ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގައި ޖަލަށް ލި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ކްރިމިނަލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މުހުތާޒްގެ މައްޗަށް ކުރި ދެ ދައުވާއަކާއި ނިހާންގެ މައްޗަށް ކުރި ތިން ދައުވާ ބާތިލު ކުރި ނަމަވެސް، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ، މުހުތާޒާއި ނިހާން ގެންދަވަނީ 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އޭގެ ތެރެއިން، ނިހާންގެ މައްޗަށް ކުރި ހުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުގައި ވަނީ ނިންމާލައިފަ އެވެ.

މުހުތާޒަށް ކުރި ދައުވާތަކުގެ ތެރެއިން ބާތިލު ކުރީ، ވަކި އަސްލެއް އޮތް އެއްޗެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާ އެވެ. ނިހާނަށް ކުރި ދައުވާގެ ތެރެއިން ބާތިލު ކުރީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އިއްވެވި ހުކުމްގައި ވަނީ މުހުތާޒާއި ނިހާންގެ މައްޗަށް ދައުވާތަކެއް ދައުލަތުން ކުރީ އެއް އަމަލުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެ މައްސަލަތަކާ ގުޅިގެން ދެ ބޭފުޅުންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެފައިވާ ކަމަށެވެ.

ހައިލަމް ވިދާޅުވި ގޮތުގައި، މި ހުރިހާ ދައުވާތަކެއް ވެސް މީގެ ކުރިން ކުރިއަށް ދިޔައީ އެކުއެކީގަ އެވެ. ދައުލަތުން މުހުތާޒާއި ނިހާންގެ މައްޗަށް އުފުލި ދައުވާތަކަކީ އެކަކު އެއް އަމަލުތަކެއް ކުރި ކަމަށް ބުނެ، އެކަމަށް ބިނާކޮށް ކުރި ދައުވާތަކެއް ކަން އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މުހުތާޒާއި ނިހާންގެ ވަކީލުން ވެސް ވިދާޅުވި ގޮތުގައި ދައުލަތުން ދެ ބޭފުޅުންގެ މައްޗަށް ކުރި ދައުވާތައް ބިނާވެފައި އޮތީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ ސާބިތު ކުރަން ހުށަހެޅި ކަންކަމުގެ މައްޗަށެވެ.

މީގެ އިތުރުން، ގާނޫނުއަސާސީ އާއި ގާނޫނުއުގޫބާތުގައިވާ ގޮތަށް ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގައި ނުވަތަ އެ ކުށުގެ އަމަލު ފުރިހަމަވާ އެހެން ކުށެއްގެ ދައުވާ އެމީހެއްގެ މައްޗަށް ނުއުފުލޭނެ ކަމަށް އޮންނަ ކަން ހުކުމްގައި ފާހަގަ ކުރި އެވެ.

އެހެންވެ، ހުކުމްގައި ވަނީ ދެ ބޭފުޅުންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތު ކުރީ ހެކި ވަޒަން ކުރެވިގެންނެވެ. އެހެންވެ، އެ ހެކިތައް އެހެން ދައުވާއަކާ ގުޅިގެން ގޮތެއް ނިންމުމުގައި ބޭނުން ކުރުމަކީ ސައްހަ ވާނެ ކަމެއް ނޫން ކަން އެނގެން އޮންނަ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެހެންވެ، ދައުލަތުން މުހުތާޒާއި ނިހާންގެ މައްޗަށް އުފުލި ދައުވާތައް އިތުރަށް ބަލާނެ ތަނެއް ނެތް ކަމަށް ހައިލަމް އިއްވެވި ހުކުމްގައިވެ އެވެ. ދެ ބޭފުޅުންނަށް ހުކުމް ކުރަން ބޭއްވި އަޑުއެހުން ވަކިވަކިން ބޭއްވި އިރު، ހައިލަމް ހުކުމް އިއްވެވުމާއެކު، ދެ ބޭފުޅުންގެ މޫނު މަތިން އުފާވެރިކަން ފެނިގެން ދިޔަ އެވެ. އަދި މުހުތާޒް ވަނީ ޝަރީއަތުގެ މަޖިލިހުން ނުކުމެވަޑައިގަތުމުގެ ކުރިން އަޑުއަހަން ތިބި މީހުންނާ ސަލާމް ކުރައްވައިފަ އެވެ.

އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ކުރުމުގެ ދައުވާއާ މެދު ދެ ފަރާތުން ވާހަކަ ނުދައްކަ އެވެ. އެކަމަކު، ގާޒީ ހައިލަމް ވަނީ އެ ދައުވާ އާ ގުޅިގެން ދެ ފަރާތަށް ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު މިއަދު ދީފަ އެވެ.

އެ ފުރުސަތުގައި ދައުލަތުގެ ވަކީލާއި ނިހާންގެ ވަކީލް އެދިވަޑައިގެންނެވީ އިތުރަށް ފާހަގަ ކުރަން ބޭނުންވާ ކަމެއް ނެތުމުން، އެ ދައުވާއާ ގުޅިގެން ވެސް ހުކުމެއް ކޮށް ދެއްވުމަށެވެ.