔަތެއް ދޭންޖެހޭ ބޭފުޅަކަށް ވާއިރު، އެ ހިމާޔަތް ނިހާނަށް ލިބެމުން ނުދާ ކަމަށެވެ. އަދި ނިހާން ޖަލުގައި ބަހައްޓަނީ ވަރަށް ބޮޑަށް އެކަހެރިކޮށްފައި ކަމަށް ވިދާޅުވެ، ވަކީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ދިފާއީ ވަކީލުން ދެއްކި ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ ދެ ބޭފުޅުންނާ ދެކޮޅަށް ދައުލަތުން އުފުލި ދައުވާތަކުގެ ތެރެއިން ހަތަރު ދައުވާ ބާތިލްކުރަން އިއުތިރާޒް ނުކުރައްވާ ކަމަށެވެ. އެކަމަކު، މި ހާލަތަކީ ދައުވާ ބާތިލް ކުރެވޭނެ ހާލަތަކަށް ނުވާތީ ހުކުމެއްކޮށް ދެއްވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. ދައުވާ ބާތިލްކުރަން ދައުލަތުން އިއުތިރާޒެއް ނެތް ކަމަށް ބުނީ ނިހާންގެ މައްޗަށް ދައުލަތުން ކުރި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ކުރުމުގެ ދައުވާ ފިޔަވައި ހުރިހާ ދައުވާތަކެކެވެ.
މުހުތާޒާއި ނިހާނަށް ޖަލުގައި އަމަލުކުރާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ވާތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ސިޓީ ފޮނުވާފައިވާ ކަމަށާއި މިހާތަނަށް އެއްވެސް ޖަވާބެއް ފޮނުވާފައި ނުވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.