އިންތިޚާބުގެ މައްސަލާގެ ބަޔާންތަކުގައި ސޮއިކޮށްފި

ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލާގެ ބަޔާންތަކުގައި ވަކީލުން ސޮއިކުރައްވައިފި އެވެ.


މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ތެރެއަށް އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ވަދެފަ އެވެ.

އެ މައްސަލާގެ އަޑުއެހުންތައް މިދިޔަ އަންގާރަ ދުވަހު ވަނީ ނިންމާލައިފަ އެވެ. އެހެންވެ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލާގެ ބަޔާންތަކުގައި ވަކީލުން މިހާރު ވަނީ ސޮއިކުރައްވައި ނިންމަވައިފަ އެވެ.

އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ ފުލް ބެންޗުންނެވެ.

އިންތިޚާބުގެ ނަތީޖާއަށް ފަހު ރައީސް ބަލި ގަބޫލު ކުރެއްވުމަށް ފަހު، އިންތިޚާބު ބާތިލް ކުރަން ހުށަހަޅާފައިވާ މައްސަލާގައި އޮތީ ޚިޔާލީ ވަހުމްތަކެއް ކަމަށާއި ހުށަހެޅި އެއްވެސް ކަމެއްގެ އެއްވެސް ހެއްކެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނާއި އިދިކޮޅު ކޯލިޝަންގެ ވަކީލުން ވަނީ ކޯޓުގައި ވިދާޅުވެފަ އެވެ. އެކަމަކު ރައީސްގެ ވަކީލުން ވިދާޅުވަމުން ގެންދެވީ އިންތިޚާބުގެ ނަތީޖާ ވަކި ބަޔަކަށް އަނބުރާލަން ކޮމިޝަނުން މަސައްކަތްކުރީ ކަމަށެވެ.