33 ކެންޑިޑޭޓަކު ނަން އަނބުރާ ނެގިއިރު ގިނައީ އެމްޑީޕީގެ މެމްބަރުން

މިިދިޔަ އޭޕްރީލް މަހު ބާއްވަން ކުރިން ހަމަޖެއްސި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، ކޮވިޑް-19 އާ ހެދި ފަސްކޮށްފައި ވާތީ، އިންތިހާބަށް ކުރިމަތިލި 33 ކެންޑިޑޭޓަކު މިހާތަނަށް ނަން އަނބުރާ ނަގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.


އެ ކޮމިޝަނުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ކައުންސިލް އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅި 33 ކެންޑިޑޭޓެއްގެ ނަން ނެގިއިރު، އޭގެ ތެރޭގައި އެންމެ ގިނައީ އަމިއްލަ ގޮތުން ކުރިމަތިލި މީހުންނެވެ. އަމިއްލަ ގޮތުން ކުރިމަތިލި 17 މީހަކު ނަން ނަގާފައި ވެ އެވެ.

ސިޔާސީ ޕާޓީތަކަށް ބަލާއިރު، ނަން އަނބުރާ ނެގި ކެންޑިޑޭޓުންގެ ތެރޭގައި އެންމެ ގިނައީ އެމްޑީޕީގެ މެމްބަރުންނެވެ. އެ ޕާޓީގެ 10، ޕީޕީއެމްގެ ހަތަރެއް އަދި ޖުމްހޫރީ ޕާޓީގެ ދެ ކެންޑިޑޭޓަކު މިހާތަނަށް ނަން ނަގާފައިވާ ކަމަށް އީސީން ބުންޏެވެ.

ކައުންސިލްތަކުގެ އިންތިޚާބުގައި 982 ކެންޑިޑޭޓަކު އިންތިޚާބުކުރަން ޖެހެ އެވެ. އެ އިންތިޚާބަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 2،435 މީހަކު ކުރިމަތިލާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިިނައީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެއީ 876 ކެންޑިޑޭޓުންނެވެ. ނަމަވެސް މިހާރު އެމްޑީޕީން ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންގެ އަދަދު ވަނީ 865 އަށް ދަށްވެފަ އެވެ. ޖުމްލަ ކެންޑިޑޭޓުންގެ އަދަދު ވެސް 2،401 އަށް މަދުވެފައި ވެ އެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލި 16 ކެންޑިޑޭޓަކު ވެސް ނަން ނަގާފައި ވެ އެވެ. އޭގެ ތެރޭގައި ވެސް އެންމެ ގިނައީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓު ލިބުނު 11 ކެންޑިޑޭޓަކު ނަން ނަގާފައި ވެ އެވެ. އިދިކޮޅު ޕީޕީއެމްގެ ދެ ކެންޑިޑޭޓެއް އަދި އަމިއްލަ ގޮތުން ކުރިމަތިލުމަށް ހުށަހެޅި ތިން ކެންޑިޑޭޓަކު ނަން ނަގާފައިވާ ކަމަށް އީސީން ބުނެ އެވެ.

އަންހެނުންގެ ކޮމިޓީތަކަށް 930 މީހުން އިންތިހާބު ކުރަން ޖެހޭއިރު، 1،817 ކެންޑިޑޭޓުން ކުރިމަތިލި އެވެ. އެކަމަކު މިދިޔަ އަންގާރަ ދުވަހާ ހަމައަށް ތިބީ 1،793 ކެންޑިޑޭޓުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޙާބު އޭޕްރިލް 4 ގައި ބާއްވަން މަސައްކަތް ކުރި ނަމަވެސް ކޮވިޑް-19ގެ ސަބަބުން އެ އިންތިޚާބު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ފަސްކޮށް، އެކަމަށް ހާއްސަ ގާނޫނެއް ހަދައި ގާނޫނުއަސާސީ އަށް ވެސް ވަނީ އެކަމާ ގުޅޭ ގޮތުން ބަދަލު ގެނެސްފަ އެވެ. މި ބަދަލާ އެކު، އަންނަ އަހަރުގެ މާޗު މަހު އިންތިޚާބު ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް އަދި ވަކި ތާރީޚެއް ކަނޑައެއް ނާޅަ އެވެ.