މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުން ބަލައިގަނެ، ބާރުތައް ބަދަލުކުރުމުގެ މަރުހަލާއަށް އެއްބާރުލުން ދެއްވުމަށް ރައީސް އަބްދުﷲ ޔާމީނަށް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ގޮވާލައްވައިފި އެވެ.
އިންތިޚާބު ބާތިލްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން އިބޫގެ އޮފީހުން ނެރުނު ބަޔާނުގައި، އިންތިޚާބަށް ވާނެ ގޮތަކާ މެދު އޮޅުންގަނޑެއްގެ ތެރޭގައި ހަފުތާއެއް ވަންދެން ތިބެންޖެހުނުކަން ފާހަގަކުރައްވާފައިވެ އެވެ. އަދި މިއަދުގެ ހުކުމާ އެކު، އިންތިޚާބުގެ ކާމިޔާބީ ދިވެހިންނަށް އުފަލާއެކު ފާޅުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. އެހެންވެ ރައީސް ޔާމީން ވެސް އެކަން ބަލައިގަނެ ބާރުތައް ބަދަލުކުރުމުގެ މަރުހަލާގައި އިހްލާސްތެރިކަން ދެއްކެވުމަށް ގޮވައިލެއްވި އެވެ.
އަދި މިއަދުގެ ހުކުމަށް ފަހު، ބާރުތައް ބަދަލުކުރުމުގެ މަސައްކަތް އޮމާންކަމާ އެކު ކުރިއަށް ދާނެ ކަމަށް ރައްޔިތުން އުންމީދުކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ އިންތިޚާބު ބާތިލްކުރަން ފުރަތަމަ ހުށަހެޅިއިރު ވެސް އެކަމުގައި އެއްވެސް ސީރިއަސްކަމެއް ފެންނަން ނެތް ކަމަށެވެ. ވޯޓާ ގުޅޭ ހަގީގީ ކަންބޮޑުވުންތަކަށް ވުރެ ބޮޑަށް ފާހަގަކޮށްފައިވަނީ ވެސް ބަޔާނުގައިވާ ގޮތުން، އިންތިޚާބުން ބަލިވުމުން އެކަމެވެ.
އިންތިޚާބުގެ ކެމްޕެއިނުގެ ދުވަސްވަރު ވެފައިވާ ވައުދުތައް ފުރިހަމައަށް ފުއްދުމަކީ ވެސް ވަރަށް މުހިއްމު ކަމެއްކަން ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ. އެގޮތުން އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށް، ގާނޫނު އަސާސީ ދަމަހައްޓައި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.
އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ބަލި ގަބޫލު ކުރެއްވުމަށް ފަހު، އިންތިޚާބު ބާތިލުކުރަން ރައީސްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދޭން އުޅުމާއި ނަތީޖާ ވަކި ކޮޅަކަށް އަނބުރައިލަން ކޮމިޝަނުން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށްފަ އެވެ.
އެ މައްސަލައިގެ ހުކުމް އިއްވުމަށްޓަކައި މިއަދު މެންދުރު ބޭއްވި ޝަރީއަތުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އިންތިޚާބު ބާތިލްކޮށް، އަލުން އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަށް އިއްތިފާގުވެފައިވާ ކަމަށެވެ.