ސުޕްރީމް ކޯޓަށް ދިޔައީ އިންތިޚާބު ގަޑުބަޑު ކުރީމާ: ނިހާން

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އިންތިޚާބު ގަޑުބަޑުކޮށްފައި އޮތް ކަން ހެކިތަކުން ފެންނަން ހުރީމާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ރޭ ވިދާޅުވެއްޖެ އެވެ.


ރިޔާސީ އިންތިޚާބުގައި ބޮޑުތަނުން ބަލިވި، ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް ފެށިގެން ކުރިއަށް ދާއިރު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިފަަކުރި ގޮތުން ނަމަ، ރައީސް ޔާމީންގެ ފަަރާތްޕުޅުން ފާހަގަކުރައްވާ ކަންކަމަށް "ތުހުމަތުގެ ދަރަޖަ ވެސް ލިބިގެން ނުވެ" އެވެ. އެހާ ބޮޑު ތަފާތަކުން ރައީސް ޔާމީން ނާކާމިޔާބުވި އިންތިޚާބެއް ބާތިލް ކުރަން ހުށަހަޅަން ޖެހޭ ވަރުގެ އެއްވެސް ހެއްކެއް ނެތް ކަމަށް އެ ކޮމިޝަނުން ގަބޫލު ކުރެ އެވެ.

ޕީއެސްއެމް ނިއުސްގެ "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިހާން ރޭ ވިދާޅުވީ އިންތިޚާބު ބާތިލް ކުރުމަށް ކޯޓަށް ދިއުމަކީ ފަސޭހަ ކަމަކަށް ނުވި ނަމަވެސް، އެކަން ކުރަން މަޖުބޫރުވީ ރައްޔިތުން ގެނައި ޝަކުވާތަކުގެ ސަބަބުން ކަމަށެވެ. އަދި އެކަމުގެ ފަރުވާ ލިބެން އޮތް ތަނަކީ ސުޕްރީމް ކޯޓު ކަމަށް ވާތީ އެ ކޯޓަށް ވަޑައިގަތީ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި، އީސީން މިނިވަން، އިންސާފުވެރި އިންތިޚާބެއް ނުބާއްވާނެ ކަން މީގެ ކުރިން ހާމަ ކުރީ ވެސް އިދިކޮޅު ފަރާތްތަކުންނެވެ. އަދި ބޭރުގެ އެކިއެކި ފަރާތްތަކުން ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންތިޚާބަށް ނުފޫޒު ފޯރުވޭނެ ފަދަ ވާހަކަތަކެއް އިދިކޮޅު ފަރާތްތަކުން ދެއްކި ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން، ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ފަހު އަޑުއެހުމަށް، އެމަނިކުފާނުގެ ގާނޫނީ ވަކީލް އައްބާސް ޝަރީފް މިއަދު ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ނިހާން ވިދާޅުވީ އީސީގެ މެމްބަރުންގެ އިހުމާލުން ނުވަތަ އެބޭފުޅުން ރާވައިގެން ގަސްދުގައި އިންތިޚާބުގެ ކަންކަން ރާވާފައި ހުރީ ގޯސްކޮށް ކަން ހެކިތަކުން އެނގިވަޑައިގެންނެވި ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިގެން، ކަން ހިނގި ގޮތް ބަލަން މަޖުބޫރުވި ކަމަށް ވެސް ނިހާން ތަކުރާރުކޮށް ވިދާޅުވި އެވެ.

"އޭގެ ކޮބައިތޯ ގޯހަކީ؟ އަޅުގަނޑު މި ދަންނަވަނީ ބެލުމުގެ ކޮބައިތޯއޭ (ގޯހަކީ). ބަލަން އިދިކޮޅު މީހުން ދެކޮޅު ހަދަނީ ކީއްވެތޯއޭ؟ ކެތްތެރިކަމާ އެކު މަޑުކޮށްލަންވީނޫންތޯ ގޯހެއް ހަދާފައި ހުރިތޯ ބަލަން،" ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެންމެ އަވަސް، އަދި އެންމެ އިތުބާރު ބޮޑު ގޮތެއްގައި މިކަމުގެ ފަރުވާ ހޯއްދެވުމަށެވެ.

"ހިތާމަ އަކީ މިހެން ދާން ޖެހުން. އެކަމަކު އަޅުގަނޑުމެންގެ އުންމީދަކީ އިންސާފު ގާއިމު ކުރެވުން،" އިންތިޚާބު އޮޅުވާލުމަށް ގިނަ ކަންކަން ހިންގާފައިވާ ކަމުގެ ތަފްސީލް ދެއްވައި ނިހާން ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު މޫސާ ޒަމީރު ވިދާޅުވީ، ރައީސް ޔާމީން ބަލި ގަބޫލު ކުރައްވާފައި އޮއްވައި އެކަން ބަދަލު ކުރެއްވީ ފަހުން އުފެދުނު މައްސަލަތަކާ ހެދި ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ނިންމާ ގޮތެއް ބަލައިގަންނާނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިންތިޚާބު ބާތިލްކޮށްފި ނަމަ، ޕީޕީއެމުން ދެން މަސައްކަތް ފަށާނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށެވެ. އަދި އިންތިޚާބު ބާތިލްނުކޮށްފި ނަމަ، ޕީޕީއެމުން މަސައްކަތް ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު އޮންނަ އާންމު އިންތިޚާބަށް ކެމްޕެއިން ކުރަން ކަމަށް ޒަމީރު ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ކޮންމެ ފަރުދެއްގެ ހައްގުތައް ހިމާޔަތްކޮށް ދަމަހައްޓަން ޖެހޭއިރު، ތިން ބާރު ވަކިވެފައި އޮންނަ ރިޔާސީ ނިޒާމެއްގައި މައްސަލައަށް ފަރުވާ ހޯދަން ޖެހޭ ބަޔަކީ ސުޕްރީމް ކޯޓު ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމުން ސިލްސިލާކޮށް ބާއްވާ ޝުއޫރު ފާޅުކުރުމުގެ ހަރަކާތް، އެ ޕާޓީގެ އޮފީސް ކުރިމަތީގައި ރޭ ކުރިއަށް ގެންދަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި ގައުމު އެންމެ އިސްކޮށްގެން ކުރާ ކަން އޮންނާނީ ދައްކާފައި. މުޒާހަރާއެއް ކުރިޔަސް، އޮންނަންވާ ގަޑިއަށް ނިންމާނަން،" ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ކޮންމެ ރެއަކު އޮންނަ އަޑުއުފުލުމަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އިންތިޚާބާ ގުޅޭ ގޮތުން ކޮންމެ ނިންމުމެއް ވެސް ސުޕްރީމް ކޯޓުން ނިންމި ކަމުގައިވިޔަސް، އެކަން ބަލައިގަނެ ކުރިއަށް ހިނގައިގަންނަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ގޮތުން ނުކުމެ ތިއްބެވީ އެކަމުގެ ހިތްވަރު ހުރީމަ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.