އުއްތަމަ ފަނޑިޔާރުގެ ވަރުގަދަ ސުވާލުތަކެއް އީސީގެ ވަކީލުންނަށް!

ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު ކަމުގެ ގޮނޑި އިލްހާމް އަހުމަދަށް ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ވަރުގަދަ ސުވާލުތަކެއް އީސީގެ ވަކީލުންނަށް މިއަދު އަމާޒުކުރައްވައިފި އެވެ.


ޕީޕީއެމް ދޫކޮށް، ސަރުކާރާ ދެކޮޅަށް މަސައްކަތްކުރައްވަން ފެއްޓެވި އިލްހާމްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ޖުލައި 13، 2017 ގައި އެ ކޯޓުން ނެރުނު ހުކުމަށް ރިއާޔަތްކޮށެވެ.

އިލްހާމް މިނިވަންވެ ކޯޓުން ނިކުމެވަޑައިގަތުމުން އިލްހާމް މަންމަގެ ގައިގައި ބައްދާލައިގެން.---ފޮޓޯ: /މިހާރު

ނަމަވެސް، އިލްހާމްގެ ވަކީލް ނަދީމް އިބްރާހިމް ވިދާޅުވީ ސިޔާސީ ޕާޓީގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވައިދާ އެއްގޮތަށް ޖުލައި 9، 2017 ގައި އިލްހާމް ޕާޓީން ވަކިވާން ސިޓީ ފޮނުވި ކަމަށެވެ. އަދި ޕީޕީއެމްގެ ދަފްތަރުން އުނިކޮށް ދިނުމަށް އެދި ޖުލައި 10، 2017 ގައި، އީސީއަށް ހުށަހެޅި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންވެ ސުޕްރީމް ކޯޓުގެ ހުކުމާއި އޭގެ ފަހުން ސުޕްރީމް ކޯޓުން ޖުލައި 16، 2017 ގައި ނެރުނު އަމުރުގައި ވެސް މާޒީވެ ދިޔަ ކަންކަމުގެ މައްޗަށް ރުޖޫއަނުވާނެ ކަން ބަޔާންކޮށްފައިވާތީ އިލްހާމްގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައަޅައިގެން ނުވާނެ ކަމަށް ނަދީމް ވިދާޅުވި އެވެ.

އެހެންވެ އިލްހާމްގެ ގޮނޑި ގެއްލޭނެ އެއްވެސް އަސާސެއް ނެތް ކަމާއި އިލެކްޝަންސް ކޮމިޝަންގެ ނިންމުމަކީ ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި އިލްހާމަކީ މިހާރު ވެސް މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި ކަނޑައަޅައި ދެއްވަން އޭނާ އެދިވަޑައިގެންނެވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަކީލް އަދި އެސިސްޓަންޓް ލީގަލް އޮފިސަރު އައިޝަތު ސުމައިނާ ވިދާޅުވީ އިލްހާމް ޕީޕީއެމުން ވަކިވާން އެދި ޖުލައި 10، 2017 ގައި ފޮނުވި ސިޓީ ލިބިފައިވާ ކަމަށެވެ. އެކަމަކު ޕާޓީން ވަކިވުމުގެ ކަންކަން ސިޔާސީ ޕާޓީގެ ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދަން އެދި އިލްހާމަށް ޖުލައި 12، 2017 ގައި ކޮމިޝަނުން ސިޓީ ފޮނުވި ކަމަށް އޭނާ ވިދާޅުވި އެވެ.

ސުމައިނާ ވިދާޅުވި ގޮތުގައި އޭގެ ފަހުގައި މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހަށް ހުށަހަޅަން ސޮއިކުރެއްވި މެމްބަރުންގެ ތެރޭގައި އިލްހާމް ހިމެނިވަޑައިގަންނަވާތީ އޭނާގެ ސުލޫކީ މައްސަލައެއް ޕީޕީއެމުން ބަލަން ފެށި އެވެ. އަދި ވަކި ގަޑިއިރުތަކެއްގެ ތެރޭގައި ސޮއި އަނބުރާ ގެންދަން އިލްހާމަށް ފުރުސަތު ދެއްވި ކަމަށް ސުމައިނާ ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ ސޮއި އަނބުރާ ނުގެންދެވުމުން، ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅައި، ޖުލައި 20، 2017 ގައި އެ ޕާޓީން ވަކިކޮށް ދޭން އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށެވެ. އެހެންވެ، އެ ދުވަހު އިލްހާމް ޕާޓީގެ ދަފްތަރުން އުނިކޮށްދިން ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އިލްހާމް ޕީޕީއެމްގެ ދަފްތަރުން އުނިކުރީ ސުލޫކީ ކޮމިޓީގެ ޔައުމިއްޔާ ބެލުމަށް ފަހު އާއި ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް،" އިލްހާމް ވެސް އިންނެވި އަޑުއެހުމުގައި ސުމައިނާ ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރުގެ ގިނަ ސުވާލުތަކެއް

އިލެކްޝަންސް ކޮމިޝަނުން އިލްހާމް ވަކިކުރީ ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް ކަމަށް ކަނޑައަޅައި ދިނުމަށް ސުމައިނާ އެދިވަޑައިގަތުމުން، އުއްތަމަ ފަނޑިޔާރު ވަނީ ގިނަ ސުވާލުތަކެއް ކުރައްވައިފަ އެވެ. އެގޮތުން އިލްހާމް ދެ ފަހަރެއްގެ މަތިން ވަކިކުރަނީ ކިހިނެއްތޯ އެއްސެވި އެވެ.

ސުމައިނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން އިލްހާމް ޕާޓީން ވަކިވެފައި ނެތް ކަމަށެވެ.

ޕީޕީއެމުން ވަކިވާން އެދި ހުށަހެޅުމަކީ ވަކިވާ ހާލަތެއް ނޫންތޯ އުއްތަމަ ފަނޑިޔާރު ސުވާލުކުރެއްވުމުން ޖަވާބުގައި ސުމައިނާ ވިދާޅުވީ ޕާޓީގެ މެމްބަރު ކަމުން މީހަކު ވަކިވާނީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުން އަންނަ ދަފްތަރުން އެމީހަކު އުނިކުރާ ހިސާބުން ފެށިގެން ކަމަށެވެ.

ސުމައިނާގެ ވާހަކަތަކާ ގުޅިގެން އުއްތަމަ ފަނޑިޔާރު ވަނީ "މިތަނުގައި ދަފްތަރުގެ ވާހަކަ ނުދައްކާ" ކަމަށް ވިދާޅުވެ، "ސުވާލަށް ޖަވާބު ދެއްވަން" އެދިވަޑައިގެންފަ އެވެ. އަދި ބޭނުންވެގެން މިއުޅެނީ އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ އުސޫލު ނޫން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އޭގެ ފަހުގައި، އުއްތަމަ ފަނޑިޔާރު ސުމައިނާގެ އަރިހުން އެދިވަޑައިގެންނެވީ ސިޔާސީ ޕާޓީގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވައިދުގައި އޮތް އެއްޗެއް ވިދާޅުވުމަށެވެ. އެހެންވެ، ސުމައިނާ ވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 13 ވަނަ މާއްދާގައި ވަނީ ކޮންމެ ސިޔާސީ ޕާޓީއެއްގައި ވެސް ގާނޫނުގައިވާ ގޮތުގެ މަތިން އެކަށައަޅާފައިވާ ޕާޓީގެ އަސާސީ ގަވައިދެއް އޮންނަން ވާނެ ކަމަށް ބުނާ މާއްދާ އާއި ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 20 ވަނަ މާއްދާގައި ޕާޓީގެ މެމްބަރު ކަމުން ވަކިވާނެ ހަތަރު ސަބަބުގެ ތެރެއިން އެއް ސަބަބަކީ ޕާޓީގެ މެމްބަރު ކަމުން ވަކިވާން އެދުން ކަމަށް ބުނާ މާއްދާ ވިދާޅުވެފަ އެވެ.

އިލްހާމް ޖުލައި 10، 2017 ގައި ފޮނުއްވި ސިޓީއާ ގުޅިގެން އެއީ ކިހިނެއް ހިނގި ކަމެއްތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރިތޯ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސުވާލު ކުރެއްވުމުން ސުމައިނާ ވިދާޅުވީ ޕީޕީއެމާ އެފަދަ ވާހަކައެއް ދައްކާފައި ނުވާނެ ކަމަށެވެ.

ޕާޓީގެ މެމްބަރު ކަމުން ވަގުތުން ވަކިކުރެވޭނެ ސަބަބެއް އޮތްތޯ ފަނޑިޔާރު އަބްދުﷲ ދީދީ ސުވާލު ކުރެއްވުމުން ސުމައިނާ ވިދާޅުވީ ޒަރޫރީ ސަބަބެއް ބަޔާންކޮށް ދީފި ނަމަ، އެ މީހަކު ވަގުތުން އެ ޕާޓީން ވަކިކޮށްދޭނެ ކަމަށެވެ. ޒަރޫރީ ހާލަތަކީ ކޮބައިތޯ އުއްތަމަ ފަނޑިޔާރު ސުވާލު ކުރެއްވުމުން، ސުމައިނާ ވިދާޅުވީ ޕާޓީއެއްގައި ހުރެގެން ވަޒީފާ އަދާނުކުރެވިދާނެ ކަމުގެ ބިރު އޮވެގެން، އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި ނަމަ، އެ މީހަކު ވަގުތުން ޕާޓީން ވަކިކޮށްދޭނެ ކަމަށެވެ.

ފަނޑިޔާރުންގެ ބެންޗުން ސުމައިނާއާ ސުވާލު ކުރެއްވުމަށް ފަހު، އިލްހާމްގެ ވަކީލް ފަހު ބަހެއްގެ ގޮތުގައި ވިދާޅުވީ އިލްހާމްގެ ގޮނޑި ގެއްލޭނެ އަސާސެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އީސީގެ ވަކީލުން އިތުރު ވާހަކައެއް ދައްކަވަން ނެތުމުން، އުއްތަމަ ފަނޑިޔާރު ވަނީ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އިލްހާމް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިއަދު ވަނީ ނިމިފަ އެވެ. ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ވިޔަސް ވަކި ތާރީހެއް އުއްތަމަފަނޑިޔާރު އިއުލާނެއް ނުކުރައްވަ އެވެ.