މި ފަހަރުގެ ރިޔާސީ އިންތިޚާބު ހުރިހާ ގޮތަކުން ވެސް ވަރަށް ތަފާތެވެ. އެއް ކަމަކީ މީގެ ކުރީގެ ދެ ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ދާން ޖެހުނަސް، މިފަހަރު އެއް ބުރުން ނަތީޖާ ކޮޅެއްގައި ޖެހުމެވެ. ދެވަނަ ކަމަކީ އެންމެ ބޮޑު ތަފާތަކުން އެއް ކެންޑިޑޭޓް މޮޅުވުމެވެ. ދެ ކެންޑިޑޭޓުންގެ މެދުގައި 38،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތު އޮތެވެ.

ރައީސް އަބްދުﷲ ޔާމީން، އެ ނަތީޖާ ފުރަތަމަ ގަބޫލުފުޅުކުރެއްވި އެވެ. އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މަރުހަބާ ވިދާޅުވި އެވެ. މުޅި ދުނިޔެއިން ވެސް އެ ނަތީޖާ ބަލައިގަތެވެ. ހީކުރި ވަރަށް ވުރެ އިންތިހާބީ މައްސަލަތައް މަދެވެ. ހަމަނުޖެހުމެއް ނެތި އެވަރުގެ ބޮޑު އިންތިޚާބެއް ނިމުމުގެ ހިތްހަމަޖެހުމުގައި ތިއްބާ މިހާރު މި އޮތީ އެ ނަތީޖާ ބާތިލްކުރަން ރައީސް ޔާމީން ހުށައެޅުއްވި މައްސަލައާ މެދު ސުޕްރީމް ކޯޓުން ނިންމާނެ ގޮތެއް ބަލަން ޖެހިފަ އެވެ.

ސުޕްރީމް ކޯޓުން އެ ޝަރީއަތް ފެށުމާ އެކު މުޅި ރާއްޖޭގެ ސަމާލުކަން އޮތީ އެއަށް ހުއްޓިފަ އެވެ. އެންމެންނަށް ވެސް މިވަގުތު މުހިންމީ ދެ ލައްކައަށް ވުރެ ގިނަ ރައްޔިތުންގެ ވޯޓާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާނެ ގޮތެކެވެ.

ތިން ދުވަހުގެ މަތިން ޖުމްލަ 10 ވަރަކަށް ގަޑިއިރުގެ ބަހުސްތައް ސުޕްރީމް ކޯޓުގައި ހިނގި އެވެ.

ވޯޓު ކަރުދާސް ޗާޕްކުރުން

ރައީސް ޔާމީންގެ ވަކީލުން އެންމެ ބޮޑަށް ފާހަގަކުރި އެއް މައްސަލައަކީ ޖުމްހޫރީ ޕާޓީގެ ފައުންޑަރު އަދި އިދިކޮޅު އެއް ލީޑަރު ގާސިމް އިބްރާހިމްގެ ދެ ދަރިކަލެއްގެ މަސްލަހަތު އޮތް ކުންފުންޏެއް ކަމަށްވާ އެމް7 އަށް ވޯޓު ކަރުދާސް ޕްރިންޓް ކުރަން ދިނުމެވެ. ވޯޓު ކަރުދާސް ޕްރިންޓް ކުރަން ނޮވެލްޓީން ބިޑް ހުށަހަޅައި، ގިނަ ޕޮއިންޓް ލިބިފައި ވަނިކޮށް އެ ބިޑްތައް ބާތިލް ކުރުމަށް ފަހު، އެމް7 ކުންފުންޏަށް އެ މަސައްކަތް ދިނީ ވަކި ގޮތަކަށް އިންތިޚާބުގެ ކަންކަން އަނބުރާލަން ކަމަށް ވިދާޅުވެ، ރައީސްގެ ވަކީލުން ތުހުމަތު އަމާޒުކުރެއްވީ އިލެކްޝަންސް ކޮމިޝަނަށެވެ.

ކޮމިޝަނުން އެކަމަށް ދޭ ޖަވާބަކީ ބިޑް ކުރުމެއް ނެތި އެމް7 އަށް އެ މަސައްކަތް ދިނީ ސީދާ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ހުއްދަ ދެއްވައިގެން، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި އެކަމުގައި މައްސަލައެއް އޮތް ނަމަ، އެ ޝަކުވާކުރަން ޖެހޭނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަމަށް ކޮމިޝަންގެ ވަކީލުން ވިދާޅުވެ އެވެ.

މައްސަލާގެ ތެރެއަށް ތަދައްޚުލްވި އިދިކޮޅު ކޯލިޝަންގެ ވަކީލުން އެ މައްސަލާގައި އުފެއްދެވި ސުވާލަކީ ވޯޓު ކަރުދާސް ޗާޕް ކުރަން ދޭން ޖެހެނީ ހަމައެކަނި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް އެކަނިތޯ އެވެ. ވަކި ފިކުރަކަށް ތާއީދުކުރާ ބަޔަކަށް އެ މަސައްކަތް ނުދެވޭނެ ކަމަށް ބުނާ އެއްވެސް އުސޫލެއް ނެތް ކަން އެ ވަކީލުން ފަހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ކޮންމެ އާއިލާއެއްގައި ވެސް ކޮންމެވެސް ސިޔާސީ ފިކުރަކަށް ނުވަތަ ޕާޓީއަކަށް ތާއީދުކުރާ ބަޔަކު ތިބޭއިރު، އެއްވެސް ފިކުރަކަށް ތާއީދު ނުކުރާ ބަޔަކަށް ވޯޓު ކަރުދާސް ޗާޕް ކުރަން ދޭނީ ކިހިނެއްތޯ ވެސް އެ ވަކީލުން ސުވާލު އުފެއްދެވި އެވެ.

ވޯޓުލި މީހެއްގެ އިނގިލީގައި ފާހަގަ ޖަހަނީ --ފޮޓޯ/މިހާރު
ވޯޓުލި މީހެއްގެ އިނގިލީގައި ފާހަގަ ޖަހަނީ --ފޮޓޯ/މިހާރު

ރައީސްގެ ފަރާތްޕުޅުން ދެން ފާހަގަކުރި މައިގަނޑު އަނެއް މައްސަލައަކީ ފާހަގަ ޖެހޭ އަނގޮޓި އާއި ދެލި ފޮހެވޭ ގަލަމާއި ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ ފޮހެވޭ ޚާއްސަ ކެމިކަލެއް ކަރުދާހުގައި ބޭނުން ކުރި ކަމަށް ކުރާ ތުހުމަތެވެ. ފާހަގަ ޖެހޭ އަނގޮޓިތައް ރާއްޖެ ގެނައީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްގެ އެންގެވުމަކަށް ކަމަށް ބުނާ ތިން ހެކިވެރިއެއްގެ ހެކިބަސް ސިއްރުން ނަގަން ރައީސްގެ ފަރާތްޕުޅުން ހުށަހެޅިޔަސް، ފަނޑިޔާރުންގެ ބެންޗުން އިއްޔެ ނިންމެވީ ސިއްރު ހެކިވެރިންގެ ހެކިބަސް ނަގަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އަނގޮޓި އާއި ދެލި ފޮހެވޭ ގަލަމާއި ފާހަގަ ފޮހެވޭ ކެމިކަލް، ވޯޓު ކަރުދާހުގައި ބޭނުންކުރި ކަމަށް ކުރާ ތުހުމަތުތައް އިލެކްޝަންސް ކޮމިޝަނުން ޝަރީއަތުގައި ސިފަކުރީ ހަމައެކަނި ހީވާ ހީވުންތަކަކާއި ކުރެވޭ ވަހުމްތަކެއްގެ ގޮތުގަ އެވެ. އެންމެ ކުޑަ މިނުން "ތުހުމަތެއްގެ ދަރަޖަ" ވެސް އެކަންކަމަށް ނުދެވޭނެ ކަމަށް ވިދާޅުވެ، އެ ކޮމިޝަންގެ ވަކީލުން ވިދާޅުވީ ފާހަގަ ޖެހޭ އަނގޮޓިއެއް ބޭނުން ކުރުމުގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. އަދި އެފަދަ އެއްޗެއް އިންތިޚާބުގައި ބޭނުން ކުރިކަމުގެ އެއްވެސް ހެއްކެއް ނެތް ކަން ވެސް ކޮމިޝަނުން ފާހަގަކުރި އެވެ.

ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް އެދިވަޑައިގެން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ފަހު އަޑުއެހުމަށް ފަހު، އިދިކޮޅު ކޯލިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ބޭފުޅުން އިއްޔެ ކޯޓުން ނުކުމެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް އެދިވަޑައިގެން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ފަހު އަޑުއެހުމަށް ފަހު، އިދިކޮޅު ކޯލިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ބޭފުޅުން އިއްޔެ ކޯޓުން ނުކުމެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ފާހަގަ ޖެހޭ އަނގޮޓި އާއި ދެލި ފޮހެވޭ ގަލަމުގެ އިތުރުން ފާހަގަ ފޮހެވޭ ކެމިކަލް ބޭނުން ކުރިކަމުގެ ތުހުމަތުތަކަށް އެންމެ ބޮޑަށް ޝަރީއަތުގައި ފާޑު ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ވަކީލުންނެވެ. އެ ތުހުމަތުތައް އެ ވަކީލުން ސިފަކުރެއްވީ ޚިޔާލީ ނުވަތަ ފުލޯކު ކަންތައްތަކެއް އެކުލެވޭ "ކޮންސްޕިރަސީ ތިއަރީތަކެއް" ގެ ގޮތުގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވެސް ފާހަގަކުރާ ގޮތަށް، އިދިކޮޅު ވަކީލުން ވެސް ވިދާޅުވަނީ ފާހަގަ ފޮހެވޭ އަނގޮޓި ނުވަތަ ދެލި ފޮހެވޭ ގަލަން ނުވަތަ ކަރުދާހުގައި ޚާއްސަ ކެމިކަލެއް ބޭނުން ކުރި ނަމަ، ވޯޓުތައް ގުނަމުން ދިޔަ ވަގުތު އެކަން އެނގޭނެ ކަމަށެވެ. އެކަމަކު އެފަދަ ކަމެއް އޭރު ފާހަގަކޮށްފައި ނެތް ކަމަށް އެ ވަކީލުން ވިދާޅުވި އެވެ.

ހެކި ނެތް ކަމަށް ބުނެ ކޮމިޝަނާއި އިދިކޮޅު ވަކީލުން ދެއްކެވި ވާހަކަތަކަށް ރައީސްގެ ވަކީލުން ދެއްވި ރައްދަކީ ހެކި ނެތުމުގެ މައިގަނޑު ސަބަބަކީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަނިވެފައި އޮތުން ކަމަށެވެ. އިންތިޚާބު އޮތް ދުވަހުގެ ކުރީ ދުވަހުގެ ރޭ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ކުއްލި ގޮތަކަށް ދަރުބާރުގެ އަށް ބަދަލުކުރި ހިސާބުން ޝަކުވާތައް ހުށަހަޅަން ފުރުސަތު ހަނިވި ކަމަށް ރައީސްގެ ވަކީލުން ވިދާޅުވެ އެވެ. ކޮމްޕްލެއިންޓްސް ބިއުރޯގެ މަސައްކަތް ގަސްދުގައި ހުއްޓުވާލީ ކަމަށް ވިދާޅުވެ، ރައީސްގެ ވަކީލުން ވިދާޅުވަނީ އެކަން އެގޮތަށް ކޮށްފައިވަނީ ޝަކުވާތަކަށް ފުރުސަތު ނުދީ، އެ އިންތިޚާބުގައި މައްސަލައެއް ނެތް ކަން ދެއްކުމަށް ކަމަށެވެ.

އެކަމަކު ކޮމިޝަންގެ ވަކީލުން އެކަން ކަނޑައެޅިގެން ދޮގުކުރެ އެވެ. ކޮމިޝަންގެ ވަކީލުން ވިދާޅުވަނީ ބިއުރޯގެ މަސައްކަތް އެއްވެސް އިރަކު ހުއްޓިފައި ނެތް ކަމަށާއި އެ ފުރުސަތު އޭރު ވެސް އޮތް ކަމަށެވެ. އޭގެ ހެއްކެއްގެ ގޮތުން ކޮމިޝަނުން ދައްކަނީ ޕީޕީއެމްގެ ފަރާތުން ވެސް އެ ބިއުރޯއަށް 10 ޝަކުވާއެއް އޭރު ހުށަހަޅާފައި އޮތް އޮތުމެވެ.

ޝަރީއަތުގައި އެންމެ ބޮޑަށް ބަހުސް ކުރި އަނެއް ކަމަކީ ރައީސް ޔާމީން އަމިއްލަފުޅަށް ބަލި ގަބޫލުފުޅުކުރެއްވުމަށް ފަހު އިންތިޚާބު ބާތިލް ކުރައްވަން ކޯޓަށް ވަޑައިގަތުމެވެ. އިންތިޚާބުގެ ނަތީޖާއަށް 24 ގަޑިއިރު ނުވަނީސް ރައީސާއި ޕީޕީއެމުން ރީތި ގޮތުގައި ބަލި ގަބޫލުކުރެއްވުމަށް ފަހު، އިންތިޚާބުގެ މިނިވަންކަމާ މެދު ފަހުން ސުވާލު އުފައްދަވައި، ކޯޓަށް ވަޑައިގަތުމުން އެކަމަށް އިދިކޮޅު ވަކީލުން ރައްދު ދެއްވި އެވެ.

އެ ވަކީލުން ވިދާޅުވާ ގޮތުގައި ރައީސް އެގޮތަށް، ރައްޔިތުންގެ ކުރިމަތީގައި، ބަލި ގަބޫލުފުޅުކުރެއްވުމަކީ އިންތިޚާބުގެ ކަންކަމާ މެދު ޝަކުވާ ކުރެއްވުމުގެ ހައްގު އެމަނިކުފާނު އަމިއްލަފުޅަށް ދޫކޮށްލެއްވުމެވެ. އެހެންކަމުން އިދިކޮޅު ވަކީލުން ވިދާޅުވީ އެ ޝަކުވާ އެމަނިކުފާނަށް ދެން ނުކުރެއްވޭނެ ކަމަށެވެ.

ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް އެދިވަޑައިގެން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ފަހު އަޑުއެހުމަށް، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް އިއްޔެ ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް އެދިވަޑައިގެން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ފަހު އަޑުއެހުމަށް، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް އިއްޔެ ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެއަށް ޖަވާބު ދެއްވަމުން ރައީސްގެ ވަކީލުން ވިދާޅުވީ ރައީސް ބަލި ގަބޫލުފުޅުކުރެއްވީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރެއްވުމަށް ކަމަށެވެ. އަދި އިންތިޚާބުގެ މައްސަލަތައް ފެންމަތިވީ އޭގެ ފަހުން ކަމަށާއި އެމަނިކުފާނު އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ވެސް ލިބެމުންދިޔަ ޝަކުވާތަކާ ހެދި ރައްޔިތުންގެ ހައްގުގައި ކަމަށް އެ ވަކީލުން ވިދާޅުވި އެވެ.

އިންތިޚާބު ބާތިލް ކުރުމުގެ އިތުރުން ރައީސްގެ ވަކީލުން ދެވަނަ އަށް އެންމެ ބޮޑަށް އެދިވަޑައިގަތީ އެ ފަރާތުން ފާހަގަކުރި މައްސަލަތައް ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ސިފައިންނާއި ފުލުހުން ލައްވައި، ތަހުގީގެއް ހިންގުމަށެވެ.

ތަހުގީގު ކުރަން ޖެހޭ މައްސަލައެއް އޮތް ނަމަ އުސޫލުގެ ތެރެއިން އެކަން ބަލަން އިލެކްޝަންސް ކޮމިޝަނާއި އިދިކޮޅުން ވެސް ދެކޮޅެއް ނޫނެވެ. އެކަމަކު އެ ދެ ފަރާތުން ވެސް ފާހަގަކުރާ ކަމަކީ ޖިނާއީ ކަންކަން ތަހުގީގު ކުރިޔަސް، އެއީ އިންތިޚާބު ބާތިލް ކުރަން ޖެހޭ ކަމެއް ނޫން ކަމެވެ. އެ ގޮތުން އެފަދަ ތަހުގީގަކުން އިންތިހާބުގެ ނަތީޖާއަށް ބަދަލު ނާންނާނެ ކަމަށް ވެސް އެ ވަކީލުން ވިދާޅުވި އެވެ. އަދި އެފަދަ ތަހުގީގެއް ހިންގަން ޖެހޭނީ ޖިނާއީ ތަހުގީގު ހިންގުމުގެ އާންމު އުސޫލުގެ ތެރެއިން ކަމާއި ނަމަވެސް އެއީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް އިިދިކޮޅު ވަކީލުން ފާހަގަކުރެއްވި އެވެ.

އިންތިހާބު ބާތިލްކުރުމުގެ ހުއްޖަތާއި އޭގެ ރައްދު

ޝަރީއަތުގައި އެންމެ ބޮޑު ބަހުސެއް ހިނގީ އިންތިޚާބު ބާތިލް ކުރުމާ މެދުގަ އެވެ. ރައީސްގެ ވަކީލުންގެ ތުހުމަތަކީ އިންތިޚާބު އޮޅުވާލަން ފެށުނީއްސުރެން ހުރިހާ ކަމެއް "ޑިޒައިން" ކުރިކަމެވެ. އޭގެ އެންމެ ވަރުގަދަ ދަލީލަކީ އެމް7 އަށް ވޯޓު ކަރުދާސް ޗާޕްކުރަން ދިނުމެވެ. އެހެންވެ، އެމް7 އަށް އެ މަސައްކަތް ދީފައި އޮތް އޮތުމުގެ މައްޗަށް އެކަނި ބިނާ ކޮށްގެން ވެސް އިންތިޚާބު ބާތިލް ކުރަން ޖެހޭ ކަމަށް ރައީސްގެ ވަކީލުން ވިދާޅުވެ އެވެ.

ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް އެދިވަޑައިގެން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ފަހު އަޑުއެހުމަށް، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ސަލީލް (ރޭނިސް) އިއްޔެ ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް އެދިވަޑައިގެން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ފަހު އަޑުއެހުމަށް، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ސަލީލް (ރޭނިސް) އިއްޔެ ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެކަމުގައި އިލެކްޝަންސް ކޮމިޝަނާއި އިދިކޮޅު ކޯލިޝަންގެ ވަކީލުން ފާހަގަކުރެއްވީ ވަރަށް ސާފު ނުކުތާއެކެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި ދެ ކެންޑިޑޭޓުންގެ މެދުގައި ވޯޓުގެ ފަރަގު ރާއްޖޭގެ ރެކޯޑް އަދަދެއްގައި އޮތްއިރު، އެ ފަރަގު ނައްތާލެވޭ ފަދަ މައްސަލަތަކެއް ފެންނާކަށް ނެތެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު ބުނާ ގޮތުން އިންތިޚާބެއް ބާތިލް ކުރެވެން އޮންނަނީ ނަތީޖާއަށް ބަދަލު އައުމުގެ ފުރުސަތު އޮންނަ ހާލަތެއްގައި ކަމަށް ވާއިރު، ދެ ކެންޑިޑޭޓުންގެ މެދުގައި އޮތް 38،000 ވޯޓުގެ ފަރަގު ނައްތާލެވޭ ވަރުގެ މައްސަލައެއް ނުވަތަ ހެއްކެއް ދެއްކިފައި ނެތްކަން އިލެކްޝަންސް ކޮމިޝަނާއި އިދިކޮޅުގެ ވަކީލުން ފާހަގަކުރެއްވި އެވެ.

ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް އެދިވަޑައިގެން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ދެވަނަ އަޑުއެހުމަށް ފަހު، އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލް ހުސައިން ޝަމީމް މިދިޔަ ހޯމަ ދުވަހު އެ ކޯޓުން ނުކުމެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް އެދިވަޑައިގެން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ދެވަނަ އަޑުއެހުމަށް ފަހު، އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލް ހުސައިން ޝަމީމް މިދިޔަ ހޯމަ ދުވަހު އެ ކޯޓުން ނުކުމެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކޮމިޝަންގެ ވަކީލުން ކޯޓުގައި ވިދާޅުވާ ގޮތުން އިންތިޚާބު ބާތިލް ކުރެވޭނެ ހަމައެކަނި ގޮތަކީ އެ މައްސަލާގައި ފާހަގަކުރާ ކަންކަމުގެ ސަބަބުން 38،000 ވޯޓަށް އަސަރު ކުރިކަން ސާބިތުކޮށްދިނުމެވެ. އެކަމަކު އެފަދަ ހެއްކެއް ނުދެއްކޭ ކަމަށް ކޮމިޝަންގެ ވަކީލުންނާއި އިދިކޮޅު ވަކީލުން ތަކުރާރުކޮށް ވިދާޅުވި އެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގެ ސަމާލުކަން ވެސް މިހާރު މިވަނީ އިންތިޚާބުގެ މައްސަލައަށް އަމާޒުވެފަ އެވެ. އިންތިޚާބުގެ ނަތީޖާ ދުނިޔޭގެ ބޮޑެތި އެތައް ގައުމަކާއި ބޭރުގެ ޖަމާއަތްތަކުން ގަބޫލުކޮށްފައި ވަނިކޮށް އެ އިންތިޚާބު ބާތިލް ކުރަން ކޯޓަށް ހުށަހެޅުމުން ރައީސް ޔާމީނަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފަ އެވެ. އަދި ރައްޔިތުން ވަރަށް ސާފުކޮށް ނިންމާފައިވާ ކަމަކާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރަން ބުނެ ބައެއް ގައުމުތަކުން ވަނީ އިންޒާރު ވެސް ދީފަ އެވެ.

ބޭރުގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުހީތަކަށް ވެސް ރާއްޖޭގެ އިންތިހާބުގެ މި މައްސަލަ އޮތީ އަރައިފަ އެވެ.

މުޅި ރާއްޖެ މިހާރު އޮތީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުން ނިންމަވާ ނިންމުން އަންނާނެ އިރެއްގެ އިންތިޒާރުގަ އެވެ.