ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ކަންކަމާ ބެހޭގޮތުން، ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ޓީމުން ރައްޔިތުންގެ މަޖިލީހާ މިއަދު މަޝްވަރާ ކޮށްފި އެވެ.

ވެރިކަމުގެ ބާރުތައް އާ ސަރުކާރަށް ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ބަލަހައްޓާ ކޮމެޓީން މިއަދު މެންދުރު ވަނީ މަޖިލީހުގެ އިދާރާގައި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާ (ރީކޯ) ބައްދަލުކޮށް، އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ޑައިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފާއި ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަރުހަލާގެ ޗެއާމަނަކަށް އިބޫ އައްޔަން ކުރެއްވި މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ބައިވެރިވެ ވަޑައިގަތެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުވާ ކުރުމުގެ ރަސްމިއްޔާތަކީ ގާނޫނީ ގޮތުން ރައްޔިތުންގެ މަޖިލީހުން އިންތިޒާމު ކުރާ ކަމަކަށް ވާތީ، އެކަމާ ގުޅޭ ކަންކަން ސެޕްޓެމްބަރު 26 އިން ފެށިގެން ކުރަމުން ގެންދާ ކަމަށް މަޖިލީހުގެ ނައިބު ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަމަށް ދެ ފަރާތުން ހާއްސަ ކޮމެޓީއެއް ނަގައި އިންތިހާބީ ރައީސް ބޭނުންފުޅުވާ ގޮތަކަށް އެ އިންތިޒާމުތައް ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެ އެވެ.

އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ގަލޮޅު ދަނޑުގައި ބާއްވަން ނިންމާފައިވާ ކަމަށް އެމްޑީޕީން ކުރިން ވަނީ ބުނެފަ އެވެ. އެ ރަސްމިއްޔާތުގައި ގައުމުތަކުގެ އިސް ބޭފުޅުންނާއި މަންދޫބުން ބައިވެރިވާނެ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.