ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދިނުމަށް ކުރި ކެމްޕޭނަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ މަގުތަކުގައި ޕީޕީއެމްގެ ދިދަ އާއި ބެނާ ދެމުމަށް ޖެހި ހޮޅިތައް ހުޅުމާލެއިން ބޭރު ކުރަން އުޅެނިކޮށް މިއަދު ފުލުހުން އެކަން ހުއްޓުވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެޗްޑީސީގެ ހޮޅިތަކެއް ދޯންޏަކަށް އަރުވައިގެން ގެންދަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެކަން ހުއްޓުވައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ފުލުހުން އެކަން ހުއްޓުވިއިރު ހުޅުމާލޭގައި އެފްއެސްއެމްއިން ހިންގާ ޕެޓްރޯލް ޝެޑާ ދިމާލު ބަނދަރަށް ގިނަ އަދަދެއްގެ ހޮޅި ޖަމާކޮށްފައި ހުއްޓެވެ. އަދި މުދާ އުފުލާ ދޯންޏަކަށް ބައެއް ހޮޅި ހުރީ އަރުވާފަ އެވެ.
އެ ކަމާ ގުޅިގެން އެޗްޑީސީގެ ބަހެއް ވަނީ ލިބޭގޮތްނުވެފަ އެވެ. އެހެންކަމުން އެ ހޮޅިތައް ގެންދަނީ ކޮންތާކަށް ކަމެއް ނޭނގެ އެވެ.
ރައީސް ޔާމީންގެ ކެމްޕެއިނަށް ގަވައިދާ ހިލާފަށް އެޗްޑީސީން މިލިއަނުން ހަރަދު ކުރިކަން ވަނީ ފަޅާ އަރާފަ އެވެ. އެމައްސަލަ އޭސީސީ އާއި އެޗްޑީސީން ބަލަން ފަށާފައިވަނިކޮށް ހެކިތައް ނައްތާލުމަށް މަސައްކަތް ކުރާކަމަށް މިއަދު ވަނީ އަޑުފެތުރިފަ އެވެ.
އެ ކުންފުންޏަށް ލިބިފައިވާ މާލީ ގެއްލުމުގެ ސަބަބުން ހުޅުމާލެއިން 1،000 އަކަފޫޓުގެ 400 ގޯއްޗެއް ވިއްކުމަށް ވަނީ ނިންމާފަ އެވެ.
ރައީސް ޔާމީންގެ ކެމްޕޭންގައި، ހުޅުމާލޭގައި މައި ޖަގަހައެއްގެ ގޮތުގައި އެޗްޑީސީން އިމާރާތް ކުރަމުން އަންނަ ޕްރީ ސްކޫލް ބޭނުން ކޮށްފައިވާ އިރު، މިލިއަނުން ފައިސާ ހޭދަކުރި ކަން ވެސް އެ ކުންފުނީގެ ލިޔެކިޔުންތަކުން ވަނީ ފަޅާއަރައިފަ އެވެ. ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކަށް، ނުވަތަ ކެންޑިޑޭޓެއްގެ ކެމްޕޭނަށް ވިޔަސް ދައުލަތުގެ ބަޖެޓުން ހޭދަކޮށް، މުދަލާއި ވަސީލަތްތައް ބޭނުން ކުރުމަކީ ކޮރަޕްޝަންގެ އަމަލެކެވެ. މިދިޔަ މަހު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް ޔާމީނަށް ތާއީދު ހޯދަން، އެޗްޑީސީގެ ވަސީލަތްތައް ބޭނުންކުރުމުގެ އިތުރުން މުވައްޒަފުން ލައްވައި ވެސް ވަނީ މަސައްކަތް ކުރުވައިފަ އެވެ.